ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އަމާޒުކޮށްގެން ތަރައްޤީކުރި "ވާދޫ ގްރީން ފާމް" ރަސްމީކޮށް ހުޅުވައިފިއެވެ. މި ގްރީން ފާމް ރަސްމީކޮށް ހުޅުވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މަރިޔާއެވެ.
ވާދޫ ގްރީން ފާމަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، ޔޫއެންޑީޕީ އަދި ވާދޫ އެސޯސިއޭޝަން ފޮރ ފިއުޗަރ ޑިވެލޮޕްމެންޓުން ގުޅިގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މިއަދު މި ދަނޑު ހުޅުވިގެންދިއުމަކީ ރަށްފުށުގެ މުޖުތަމަޢުތަކަށް ޚާއްސަކޯށްގެން ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމާއި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ހޯދި ބޮޑު ކުރިއެރުމެއް ކަަމަށެވެ.
ވާދޫ ގްރީން ފާމަކީ ސީދާ އިއާދަކުރަނިވި ހަކަތައިން ހިންގާ ވިޔަފާރި ފައިދާލިބޭ މިންވަރުގެ ހައިޑްރޮޕޯނިކްސް ދަނޑެކެވެ. މި ދަނޑުގެ ފުރާޅުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ އެހީގައި ފެންދިނުމާއި ފިނިކުރުމުގެ ނިޒާމުތައް ހިންގާއިރު، ވާރޭފެން ނަގާ ނިޒާމުތަކާއި ތިމާވެއްޓާ ރައްޓެހި ގްރޯވިންގ އުކުޅުތައް ބޭނުންކޔުރާނެއެވެ. މި ދަނޑުން 600 ކިލޯ ކިއުކަމްބާ އާއި 400 ކިލޯގެ ފަތުގެ ބާވަތްތައް އުފެއްދުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
Opened Vaadhoo Green Farm today—solar-powered hydroponics empowering women farmers and strengthening food security. Grateful to UNDP & GEF-SGP for their support. This is sustainable agriculture in action! 🌱🇲🇻☀️ #VaadhooGreenFarm #SustainableFarming @MAAWmv @UNDPMaldives pic.twitter.com/DmsVVlY6AX
— Maryam Mariya (@mmaryambu) January 13, 2026
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން ދަނޑުގައި މަސައްކަތްކުޜާ 18 އަންހެން ބޭފުޅުންނަށް ހައިޑްރޮޕޯނިކްސްގެ ތަމްރީން ދީފައިވާއިރު، އިތުރު 25 އަންހެނުންނަށް ސޯލާ ނިޒާމުތައް ބެލެހެއްޓުމުގެ ތަމްރީން ވަނީ ދީފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދަނޑުން މަހަކު 80,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވާދޫގައި މިހާރު ޖުމްލަ 32.5 ކިލޯވޮޓްގެ ސޯލާ ހަކަތަ ޤާއިމްކުރެވިފައިވާއިރު، މީގެ ސަބަބުން ރަށުގެ ޑީސަލް ބޭނުންކުރުން 32 އިންސައްތަ މަދުކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަހަރަކު 20 ޓަނަށްވުރެ ގިނަ ކާބަން ޑައިއޮކްސައިޑް ބޭރުވުން ކުޑަކުރެވެއެވެ. އަދި މި ނިޒާމުތައް ހިންގުމަށް ރަށުގެ 40 އަށްވުރެ ގިނަ މީހުން ވަނީ ތަމްރީން ކޮށްފައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދޭ، އަދި މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލާ ކުދި މުޖުތަމަޢުތަކަށް ދެއްކިދާނެ ނަމޫނާ މިސާލެއް ކަަމަށެވެ.