ޞަހްޔޫނީ ދައުލަތާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ތެރެއިން ބަންދުކޮށްފައި އޮތް ހުރްމުޛް ކަނޑުއޮޅިން އިންޑިޔާގެ ގޭސް އުފުލާ ދެ އާގުބޯޓު ދަތުރުކުރުގެ ހުއްދަ ދީފިއެވެ.
މި ކަމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ، އިންޑިޔާގެ ދިދައިގައި ދަތުރު ކުރާ 'ޝިވާލިކް' އަދި 'ނަންދާ ދޭވީ'ގެ ނަން ދީފައިވާ ދެ އުޅަނދަށް ހުރްމުޛް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދީފައި ވަނީ، ޚާއްޞަ އިސްތިސްނާއެއްގެ ދަށުން ކަމުގައެވެ. އިންޑިޔާގެ ދައުލަތުގެ ޝިޕިންގ ކުންފުނި (އެސްސީއައި)އިން އޮޕަރޭޓު ކުރާ 'ޝިވާލިކް' ހުރްމުޛް ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގެ ޙިމާޔަތުގައެވެ. އަދި، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެެރޭގައި ދެވަނަ އުޅަނދު 'ނަންދާ ދޭވީ' ކަނޑުއޮޅި ހުރަސްކުރާނެ ކަމަށް ބެލެވެއެވެ.
ޔަހޫދީންނާއި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް ބޮން އެޅުމުގެ ވަރުގަދަ ކެމްޕޭނެއް ފެށުމުން، އީރާނުން ވަނީ ރައްދުގައި އެ ޤައުމުގެ އައްސޭރިފަށުގައި އޮތް މި މުހިންމު ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ މި މަގު ބަންދުކުރުމަށްފަހު އީރާނުން ދަނީ، އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ އެއްވެސް މުދަލެއް އެ ކަނޑުއޮޅިން ހުރަސް ކުރުމުގެ ފުރުޞަތު ދިނުމަށް އިންކާރު ކުރަމުންނެވެ.
ނަމަވެސް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާނާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު، އީރާނުން ވަނީ އިންޑިޔާގެ އުޅަނދުފަހަރަށް ލުއި ދީފައެވެ. މީގެ އިތުރުން، ހަނގުރާމަ ފެށި ފަށުން އިންޑިޔާއިން ވަނީ އީރާންގެ އަސްކަރީ މަނަވަރުތަކެއްގައި ޚިދުމަތް ކުރާ 183 ފަޅުވެރިއަކަށް ޙިމާޔަތް ދީފައެވެ. އެއީ، އިންޑިޔާގައި ބޭއްވި އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމަށް ދަތުރު ކުރި އީރާންގެ ތިން މަނަވަރުގެ ތެރެއިން ދެ މަނަވަރެއްގެ ފަޅުވެރިންނެވެ. އެމެރިކާއިން ވަނީ އަސްކަރީ ސަބްމެރިންއެއް ބޭނުކޮށް، އީރާންގެ އެއް މަނަވަރަށް ޙަމަލާދީ، އެ އުޅަނދު ފައްތައިލާ، ގިނަ އަދަދެއްގެ ސިފައިން ޝަހީދު ކޮށްލާފައެވެ.
އިންޑިޔާގައި ބޭނުންކުރާ ކައްކާ ގޭހުގެ %60 އެތެރެ ކުރަނީ ބޭރު ޤައުމުތަކުންނެވެ. އޭގެ ތެރެއިން %90 ގަންނަނީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ. އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާއިން ފަށާފައިވާ ޢައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، ފަހުގެ ތާރީޚެއްގައި ނުފެންނަ މިންވަރަކަށް އިންޑިޔާއަށް ވެސް ވަނީ ހަކަތައިގެ ދަތިކަމާ ކުރިމަތިލާން ޖެހިފައެވެ. މި ކަމާ ގުޅިިގެން، ސިނާއީ ދާއިރާއަށް ގޭސް ފޯރުކޮށްދިނުން މަދުކޮށް، ގޭބީސީތަކަށް އިސްކަންދިނުމަށް އިންޑިޔާ ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ.