ޚަބަރު

ހަތަރު މަސާޖު ޕާލާއަކުން 5 ބިދޭސީން އިމިގްރޭޝަންގެ ދަށަށް


  • ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން

  • ޤަވައިދާ ޚިލާފަށް އުޅޭ މީހުން އަނބުރާ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުން

ޤަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 4 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މާލޭގައި ހިންގަމުން ދިޔަ އިތުރު ހަތަރު މަސާޖު ޕާލަ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަންގައި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ޤަވާއިދާ ޚިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެ މީހުން އަނބުރާ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާ މެދު އިޙުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ، އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި، އަމިއްލަ މަސައްކަތްތަކާއި ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓް ކޮށްލުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.