ޚަބަރު

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެ


ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޙަމްވި ދެ މީހުންގެ ތެރެއިން އެކަކު މިއަދު މަރުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. ނަމަވެސް އޭނާއާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ފުލުހުން ވިދާޅުވީ، މި އަންހެން މިހާ މަރުވީ، އެކްސިޑެންޓުގައި ލިބުނު ޒަޙަމްތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް އެމެޖެންސީގައި ރޭ ދަންވަރު މާލެގެނެސް، އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

މިހާދިސާގައި ޒަޙަމްވި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުންދާ ކަމަށާއި، އޭނާގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ރޭ ގާތްގަނޑަކަށް 11:15 ހާއިރު، ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ އެޗް.ޑީ.ސީގެ ނާސަރީ ކުރިމަތިން އުތުރަށް ސައިކަލެއް ދުއްވާފައި ދަނިކޮށް، ފަހަތުން އައި ކާރު ސައިކަލުގައި ޖެހިގެން ކަމަށެވެ. މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ގެންދަވަނީ މި ޙާދިސާ އިތުރަށް ތަޙުޤީގު ކުރައްވަމުންނެވެ.