މިދިޔައަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން 5.4 ބިލިޔަން ޑޮލަރު ރާއްޖޭގައި ހޭދަކޮށްފައިވާކަމަށް ވިސިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭއިން އާންމުކުރި ރާއްޖޭގެ އިޤްތިސާާދީ ހާލަތުގެ ރިޕޯޓާއި ހަވާލާދީ ވިސިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާއިރު، މިއީ ރެކޯޑް އަދަދެއްކަމަށެވެ.
އެމްއެމްއޭގެ ތަަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %15.8 އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރު މުޅި ދުނިޔެއަށާއި ސަރަހައްދީ ގައުމުތަކަށް ކުރިމަތިވި އިޤްތިސާދީ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ވިސިޓް މޯލްޑިވްސްއިން ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ އެއަރޕޯޓު ޓެކްސް އަދި ފަތުރުވެރިންގެ އަތުން ނަގާ މުދަލާ ޚިދުމަތުގެ ޓެކްސް، ޓީޖީއެސްޓީއަށް ބަދަލުތަކެއް ގެނައުމަށް އިއުލާންކުރުމާ ގުޅިގެން، ފަތުރުވެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުންގެ މެދުގައި ތަފާތު ބަހުސްތަކެއް ކުރެވުނުކަމަށެވެ. މި ފިޔަވަޅުތަކާ ދެކޮޅަށްވެސް ގިނަ ޚިޔާލުތަކެއް ފާޅުކުރެވި، ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަކޮށް ދެމެހެއްޓޭނެކަމާމެދު ސުވާލު އުފައްދިނަމަވެސް، މިދިޔަ އަހަރު ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހާސިލްކުރިކަމަށް ވިސިޓް މޯލްޑިވްސްއިން ބުނެއެވެ.
އެގޮތުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 10 އިންސައްތަ އިތުރުވުމާއި، ފަތުރުވެރިކަމުގެ މައި މާކެޓުތަކުން ހޯދި ކުރިއެރުންތަކާއި ބެޑް ކެޕޭސިޓީ އިތުރުވުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ އަދަދު އިތުރުވުމަކީ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުމަށް މެދުވެރިވި ސަބަބުތައްކަަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާއި ހަމައަށް ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރު ކުރުމެވެ. އެމަގަށް ކުރެވޭ މަސައްކަތުން މިވޭތުވެ ދިޔަ ދެ އަހަރު ތެރޭ މި ސިނާޢަތަށް 6،665 އެނދު ޚިދުމަތަށް ނެރެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރެވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި އިތުރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ފަތުރުވެރިކަން ފުޅާވެފައިވާ ނެތް އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އިތުރު ތަންތަން ހަވާލުކުރެވިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.