މިމަހުގެ 20 ވަނަ ދުވަހު ފަށާ ވިމެންސް ކާވާ ކަޕް 2025 އަށް ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު އޮތީ ތައްޔާރަށްކަމަށާއި މިހާރު ބޭނުންވަނީ ސަޕޯޓަރުންގެ ތަރުހީބާއި ހިތްވަރުކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު މުހަންމަދު ނަދީމް ބުނެފިއެވެ.
މުބާރާތަށްވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނަދީމް ބުނެފަވަނީ މުބާރާތަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށެވެ. އެގޮތުން ޓީމުގައި މިވަގުތު އަނިޔާގެ މާބޮޑު މައްސަލައެއް ނެތްކަމަށާއި އުންމީދަކީ ޕީކުގަ މުބާރާތާ ކުރިމަތިލުންކަމަށް ކޯޗުވަނީ ބުނެފައެވެ.
ނަދީމް ބުނީ މިވަގުތު ޓީމަށް އެންމެ މުހިންމީ ސަޕޯޓަރުންގެ ހިތްވަރުކަމަށާއި، ޓީމުގެ އަމާޒަށް ވާސިލުވުމުގައި ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. ދިވެހިންނަކީ އަބަދުވެސް ގައުމީ ޓީމާއި އެކު ތިބޭ ބައެއްކަން މީގެ ކުރިންވެސް ސާބިތުކޮށްދީފަވާކަމަށާއި ހަމަ އެފަދައިން މިއަހަރަކީވެސް އެޖޯޝާއި ފޯރި ސަޕޯޓަރުންގެ ފަރާތުން ލިބިގެންދާނެ އަހަރަކަށްވާނެކަމަށް އުންމީދުކުރާކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓު، ކުޅުންތެރިން މިކުރާ ހުރިހާ ބުރަ މަސައްކަތަކީ ސަޕޯޓަރުންނަށްޓަކައި ކުރާ މަސައްކަތް. ސަޕޯޓަރުން ހިތްހަމަޖައްސައިދީ އުފާކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތެއް މިއީ. ސަޕޯޓަރުންނަކީ ޓީމުގެ ހަތްވަނަ ކުޅުންތެރިޔާ" ނަދީމް ބުންޏެވެ.
ވިމެންސް ކާވާ ކަޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ވޮލީ ޓީމުންވަނީ މިމަހުގެ 6 އިން 13 އަށް ތައިލޭންޑުގައި ތަޖުރިބާ ހޯދުމުގެ ގޮތުން ކޭމްޕުކޮށްފައެވެ. މި ކޭމްޕުގެ ތެރެއިން ތެރެއިން ޕްރެކްޓިސް މެޗުތައް ކުޅެފަވާއިރު، ކުޅުންތެރިންގެ ފިޓްނެސް ލެވެލް މަތިކުރުމަށްޓަކައި ސްޓްރެންތު ޓްރޭނިންގ ފަދަ ޓްރޭނިންތައްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރަންޖެހޭ ގޮތަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖެއިން އެންމު ފުރަތަމަ ނުކުންނާނީ މުބާރާތް ފަށާ ދުވަސްކަމަށްވާ 20 ވަނަ ދުވަހު ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އެއަށްފަހު ޖެހިގެން އަންނަދުވަހު އަފްޣާނިސްތާނާއި ދެކޮޅަށް ކުޅުމަށްފަހު 22 ވަނަ ދުވަހުގެ ރޭ ކިރިގިސްތާނާއި ދެކޮޅަށް ގައުމީ ޓީމުން ނުކުންނާނެއެވެ. ގައުމީ ޓީމު ކުޅޭ ކޮންމެ މެޗަކަށްވެސް ސަޕޯޓަރުންގެ ފޯރި ވަރަށް މުހިންމުކަމަށް ކޯޗު ބުނެފަވެއެވެ.
އެހެންކަމުން މުބާރާތް ކުޅެމުންދާ ވަގުތު އިންޑޯ ހޯލު ފުރާލަދީ ގައުމީ ޓީމަށް ތަރުހީބު ދިނުމުގައި ތިބެދިނުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއްކަމަށް ނަދީމް ބުނެފަވެއެވެ. މިއަހަރަކީ ރަން މެޑައްޔެއް ކަށަވަރުކުރުމުގެ އަޒުމުގައި ގައުމީ ވޮލީ ޓީމުން ނިކުންނަ އަހަރެއްކަމަށާއި އެކަން ހާސިލްކުރުމަށް ސަޕޯޓަރުން ޓީމާއި އެކު ތިބެ ދިނުމަށް ނަދީމް އެދިފަވެއެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ މިދިޔަ އަހަރުތަކުގަވެސް ހަމަ ކުޅިވަރަށް ހާއްސަކޮށް ވޮލީއަށް ސަޕޯޓަރުން އެދެއްވި ތަރުހީބު، އިންޑޯ ސްޓޭޑިއަމް ފުރާލާފަ އޮއްވާ ފެނުނު އެންމެ ފަހުން ނިމިގެން ދިޔަ މުބާރާތްތަކުގަވެސް. މިއަހަރު އެއަށްވުރެ އިތުރުކޮށް، އިތުރު ސަޕޯޓެއްދީގެން ރާއްޖެއަށް މި ނުލިބިގެން އުޅޭ އަންހެން ވޮލީގެ ގޯލްޑު މެޑަލް އިންޝާﷲ އެޅުވޭތޯ މަސައްކަތްކޮށްދެއްވާށޭ" ނަދީމް އެދިފަވެއެވެ.
ވިމެންސް ކާވާ ކަޕު ކުރިއަށްދާނީ މިމަހުގެ 20 އިން ފެށިގެން 25 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާ ގައުމުތަކަކީ އަފްޣާނިސްތާނު، ބަންގްލަދޭޝް އަދި ކިރިގިސްތާނެވެ. މުބާރާތުގައި ވާދަކުރާ ބިދޭސީ ތިން ޓީމުވެސް މިހާރުވަނީ ރާއްޖެ އައިސްފައެވެ.