އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އަންނަ އަހަރު އެކި ދާއިރާތަކުން އެކި އަމާޒަށް މަސައްކަތް ކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުން މިންގަނޑުތަކެއް ކަނޑައެޅުމަށް ނިންމަވާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އަންނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވާކަން ވިދާޅުވެފައެވެ. މީގެ ކުރިން 4 ފަހަރެއްގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އެކި ގޮތްގުން ފާހަގަކޮށްފައިވީނަމަވެސް އަންނަ އަހަރު އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ޚާއްސަ މަޤްޞަދެއްގައިކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެކަން ރައްޔިތުންނާ ހިއްސާކުރަން ތިބި އެއްބަޔަކީ ދިވެހިރާއްޖޭގެ އަޑުފަދަ މީޑިއާތައްކަމަށް ވިދާޅުވެފައެވެ.
2040 ވަނަ އަހަރަކީ ދިވެހި ރާއްޖެ ހުރިހާ މާނައެއްގައިވެސް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުން އެއީ މިއަދުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު އިޤްތިޞާދީ ފުދުންތެރިކަން އޮތް މިންގަނޑަށް ބަލާއިރު ކޮންމެ ބޮލަކަށް ޖެހޭ އާންމަދަނީ ގާތްގަޑަކަށް ކޮންމެ އަހަރަކު އިޤްތިޞާދީ ކުރިއެރުން %5 އާއި %6ގެ ނަތީޖާއެއް ހޯދަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރުމުގައި އަންނަ އަހަރުއެކި އެކި ދާއިރާތަކަށް އެކި އަމާޒަށް މަސައްކަތް ކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުން މިންގަނޑުތަކެއް ކަނޑައެޅުމަށް ނިންމަވާފައިކާމަށް ވަޒީރު ވިދާޅުވިއެވެ.
" މި މަސައްކަތް ކުރުމުގައި އަދި ތަރައްޤީއާ ދިމާލަށް ޤައުމު ދަތުރުކުރާއރިު އަޑު ފަދަ މުހިއްމު ޤައުމީ މަސައްކަތް ކުރާ މުއައްސަސާއަކުން މަސައްކަތް ކުރާ ވައްޓަފާޅި ކޮންމެވެސް ވަރަކަށް ބަދަލުކޮށް މިއަދުގެ ދަރިންނާއި މަސައްކަތްތެރިންނާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތްތެރިންވެސް ބައިވެރިވާނެ ގޮތަށް މަސައްކަތް ކޮށްދިނުން މުހިއްމު." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވަނީ އިޤްތިޞާދީ ވާހަކަތަކާއި ތަރައްޤީގެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ގެނެސްދީ 2040 ވަނަ އަހަރަކީ ދިވެހި ރާއްޖެ ހުރިހާ މާނައެއްގައިވެސް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމުގެ ރޫޙު އާލާކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވާ ގޮތަށް އެހެން ދާއިރާތައްވެސް ކުރިއެރުމުގައި ތެދު މަޢުލޫމާތަކީ މުހިއްމުކަމެއްކަމަށެވެ. އެއީ ރާއްޖެ މިއޮތް ހިސާބުން އިތުރަށް ކުރިއަށް ދިއުމުގައި ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެގެންދާނެކަމަެއްކަމަށެވެ.
ވަޒީރު ވަނީ ހުރިހާ މާނައެއްގައި ތަރައްޤީވެފައިވާ ޤައުމެއްގޮތުގައި ރާއްޖެ ހެދުމަށްޓަކައި މީޑިއާއާއި އިތުބާރާ ޔަޤީންކަމާއި އެކު ގެނެސްދޭ ސައްޚަ ޚަބަރުތަކަކީ މުހިއްމު އެއްޗެއްކަންކަމަށާއި އެއީ ތަރައްޤީއާ ދިމާލަށް ދާންޖެހޭކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.