ޚަބަރު

ސީލައިފް ވެރިޔާގެ ޕާސްޕޯޓް ހިފަހެއްޓުމުގެ އަމުރެއް ހައިކޯޓުން ނެރެފި


  • ޚިޔާނާތުގެ ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ވަނީ ހުށަހަޅާފައި

ސީލައިފް ވެރިޔާ އަހުމަދު މޫސާ ރާއްޖެއިން ފުރައިގެން ނުދެވޭނެހެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ދިވެހިރައްޖޭގެ ހައިކޯޓުން އަމުރެއް ނެރެފިއެވެ.

ހައިކޯޓުން މިއަމުރުކޮށްފައިމިވަނީ އަހުމަދު މޫސާގެ މައްޗަށް ކުރާ ޚިޔާނާތުގެ ކުށް ސާބިތުނުވާ ކަމަށް، ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފް ކުރަން ހައިކޯޓަށް ހުށަހެޅުމުންނެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާ ސާބިތުނުވާކަމަށް މިމަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، މިދިޔަ ހޮނިހިރު ދުވަހު ހައިކޯޓަށް ހުށަހެޅިކަމަށެވެ. ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށްކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، މިއަދު އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވާކަމަށް ޕޮރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވިއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ މައްޗަށް ދައުވާކުރަނީ އޭނާ ކުންފުނިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، އެ މަސައްކަތް ފުރިހަމަ ނުކޮށް މަކަރާއި ހީލަތުން އެކި މީހުންގެ އަތުން، ފައިސާ ނަގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކޮށެވެ.