ޚަބަރު

ބާޒާރުގައި މިރުހުގެ އަގު ހެޔޮވެއްޖެ


  • 100 ގްރާމް މިރުސް މިއަދު ބާޒާރުގައި ހުރީ 20 ރުފިޔާއަށް

  • ރަމަޟާން މަސް ފެށުނުއިރު އަގު ހުރީ 50 ރުފިޔާއަށް

ބާޒާރުގައި މިރުސް ތިޔާގިވެ، މިރުހުގެ އަގު ދަށަށް ހިނގައްޖެއެވެ. މިރުހަކީ ކޮންމެ އަހަރެއްގެ ރަމަޟާންމަހަކުވެސް އެންމެ ޑިމާންޑު ބޮޑުވާ އެއް ބާވަތެވެ. އަދި މީގެކުރިން ބައެއް ރަމަޟާންމަސްތަކުގައި މިރުހުގެ އަގު އަތްނުފޯރާފަށައް މައްޗައްވެސް ވަނީ ގޮސްފައެވެ.

މިއަދު ބާޒާރުގައި 100 ގްރާމް މިރުސް ލިބެން ހުރީ 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ރަމަޟާންމަސް ފެށުނުއިރު މިރުހުގެ އަގު ހުރީ 100 ގްރާމް 50 ރުފިޔާއަށެވެ.

ބާޒާރުގައި މިއަހަރު ކަރާގެ އަގު ހުރީ މަތިކޮށެވެ. އެގޮތުން ރަމަޟާންމަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގު ހުރީ 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިއަދު ކަރާ ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާގައެވެ.

ބާޒާރުގައި ފަތްފިލާވެލީގެ އަގުތައް މި ރަމަޟާންމަހު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މިއަދު ކުއްޅަފިލާފަތް ބޮނޑިއެއް އުޅެނީ 15 ރުފިޔާއަށެވެ. ލެޓިއުސް ކިލޯއެއް 60 ރުފިޔާއަށް އަދި ކޮޕީފަތް ބޮނޑިއެއް ހުރީ 10 ރުފިޔާއަށެވެ.

ބާޒާރުގައި އެހެން ބައެއް ތަކެތީގެ އަގުތައް:

* 1 ކިލޯ އަނބު: 70 – 100 ރުފިޔާ
* އަލަނާސިގަނޑެއް: 65 ރުފިޔާ
* އޮރެންޖެއް: 6 ރުފިޔާ
* އާފަލެއް: 6 ރުފިޔާ
* 1 ކިލޯ ކެބެޖް: 30 ރުފިޔާ
* 1 ކިލޯ ކެރެޓް: 30 ރުފިޔާ
* 1 ކިލޯ ބަޓާނާ: 40 ރުފިޔާ
* 1 ކިލޯ ޓޮމާޓޯ: 35 – 65 ރުފިޔާ
* 1 ކިލޯ ކައްޓަލަ: 60 ރުފިޔާ
* 1 ކިލޯ ދޮންކެޔޮ: 30 – 40 ރުފިޔާ

މި ރަމަޟާންމަހު ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން މިރަމަޟާންމަހު ހެޔޮއަގުގައި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިތަކެތި މާލެއެކޭ އެއް އަގެއްގައި ރަށްރަށުން ލިބޭނެ އިންތިޒާމްވެސް ސަރުކާރުން ހަމަޖެއްސެވިއެވެ.

މި ރަމަޟާންމަހު އޮރެންޖްގެ އަގު ވަރަށް ބޮޑަށް އުފުލުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތައް ހައްލުކޮށްދެއްވުމަށް އެސްޓީއޯއިން ވަނީ ރާއްޖެއަށް އޮރެންޖް ޝިޕްމަންޓް ގެނެސް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ. އެގޮތުން އޮރެންޖްގެ އަގު ބާޒާރުގައި 15 ރުފިޔާއަށް އުފުލުނެވެ. ނަމަވެސް މިހާރު ބާޒާރުގައި އޮރެންޖްގެ އަގު ހުރީ 6 ރުފިޔާއަށެވެ.