ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ސްޓެލްކޯއާ ދެމެދު މަޝްވަރާކޮށްފިއެވެ.
އިއްޔެ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުގެ ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ވަރަށް ގިނައިރުވިއެވެ. އޭގެ ތެރޭގައި ހިޔާ ޓަވަރުތަކާއި ވިނަރެސް ޓަވަރުތައް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީއާއެކު ސްޓެލްކޯގެ އިސްވެރިން ބައްދަލުކުރައްވާ ވަނީ، ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައާއި، ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން، ދެވަނަ ފިޔަވަހީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސް ކުރުމަށާއި، މި ސިސްޓަމް ޤާއިމުކުރުމުން ކަރަންޓު ނެޓްވޯކަށް ދިމާވާ މައްސަލަތައް ދެނެގަނެ، ޙައްލު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެޗްޑީސީގެ އިސްވެރިންނާއި، މި ކުންފުނިން މިއަދު ވަނީ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައި. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި… pic.twitter.com/wI5C73ShTv
— STELCO (@STELCOMALDIVES) April 13, 2026
މީގެ އިތުރުން، އިއްޔެ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުންވެސް ދެ ފަރާތުން ވަނީ ވާހަކަ ދައްކާފައެވެ. އަދި ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު އަޅާފައިވާ އިތުރު ކޭބަލްތައް 'އެނަޖައިޒް' ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށް މަޝްވަރާ ކުރި ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެ ކޭބަލްތައް އެނަޖައިޒް ކުރެވިއްޖެނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށެވެ. މިއީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
އިއްޔެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެންނެވެ.