ޚަބަރު

އާންމު އެހީތަކަށް އެދޭ ފަރާތްތަކަށް ޚާއްސަ ޑެސްކެއް


  • އެހީތަކަށް އެދުމުގެ ކަންކަމުގައި އެހީތެރިވުމަށް ހެލްޕު ޑެސްކު ގާއިމްކުރީ ހެންވޭރު ފެރީ ޓަރމިނަލްގައި

  • ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކުވެސް ޚިދުމަތް ލިބޭނެ

ސަރުކާރުން ހުޅުވާލާފައިވާ އިޖުތިމާޢީ އާންމު އެހީތަކަށް އެދުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ "ހެލްޕު ޑެސްކެއް" ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ޤާއިމުކޮށްފިއެވެ. މިއަދު ފެށިގެން އެ ޑެސްކުން ޚިދުމަތް ލިބެމުންދާނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

ސަރުކާރުންވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިގެ ދަށުން ތެރަޕީގެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމާއި، ތެލެސީމިއާ ކުދިންނަށް އެލަވަންސް ދިނުމަށް ނިންމާފައިވާފައެވެ. ސަރުކާރުގެ ޑިޖިޓަލް ނިޒާމުގެ ތެރެއިން "ވަންގަވް" މެދުވެރިކޮށް ޚިދުމަތަށް އެދި ހުށައެޅުމަށް ހުޅުވާލާފައިވާއިރު އެކަމުގައި ބައެއް ފަރާތްތަކަށް ރަޖިސްޓަރވުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ޝަކުވާތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އާންމުންގެ ފަރާތުންވަނީ ހުށަހަޅާފައެވެ. އެހެންކަމުން މިކަމަށް ޙައްލެއްގެނެސް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންސްޕާއިންވަނީ ޚާއްސަ ޑެސްޓެއް ޤާއިމުކޮށްފައެވެ.

މި "ހެލްޕް ޑެސްކް" ޤާއިމުކޮށްފައި ހުންނާނީ ހެންވޭރު ފެރީ ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާގައެވެ. ސަރުކާރުން ބަންދު ދުވަސްތައް ފިޔަވާ އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:30އިން ހަވީރު 04:00 އަށް އެޑެސްކުން ޚިދުމަތް ލިބޭނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

މި ހެލްޕް ޑެސްކް މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އެލަވަންސްއާއި، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ އެލަވަންސާއި، ފޯސްޓަރކޮށްގެން ދަރިން ބަލާ ބެލެނިވެރިންގެ އެލަވަންސާއި، ކާބޯތަކެތި ހޯދުމަށް އެދި ހޯދާ އެލަވަންސާއި، ތެރަޕިއުޓިކް ޚިދުމަތްތަކަށްދޭ އެލަވަންސާއި، ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދޭ އެލަވަންސާއި، އައިވީއެފް ފަރުވާއާއި ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

އެންސްޕާއިން ވިދާޅުވީ، އެޑެސްކް މެދުވެރިކޮށް އެޕްލިކޭޝަން ފުރުމާއި ހުށައެޅުމުގެ ކަންކަން އޮޅުންފިލުވާލެވޭނެކަމަށެވެ. އަދި ހުށައަޅާފައިވާ އެޕްލިކޭޝަންގެ އަޕްޑޭޓް ބަލާލުމާއި އެންސްޕާގެ އެހެން ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތުތައްވެސް ހޯދޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ "އީ-ފާސް" ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެންސްޕާގެ މުވައްޒަފުންގެ އެހީތެރިކަން އެޑެސްކުން ލިބިގެންދާނެއެވެ. ހަމައެއާއެކު އެންސްޕާގެ ޚިދުމަތްތައް ހޯދުމަށް އެދޭ އެހެން ކަންކަމުގައިވެސް އެއިދާރާގެ މުވައްޒަފުންގެ އެހީތެރިކަން އެކުވެރި މާޙައުލެއްގެ ތެރެއިން ލިބިގެންދާނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

މިހެލްޕް ޑެސްކާއެކު ޑިޖިޓަލް ނިޒާމުގެ ތެރެއިން ސަރުކާރުން ރައްޔިތުންނަށް ދޭން ފަށާފައިވާ އިޖުތިމާޢީ އެހީތެރިކަމާއި ގުޅުންހުރި ޚިދުމަތްތައް އެންމެ ރަނގަޅުގޮތުގައި ލިބިގަނެވޭނެ މަގު ފަހިވެގެންދާނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.