ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނީ ކެނަބިސް ފަތް ކަމަށެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3 ކިލޯގްރާމް (3050 ގްރާމް) އެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވެއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ، މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ.
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) December 15, 2025
▫️ބާވަތް: ކެނަބިސް ފަތް
▫️ބަރުދަން: 3 ކިލޯގްރާމް (3050 ގްރާމް)
▫️މަގުމަތީ އަގު : 2.4 މިލިއަން ދިވެހި ރުފިޔާ@HomeMinistrymv pic.twitter.com/Dt7lUB4EyN
ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އިސްލާޙު ކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. މިބިލުގައިވާ ގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.
މީގެ އިތުރުން، ރާއްޖެއަށް ވައިގެ މަގުންނާއި، ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްގެ އޮފިސަރުންނާއި، ފުލުހުންނަށް ލިބޭ ބާރުތައްވެސް މި ބިލުގެ ދަށުން ވަނީ ހަރުކަށި ކޮށްފައެވެ.