އެމެރިކާއާ އެކު ކުރެވުނު ދިގު މަޝްވަރާތަކުގެ އަލީގައި، ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މައިގަނޑު 20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްޙައިގެ އެއްބަސްވުމެއް އޮނިގަނޑެއް ޔޫކްރެއިނުން ހުށަހަޅައިފިއެވެ.
އެމެރިކާއާ އެކު ފާއިތުވި ހަފްތާތަކުގައި ކުރެވުނު ދިގު މަޝްވަރާތަކަށްފަހު، ރަޝިޔާއަށް ފައިދާވާ ގޮތަށް ކުރިން ހުށަހަޅާފައި އޮތް 28 ނުކުތާތައް، އެއްބަސްވުމަކަށް އާދެވޭނެ މިންވަރަށް އިސްލާޙު ކުރެވިފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވިއެވެ.
ނަމަވެސް، ޔޫކްރެއިންގެ ސަރަޙައްދުތައް ބެލެހެއްޓުމާއި ޒަޕޮރިޜިޔާ ނިޔުކްލިއަރ މަރުކަޒާ ގުޅޭ ނުކުތާތަކާމެދު އެއްގަލަކަށް އެރިފައިނުވާތީ، އެ ދެބަސްވުންތައް ޙައްލުކުރަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މަޝްވަރާކުރައްވާނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ މިއަދު ހާމަކުރެއްވި ސުލްޙައިގެ އޮނިގަނޑުގައި ހިމެނޭ ނުކުތާތަކުގެ ތެރޭގައި، ޔޫކްރެއިންގެ އިސްތިޤުލާލު ޔަޤީންކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އެމެރިކާ، ވިލާތު އަދި ނޭޓޯގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަމާއި، ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ވަޞީލަތްތައް އަލުން ބިނާކުރުމަށް 800 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް މާލީ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން، ކަނޑައެޅޭ ވަކި ތާރީޚެއްގައި ވިލާތުގެ އިއްތިޙާދު، އީޔޫގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުމާއި، އެމެރިކާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުން ވެސް މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެއެވެ.
މި ސުލްޙައިގެ އެއްބަސްވުމުގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން ޢަމަލުކުރަން ލާޒިމުކޮށްފައިވާއިރު، މި އެއްބަސްވުން ރޫޅައިލަން ދެ ފަރާތުން ވެސް އަސްކަރީ ބާރު ބޭނުންނުކުރާނެކަމަށް ހިމަނާފައިވެއެވެ.
2022ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ދަނީ ހަނގުރާމަކުރަމުންނެވެ. މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ވެސް އެއް ޤައުމުން އަނެއް ޤައުމަށް ދަނީ ވަރުގަދަ ޙަމަލާތައް ދެމުންނެވެ.