ޚަބަރު

ސާފް ފުޓްސަލް: ސްރީލަންކާ އާއި ނޭޕާލަށްވެސް ޕޮއިންޓެއް


ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ސްރީލަންކާ އާއި ނޭޕާލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 އިންނެވެ. މިއީ މިމުބާރާތުގައި ކުޅުނު 3 މެޗުގެ ތެރެއިން އެއްވަރުވި 2 ވަނަ މެޗެވެ. މިމެޗުގެ ކުޑަ އިރުކޮޅެއް ކުރިން ބޫޓާން އާއި ޕާކިސްތާން ބައްދަލުކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްރީ ލަންކާއިންނެވެ. މެޗުގެ 2 ވަނަ މިނެޓުގައި މި ލަނޑު ލަންކާއަށް ކާމިޔާބުކޮށްދިނީ ތަރްމިކާ ސިވަނެސްވަރަންއެވެ.

ސްރީލަންކާއިން ލީޑު ނަގިތާ މަގިނަ އިރުތަކެއް ނުވަނީ ނޭޕާލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަކޮށްފައެވެ. އެއީ މެޗުގެ 11 ވަނަ މިނެޓުގައި މަނީޝާ ތާޕާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ 3 މިނެޓު ފަހުން ބިމަލާ ޗޯދުރީ ކާމިޔާބުކޮށްދިން ލަނޑާއެކު ފަހަތުން އަރާ މެޗުގައި ނޭޕާލް އިން ވަނީ ލީޑު ނަގާފައެވެ.

ފުރަތަމަ ހާފް ނިމުނުއިރު ނޭޕާލް ލީޑުގައި އޮތްނަމަވެސް މެޗުގެ ދެވަނަ ހާފް ފަށައިގެން 5 ވަނަ މިނެޓުގައި ސްރީލަންކާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. އެއީ ތަރިދީ ލިޔަނާގެ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިއަށްގެންދާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަންގެ 3 މެޗު މިއަދު ކުޅެވުނު އިރު މާދަމާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން ފެށިގެންދާނެއެވެ.