ބީއެމްއެލްއާއި ވިސާގެ 22 އަހަރުގެ ޕާޓްނަރޝިޕް ފާހަގަ ކުރުމަށް ރާއްޖެއަށް މުޅިން އައު 2 ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ.
ތަޢާރަފްކޮށްފައިވަނީ، މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް ވިސާއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕަކާއި، ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑެވެ.
މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމް އިފްތިތާހުކޮށް އެއްބަސްވުމުގައި ސޮއިކުރެއްވީ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއާއި، ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަވަންތި ކޮލަމްބަގެ އަދި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު އިފްތިތާޙު ކޮށްދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާޙުކުރި ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
"މި ޕްރޮގްރާމަކީ، އަންނަން އޮތް ޖީލުތަކަށް މާލީ ކަންކަމުގައި ހޭލުންތެރިކަމާއެކު ގޮތް ނިންމުމުގައި އެހީތެރިވާނެ ޕްރޮގްރާމެއް. ދަރިވަރުންނަށް ހަރުދަނާ މާލީ ބިންގާއެއް އެޅުމަށް އެހީތެރިވެރިވެ ދިނުމަކީ، މި ޤައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް ދިގު މުއްތަކަށް އެޅޭ މުހިންމު ފިޔަވަޅެއް." ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލުން ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ކާޑު ތަޢާރަފް ކުރުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
"މި ކާޑުން ކަސްޓަމަރުންނަށް ޚާއްޞަ އެކްސްކްލޫސިވް ބެނެފިޓްތަކަކާއި، ކަސްޓަމަރުންގެ ލައިފް ސްޓައިލްއާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ ޚިދުމަތްތައް ލިބޭނެ. މި ކާޑު ރާއްޖެއަށް ތަޢާރަފު ކުރުމުން ދައްކުވައިދެނީ، ރާއްޖޭގެ މުޖުތަމަޢަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތަޢާރަފް ކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން." ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް ވިސާއާއެކު ޤާއިމްކޮށްފައިވާ ސްޓްރެޓީޖިކް ޕާޓްނާޝިޕުގެ ދަށުން ޒުވާނުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ތައުލީމީ އިދާރާތަކާއި، އެކިއެކި މުޖުތަމަޢުތަކުގައި މާލީ ހޭލުންތެރިކަން އިތުރު ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލުން ރާއްޖެއަށް ތަޢާރަފް ކުރި ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑަކީ، ރާއްޖެއަށް ތަޢާރަފް ކުރި ފުރަތަމަ މެޓަލް ކާޑެވެ. ބީއެމްއެލުން ވިދާޅުވީ، ވިސާ އިންފިނިޓް ކާޑު ހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސްއާއި، އިންޓަރނޭޝަނަލް އެއަރޕޯޓުތަކުގައި ފަސޭހަ އަދި ފުރިހަމަ ޚިދުމަތެއް ލިބޭނެ ކަމަށެވެ. އެގޮތުން ފާސްޓް ޓްރެކް އިމިގްރޭޝަން، ޕަރސަނަލައިޒްޑް މީޓް އެންޑް އެސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބުމާއެކު، ޕްރިޔޯރިޓީ ރިސަރވޭޝަން ޚިދުމަތްތައް ލިބޭނެކަންވެސް އެ ބޭންކުން ފާހަގަކުރެއެވެ.
2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތަޢާރަފްކުރީވެސް ބީއެމްއެލްއިންނެވެ. އަދި މިދިޔަ އަހަރު އެބޭންކުން ވަނީ، ރާއްޖޭގެ ފުރަތަމަ ޝަރީޢާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ތަޢާރަފްކޮށްފައެވެ. ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާއެކު ކްލާސިކް ޑެބިޓް އަދި ދާދިފަހުން ތަޢާރަފް ކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ބޭންކުން އަންނަނީ ދޫކުރަމުންނެވެ.