ޚަބަރު

"ޗައިނާ ކުންފުންޏާއި މަގުހަދަން ހަވާލުކުރީ 91.8 މިލިއަން ރުފިޔާއަށް"


  • މި މަސައްކަތް ހަވާލުކުރީ ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާއި

  • ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ 91.8 މިލިއަން ރުފިޔާއަށް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ، ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ.

މި މަސައްކަތް ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކުރީ، މި މަހުގެ 3 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ 1 އަދި 2 ގެ 1.1 ކިލޯ މީޓަރުގެ މަގުތައް 5 މަހާއި 6 މަސް ދުވަހުގެ ތެރޭގައި ހެދުމަށް ވަނީ ހަވާލުކޮށްފައެވެ.

މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރެވެ. ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޖޯވޭޑޮންގުއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ހުޅުމާލެ 1ގެ ފަސް މަގަކާއި، ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތުން ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ ކަމަށެވެ. މީގެއިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އަޅާނެ ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829 ރުފިޔާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެ ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަށް 50 އިންސައްތަ ފައިސާ އެއް އަހަރަށް ބަހާލައިގެންނެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ، 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ، މިމަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.