ޚަބަރު

"މިސަރުކާރަށް ބިދޭސީންގެ މައްސަލަ ޙައްލުކުރެވޭނެކަން ރައްޔިތުން މިހާރު ގަބޫލުކުރޭ"


  • މިހާތަނަށް 202,000 ބިދޭސީންގެ ބައޯމެޓްރިކްސް ވަނީ ނަގާފައި

  • ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު މަސައްކަތެއް ފެށޭނެކަމަށް ވަޒީރު ވިދާޅުވި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަަބަބުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ރައްޔިތުން މިހާރު ގަބޫލުކުރައްވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޔުނިފޯމް އެޅި މުޢައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ރައްޔިތުންގެ އޮތް އިތުބާރު އަލުން ހޯދައިދިނުން ކަމަށެވެ.

ސަރުކާރާ ހަވާލުވިއިރު ގިނަ ގާނޫނުތަކެއް ހުރި ނަމަވެސް، އެ ގާނޫނުތައް އެންމެ އެދެވޭ ގޮތެއްގައި ތަންފީޒު ނުކުރެވޭތީ ރައްޔިތުންގެ މެދުގައި މުޢައްސަސާތަކަށް އޮތް އިތުބާރު ކުޑަވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ބައެއް މުވައްޒަފުންގެ ފަރާތުން ފެނިފައިވާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން ތަންފީޒީ އިދާރާތަކަށް އޮންނަ އިތުބާރު ގެއްލިފައިވާތީ، އެކަން އިސްލާހުކުރުމަށް މިހާރު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި 'ކުރަނގި' އޮޕަރޭޝަންގެ ދަށުން މިހާތަނަށް 202,000 ބިދޭސީންގެ ބައޯމެޓްރިކްސް ނަގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ގާތްގަނޑަކަށް 90 އިންސައްތައެވެ.

ވަޒީރު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް، މިހާރު ފިންގާ ޕްރިންޓް ނަގާފައިވާ މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު މަސައްކަތެއް ފެށޭނެކަމަށާއި، މި މަރުހަލާގައި، ރަސްމީ ގޮތުން ހަވާލުވާނެ މީހަކު ނެތް ބިދޭސީންނާއި ފިލައިގެން އުޅޭ މީހުންނަށް ސައްޙަ ވޯކް ޕާމިޓް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފާ ހައްޔަރުކޮށް ޑީޕޯޓް ކުރުމުގެ ޚާއްސަ މަސައްކަތެއް އަންނަ އަހަރުގެ އޭޕްރީލް 2 އިން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ ރައްޔިތުންގެ ފަރާތުން ތަންފީޒީ އިދާރާތަކަށް އޮންނަ އިތުބާރު އަލުން ހޯދައިދެއްވަން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި އޮޕަރޭޝަން އަސްލު މި ކުރިއަށްގެންދަނީވެސް މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ރައްޔިތުންނަށް އިހުސާސްކޮށްދިނުމަށް. އެ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ނުވަތަ އިދާރާތަކުން މި މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ރައްޔިތުންނަށް ހޯދައިދިނުން. އަޅުގަނޑަށް ހިވޭ މިހާރު ދިވެހިރާއްޖޭގެ މީހުން ގަބޫލުކުރައްވާހެން މި 5 އަހަރު ނިމިގެންދާއިރު މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން." ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ބިދޭސީންގ މައްސަލަ އެއްކޮށް ހައްލުކޮށް، ދައުލަތުގެ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު އަލުން ހޯދައިދެއްވުން ކަމަށެވެ. އަދި މި އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ދެއްވާފައެވެ.