އޮޑި ސްޕޯޓްސް ކުލަބުގެ ހުސައިން ނިހާން (ނިހާޓު) ދެމަސްދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
އޮޑިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފަވަނީ އެޓީމުގެ ވައިސް ކެޕްޓަން ހުސައިން ނިހާން (ނިހާޓު)ގެ އަތަށް ލިބިފަވާ ސީރިއަސް އަނިޔާއެއްގެ ސަބަބުން ސާރޖަރީއެއްކޮށްފައިވާތީ ކުރިއަށް ދެ މަހު އޭނާ ދަނޑުމަތިން ނުފެންނާނެކަމަށެވެ. އޭނާއަށް އަނިޔާވެފަވަނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ.
ނިހާނުއަށް އަނިޔާވެފައިވަނީ ލީގުގައި ޓީސީއާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން އޮޑި ސްޕޯޓްސް ކުލަބުގެ ޖެނެރަލް ސެކްރެޓެރީ ޢަލީ ޝިފާޒް ބުނީ ނިހާންގެ އަތް ބިންދައިގެން ދިއުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލަށް ދެއްކުނުކަމަށާއި އެހެން ނަމަވެސް އޭނާގެ ސާރޖަރީ ހަދާފައިވަނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުންކަމަށެވެ.
"ޖެހުނު ގޮތަކުން އަތް ބިންދައިގެން ދިޔައީ. އޭޑީކޭއަށް ދައްކާފަ އެކަމު ސާރޖަރީ ހެދީ ޓްރީޓޮޕްއިން" ޝިފާޒް ބުންޏެވެ.
ޝިފާޒް ބުނީ ނިހާނުގެ ހާލު މިހާރު ރަނގަޅުކަމަށާއި އެހެންނަމަވެސް އޭނާ އަނބުރާ ކުޅުމަށް އައުމަށް ގާތްގަނޑަކަށް ދެމަސް ދުވަސްވަރު ނަގާނެކަމަށް ޑޮކްޓަރު ވިދާޅުވެފަވާކަމަށެވެ. އެހެންކަމުން އުންމީދަކީ ނިހާނުގެ އަނިޔާއިން ފަސޭހަވެ، އަލުން ކުޅުމަށް އަނބުރާ އައުންކަމަށާއި އޮޑި ސްޕޯޓްސް ކުލަބުން އެދެނީ އޭނާއަށް އަވަސް ޝިފާއަކަށްކަމަށް ޝިފާޒް ބުނެފަވެއެވެ.
"މިހާރު އަނެއްހެން ރަނގަޅު. އެކަމު ކުޅުމުގެ ތެރެއަށް އަލުން އާދެވޭނެކަމަށް ޑޮކްޓަރ ލަފާކުރައްވާފަވަނީ ދެމަހެއްހާ ދުވަސްފަހުން" ޝިފާޒް ބުންޏެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިސީޒަނަށް އޮޑިއާއި ގުޅުނު ނިހާނަކީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާއެވެ. ދިރާގު ދިވެހި ލީގުގައި ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައިގެން އޮޑި ސްޕޯޓްސް ތާވަލު ދެވަނައިގައި އޮތް އިރު އޮޑިން ހޯދަމުންމިދާ ކާމިޔާބީގައި ނިހާނުގެ ހިއްސާވެސް ބޮޑެވެ.