ޚަބަރު

"ސާފިން ސްޓޭޑިއަމްގެ މަސައްކަތް ލަސްވީ ކުރެހުމަށް ބަދަލު ގެނައުމުން"


  • ސްޓޭޑިއަމްގެ ބޮޑުމިނަށް 50 ފޫޓު އިތުރުކޮށްފައި

  • އަދި ކޮންކްރިޓް ސްޗްރަކްޗަރއަކަށް އޮނިގަނޑު ބަދަލުކޮށްފައި

  • މަސައްކަތް ނިންމަން ޖެހޭ ތާރީހަށް ބަދަލެއް ނާދޭ

މާލޭ ރާޅުގަނޑު ސަރަހައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ އެތަނުގެ ބޮޑު މިނާއި އިމާރާތުގެ އޮނިގަނޑު، ކޮންކްރީޓަށް ބަދަލުކޮށް އަލުން ކުރެހުމަށް ބަދަލު ގެނައުމަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، އެތަނުގެ ބޮޑުމިނަށް މިހާރު 50 ފޫޓު އިތުރުކޮށްފައިވާކަމަށެވެ. އަދި ކުރިން އެތަން އަޅަން ނިންމީ "ޕްރީ ފެބްރިކޭޓެޑް" ސްޓްރަކްޗައަކަށް ކަމަށާއި، އެހެންނަމަވެސް މިހާރު ސާފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނާއި މަޝްވަރާކޮށްގެން ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ކުރިން ޕްލޭންކުރި ގޮތަށް އެތަން ހަދައިފިނަމަ، ލޮނުގެ އަސަރު ބޮޑު ސަރަހައްދަކަށްވުމުން، އެތަނުގެ މެއިންޓަނަންސަށް ހިނގާ ހަރަދުވެސް ބޮޑުވާނެތީ މިހާރު ނިންމާފައިވަނީ ކޮންކްރީޓަށް ބަދަލުކުރަން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ކުރެހުން އެއްކޮށް ނިމި މިމަހުގެތެރޭގައި އަމަލީ މަސައްކަތް ފެށޭގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ ކުރީގައި ޑިޒައިން ކުރިވަރަށްވުރެ ބޮޑުކޮށްފައި އަދި ކޮންކްރިޓް ސްޓްރަކްޗައަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި. އެހެންނަމަވެސް މިހާރު އެވަނީ ހަމަ އެ ކޮންޓްރެކްޓަރ އާއި މަޝްރޫއު ހަވާލުކުރެވިފައި. އަދި ނިންމަން ޖެހޭ ތާރީހަކަށްވެސް ބަދަލެއް ނާދޭ. އަޅުގަނޑު އުންމީދުކުރަނީ ހަމަ މި މަސްތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެތަން އިމާރާތް ކުރަން އެންމެ ރަނގަޅީ ކޮންކްރިޓް ސްޓްރަކްޗަރަކަށް ކަމަށް ޓެކްނިކަލް ބޭފުޅުންވެސް ލަފާ ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ އެތަން ގިނަދުވަހަށް ދެމިގެންދާގޮތަށް ބެލެހެއްޓުމަށް ހިންގާ ހަރަދު ކުޑަވާނެ ގޮތަކަށް ތަރައްޤީކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސާފިން ސްޓޭޑިއަމް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއާއި، ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކޮށްފައިވަނީ 18 އޭޕްރީލް 2024 ގައެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދު އަލުން ތަރައްގީކުރުމަށް ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް ފެށީ 25 ނޮވެމްބަރު 2024 ގައެވެ.

މި ސްޓޭޑިއަމް ތަރައްޤީކުރަނީ ކުޅިބަލާ މީހުންނަށް ހާއްސަ ސަރަހައްދަކާއި، ރޮސްޓްރަމާއި، މީޑިއާ ސަރަޙައްދާއި، ކޮމެންޓަރީ ބޮކްސްއާއި، ކެމެރާ ޑެކާއި، އޮބްޒަވޭޝަން ކޯނަރާއި، ޖިމާއި، މަލްޓިޕާޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭގޮތަށެވެ.

މި މަސައްކަތް ފުރިހަމަކުރެވުމުން ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.