ކުޅިވަރު

ކޯޗު މަރެސްކާ ޗެލްސީ ދޫކޮށްލައިފި


އިނގިރޭސި މަޝްހޫރު ކުލަބު ޗެލްސީގެ ކޯޗުކަން އެންޒޯ މަރެސްކާ ދޫކޮށްލައިފި އެވެ.

ފީފާ ކުލަބު ވޯލްޑް ކަޕް ޗެލްސީ އަށް ކާމިޔާބުކޮށްދިންތާ އެންމެ ހަ މަސް ފަހުން އޭނާ ކޯޗުކަމުން ވަކިވީ މެނޭޖްމަންޓާ ދެމެދު އޮތް ހިތްހަމަނުޖެހުންތަކެއްގަ އެވެ.

މަރެސްކާ އަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ކުލަބު މެންޗެސްޓާ ސިޓިގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ފަހު އެ ކުލަބުގެ ކޯޗުކަމަށް ގެނައުން އެންމެ ގާތް އެއް ކޯޗު ވެސްމެ އެވެ. ފަހަރުގައި ގާޑިއޯލާ މި ސީޒަނަށް ފަހު ކޯޗުކަމުން ދުރަށް ދިއުން ވެސް އެކަށީގެންވެ އެވެ.

ވަރަށް ޒުވާން ޓީމަކާއެކު މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކޯޗުކޮށްދީ މަރެސްކާ ވަނީ ޔޫއޭފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި އެ ޓީމުގެ މި ސީޒަނުގެ އަމާޒަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ. ނަމަވެސް އޭނާ ކޯޗުކަމުން ވަކިވިއިރު އެ ޓީމު މިވަގުތު އޮތީ 19 މެޗުން 30 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ. އަދި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެވަޓަން އަތުން އެކަންޏެވެ.

އެ މެޗަށް ފަހު މަރެސްކާ ބުނެފައިވަނީ އޭނާ ހޭދަ ކުރީ ވަރަށް ގިނަ މީހުންނާ ހެދި އެ ކުލަބުގައި އެންމެ އުނދަގޫ 48 ގަޑިއިރު ކަމަށެވެ. މި ވާހަކަތަކަކީ ވަކި މީހަކަށް އަމާޒުކޮށް ދެއްކި ސީދާ ވާހަކައަށް ނުވި ނަމަވެސް ޗެލްސީގެ މެނޭޖްމަންޓުން ވަނީ ކޯޗުގެ މި ވާހަކަތަކުގެ އަމާޒު ސާފުކޮށްފަ އެވެ.

މަރެސްކާ ވަނީ ޗެލްސީގެ މެނޭޖްމަންޓުންގެ ބައެއް ނިންމުންތަކާމެދު ފާޅުގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ ސޮއި ކުރުވަން ބޭނުންވި ކުޅުންތެރިން ސޮއި ނުކުރުވުމާއި އޭނާގެ ވިސްނުމާއި ކުލަބުގެ ސްޕޯޓިން ޑިޕާޓްމަންޓްގެ ވިސްނުން ތަފާތުވުން ހިމެނެ އެވެ.

މަރެސްކާ ކޯޗުކަމުން ވަކިވިއިރު ޗެލްސީ އަށް ދެން އެންމެ އަވަހަށް އޮތީ ޓޭބަލުގެ ދެވަނާގައި އޮތް ސިޓީގެ މެޗެވެ.