ޚަބަރު

ޕީއެންސީގެ ޕްރައިމަރީ: މަދު ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ކެނޑިޑޭޓުން ކުރިމަތިލި


  • ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު

  • ޕާޓީން ދަނީ ކުރިމަތިލި މީހުންގެ ޝަރުތު ހަމަވޭތޯ ބަލަމުން

މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައަޅެމަށް ބާއްވާ ޕްރައިމަރީގައި %97 ދާއިރާއިން ކެނޑިޑޭޓުން ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މި ފުރުޞަތު މިމަހުގެ 15 ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މިއީ އެއް ޕާޓީއަކުން އެންމެ ގިނަ ކެނޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާނެ ފަހަރަށް ވެގެންދާނެ ކަމަށް އެ ޕާޓީން ވިދާޅުވެއެވެ.

އެޕާޓީން ބާއްވާ ޕްރައިމަރީއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ކެމްޕެއިން މެނޭޖަރ، އަދި ރައްޔިތުންގެ މަޖިިލީހުގެ ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރ އިނގުރައިދޫ ދައިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިހާ ގިނަ ކެނޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވާދަ ކުރުމަށް ކުރިމަތި ނުލާ ކަމަށެވެ.

"ވަރަށް ގިނަ އަދަދެއްގެ ކެނޑިޑޭޓުން ފޯމު ހުށަހަޅާފައިވޭ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރަން ހުށަހަޅާފައިވާ ކެނޑިޑޭޓުންގެ އަދަދު އަޅުގަނޑުމެން ބަލާލިން. ބައެއް ޕާޓީތަކަށް 80 އިންސައްތަ އަށް ވާދަ ކުރެވިފައިވޭ. 90 އިންސައްތައިން މައްޗަށް ނާރާ. މިފަހަރު ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ނިސްބަތް 97 އިންސައްތައަށް އަރާ." ފަލާޙް ވިދާޅުވިއެވެ.

ފަލާޙު ވަނީ މިފަހަރު ޕްރައިމަރީގައި ވާދަކުރުމަށް އެޕާޓީން ހުޅުވާލިއިރު، ބައެއް ދާއިރާތަކުން ވާދަ ކުރާނެ ކެނޑިޑޭޓުން ހޯދުމަށް މުއްދަތު އިތުރުކަން ޖެހިދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ޕާޓީގެ ޕްރައިމަރީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ދެ ހަފްތާއެއްހާ ދުވަހުގެ މުއްދަތު ދިނުމަށް ފަހު ފުރުސަތު އެއްކޮށް ބަންދުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިމަހުގެ 27 ވަނަ ދުވަހު އެ ޕާޓީން ދަނީ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުޞަތު އޮންނާނެކަމަށް ޕީއެންސީން ވިދާޅުވިއެވެ. އެ ޕާޓީން ވަނީ ޕާޓީގެ ޕްރައިމަރީގައި ގިނަ އަދަދެއްގެ ކެނޑިޑޭޓުން ބައިވެރިވެފައިވާއިރު މިހާރު ކުރަމުންދަނީ ޕްރައިމަރީގައި ވާދަކުރާނެ ކެނޑިޑޭޓުންގެ ޝަރުތަތައް ހަމަވޭތޯ ބެލުމުގެ މަސައްކަތް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މި މަސައްކަތް ނިންމައި އެކަން އިއުލާންކުރާނެ ކަމަށް ޕާޓީން ވިދާޅުވިއެވެ.

ޕީީއެންސީގެ ކެމްޕެއިން ޓީމުން ވަނީ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70،000 އަށް އަރާފައިވާކަން ހާމަކޮށްފައެވެ. އަދި މި ޕްރައިމަރީއާއި ގުޅިގެން މެންބަރުންގެ އަދަދު 75،000 އަށް އަރާނެކަމަށް އެ ޕާޓީން ލަފާކުރެއެވެ.