ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަށް ޕީއެސްއެމްގެ ކުޑައިގެ ދަށުން ހިންގާ އެކި ޗެނަލްތަކުން އަންނަނީ ބެލުންތެރިންނާއި އެހުންތެރިންނާ ހަމައަށް ތަފާތު ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިންވެސް ތަފާތު ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން އެއް ޕްރޮގްރާމަކީ ދިވެހި ކެއުންތަކާއި ރަހަތަކަށް ޚާއްސަކޮށްގެން ގެނެސްދޭ "ރަށުރަހަ" ޕްރޮގްރާމެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިންގެ އެންމެ އެވޭލާ ކެއުންތަކާއި ރަހަތައް އަދި އޭރުގެ ކެއްކުމުގެ އާދަކާދަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަން ބެލުންތެރިންނާ ހަމައަށް ޝައުގުވެރި ގޮތަކަށް ގެނެސްދިނުމެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ޚާއްސަ ކެއުންތަކާއި ބުއިންތައް ތައްޔާރުކުރާނެ ގޮތްތަކާއި އެ ކެއުންތަކާއި ބުއިންތަކުގެ ޚާއްސަކަން އެ ރަށްރަށުގެ ރައްޔިތުން މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ. އަދި ދިވެހި ކެއުންތަކުގެ ގޮތުގައި މިހާރު ތައްޔާރުކުރާ އެކި ކަހަލަ ކެއުންތަކާއި ބުއިންތައް ތައްޔާރުކުރާ ގޮތްތައްވެސް ގެނެސްދެވޭނެއެވެ.
"ރަށުރަހަ" ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑު ޚާއްސަކޮށްފައިވަނީ ނ. ހޮޅުދޫއަށެވެ. މި ޕްރޮގްރާމުގައި ކެއްކުމުގެ ތެރޭގައި އެރަށުގައި އެ ނަގާއި ފޯރިއާއި، ރަށްފުށުގެ ދިރިއުޅުމާއި މާޒީގެ ބައެއް ހަނދާންތަކާއި، ރަށުގެ ޗާލުކަންވެސް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. މި ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 22:00 ގައެވެ.
މި ޕްރޮގްރާމުގެ ޕްރޮޑިއުސަރ އަޙްމަދު ޝާފިއު ބުނިގޮތުގައި މި ފަހަރުގެ ޕްރޮގްރާމަކީވެސް ބެލުންތެރިންނަށް ތަފާތު ރަހަތަކަކާއި ތަޖުރިބާތަކެއް ގެނެސްދެވޭނެ ޕްރޮގްރާމަކަށް ވެގެންދާނެއެވެ. އެކި ރަށްރަށުން މި ޕްރޮގްރާމް ގެނެސްދޭއިރު، ތައްޔާރުކުރާ ކެއުންބުއިމުގެ ބާވަތްތައްވެސް ތަފާތުވާނެކަން ޝާފިއު ފާހަގަކުރިއެވެ.
"އަޅުގަނޑުމެންގެ ބޭނުމަކަށްވީ އާންމުކޮށް ކައްކާ ޕްރޮގްރާމްތަކުގައި ގެނެސްދޭހެން މެއިން ޑިޝްއެއް ތައްޔާރުކޮށްލާނެގޮތް އެއަށް ބޭނުންވާނެ ތަކެއްޗާއި ރެސިޕީ ހިއްސާކޮށްފައި ނިންމާލުމެއްނޫން. މި ޕްރޮގްރާމް ތަފާތު ވާނެ. މިއީ ބޮޑަށް ދިވެހިން އޭރާއި މިހާރުވެސް ބޭނުންކުރާ ދިވެހި ކެއުންތަކާއި ބުއިންތަކުގެ ވާހަކަ. ބޮޑަށް ބަލާފައި ހުންނާނީ ވީހާވެސް ބޮޑަށް ބެލުންތެރިން ގަޔާވާނެ އަދި ޝައުގުވެރިވާނެ ސްޓައިލަކަށް ގެނެސްދިނުމަަށް. ކޮންމެ ރަށަކުން ގެނެސްދޭ ޕްރޮގްރާމްވެސް ތަފާތުވާނެ." ޝާފިއު ބުންޏެވެ.
ރަމަޟާން މަހަށް ހާއްސަ ކޮށްގެން ޕީއެސްއެމް ނިއުސްއިން ގެނެސްދެނީ pic.twitter.com/LnF4GQ4I8K
— PSM News (@psmnewsmv) December 30, 2025
މި ޕްރޮގްރާމުގެ ފުރަތަމަ ޑީޒަރ އަދި ޕްރޮމޯވެސް ވަނީ ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައެވެ. ޕީއެސްއެމް ނިއުސްގެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުން ޑީޒަރ އަދި ޕްރޮމޯ މިހާރު އާންމުންނަށް ބަލާލެވޭނެއެވެ.
ރަމަޟާން މަހުގެ ޚާއްޞަ ޕްރޮގްރާމުތަކުގެ ތެރެއިން - ރަށުރަހަ pic.twitter.com/noqEhFGpFG
— PSM News (@psmnewsmv) January 20, 2026
އާންމު މަސްމަހާ ޚިލާފަށް ރަމަޟާންމަހަކީ ދިވެހިންގެ ތެރޭގައި ކެއްކުމުގެ ފޯރިވެސް ގަދަވެގެންދާ ދުވަސްވަރެއްކަމުން، ތަފާތު އައު ބުއިމެއް ނުވަތަ ކެއުމެއް ތަޖުރިބާކޮށްލަން ޝައުގުވެރިވާނަމަ މިިއީ ބަލާލަން ހިތްގައިމު ޕްރޮގްރާމަކަށް ވެގެންދާނެއެވެ. ބެލުންތެރިން އަދި ހަމަ ކުޑަ އިންތިޒާރެއް ކޮށްލައްވާށެވެ.