ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ 5 އަހަރުގެ ޕްލޭން އިފްތިތާޙްކޮށްފި


  • މި ޕްލޭން އިފްތިތާޙްކޮށްދެއްވީ އެމްއެންޔޫގެ ޗާންސެލަރ އަދި ވައިސްޗާންސެލަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޔުނިވަރސިޓީގެ "2026-2030 ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ޗާންސެލަރ ޑރ.މުޙައްމަދު ޝައުޤީ، އާއި ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒްއެވެ.

ކުރިއަށް 5 އަހަރަށް އެމްއެންޔޫއިން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭނަކީ، އެ ޔުނިވަރސިޓީގެ ތަޞައްވަރާއި ޔުނިވަރސިޓީން މުސްތަޤުބަލަށް ރޭވިފައިވާ މަސައްކަތްތައް ކަނޑައަޅައި، ހާޞިލްކުރަންޖެހޭ ލަނޑުދަނޑިތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

ކުރިއަށް 5 އަހަރަށް އެމްއެންޔޫއިން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕެލޭން އިފްތުތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް ވިދާޅުވީ، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައިވެސް ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށެވެ.

"އަޅުގަނޑުމެން ކަނޑައެޅި އަމާޒުތަކުގެ ތެރެއިން ގިނަ ކަންތައްތައް ވަނީ ހާސިލްވެފަ. މިގޮތުން ޔުނިވަރސިޓީގެ ހިންގުމާއި ކޮލިޓީ އެޝުއަރެންސް ވަނީ ވަރުގަދަވެ، އިތުރަށް ހަރުދަނާކުރެވިފަ. މުޅި ރާއްޖެއަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ." ޑރ. ޢައިޝަތު ޝެހެނާޒް ވިދާޅުވިއެވެ.

ވައިސް ޗާންސެލަރ ވިދާޅުވީ، ކުރިއަށްއޮތް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން ބިނާވެގެންވަނީ، ވޭތުވެދިޔަ 5 އަހަރުގެ ސްޓްރެޓިޖިކް ޕްލޭން އިން ހާސިލްވި ކަންތައްތަކަށް ބަލައި، ހޯދުނު ކާމިޔާބީތަކުގެ މައްޗަށްކަމަށެވެ.

އަދި މިޕްލޭނުން ދައްކައިދެނީ އިންސާނީ ޤާބިލިއްޔަތު މަތިކުރުމާއި، ދަރިވަރުންނަށް މުސްތަޤްބަލަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އެމްއެންޔޫއަކީ ޤައުމުގެ އެންމެ މޮޅު މަތީ ތަޢުލީމުދޭ މަރުކަޒުގެ ގޮތުގައު ދެމެހެއްޓުމަށްކަމަށެވެ.

ވައިސް ޗާންސެލަރ ވިދާޅުވީ، މި ޕްލޭންގެ މަޤްސަދަކީ އެ ޔުނިވަރސިޓީގެ ކާމިޔާބީތައް ދެމެހެއްޓުމުގެ އިތުރުން, ކާމިޔާބީތައް އިތުރަށް ބަދަހިކޮށް، ދިރާސާކޮށް ނަތީޖާ އިތުރުކުރުންކަމަށެވެ.

އެމްއެންޔޫގެ އަމާޒަކީ އެންމެން ގުޅިގެން މަސައްކަތްކޮށް ހޯދާފަައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް އެމްެއެންޔޫއިން، ދަރިވަރުންނަށާއި ޤައުމަށާއި ސަރަަހައްދަށް ކުރިއެރުން ހޯދައިދޭނެ މުސްތަޤްބަލެއް ބިނާކުރުންކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.