ފުވައްމުލަކު ފަބްލިކް ލައިބްރަރީއަކީ، ރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2010 ވަނައަހަރު އުފެދިގެން ދިޔަ، އޭރުގެ ފުވައްމުލަކު ދިގުވަނޑު ކައުންސިލްގެ އިސްނެގުމުގެ މަތިން، ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއެކު 2014 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހުޅުވި ލައިބްރަރީއެކެވެ.
މި ލައިބްރަރީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވުމާއެކު ސިޓީ ކައުންސިލުން ލައިބްރަރީ ބޮޑުކޮށް ދެ ފާޚާނާއި، ސަރވާ ރޫމްއަކާއި ސްޓޯ ރޫމް އަކާއި އަދި އިތުރު ފޮތާއެކު 2021 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 16 ވަނަ ދުވަހުވަނީ އަލުން ހުޅުވާފައެވެ.
ލައިބްރަރީ ހުޅުވުމަށްފަހު ފުވައްމުލަކު ސިޓީ ކައުންސިލުން އަންނަނީ ފުވައްމުލަކު ރައްޔިތުންނަށް އަމާޒުކޮށްގެން ހުނަރު ތަރައްޤީ ކުރުމަށާއި، ދީނީ އަދި ޤައުމީ ލޯބިއާލާ ކުރުމުގެ އިތުރުން، މުޖުތަމަޢުގައި ހުންނަ މައްސަލަތަކަށް ޚާއްސަކޮށްގެން އެތަނުގައި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.
މީގެ 11 އަހަރުކުރިން ހުޅުވި ފުވައްމުލަކު ޕަބްލިކް ލައިބްރަރީ ހުންނަނީ އެރަށު ދިގުވާނޑު އަވަށުގެ ބޮއެމައްތެ ހިނގުމުގައެވެ. މި ލައިބްރަރީ ހުޅުވާފައި ހުންނަނީ އާދީއްތަ އިން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ 8:00 އިން މެންދުރު 2:00އަށެވެ. އަދި ހަވީރު 4:00އިން 6:00އަށެވެ.
މީގެއިތުރުން، ހޮނިހިރު ދުވަހު މި ލައިބްރަރީ ހުޅުވާފައި ހުންނަނީ ހެނދުނު 9:00އިން 12:00 އަށެވެ. އަދި ހަވީރު 4:00އިން 6:00 އާ ހަމައަށެވެ. ފުވައްމުލަކު ޕަބްލިކް ލައިބްރަރީގައި 7000އަށްވުރެ ގިނަ ފޮތް ހުރެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފުވައްމުލަކު ކައުންސިލްގެ މޭޔަރ، އިސްމާޢީލު ރަފީޢު ވިދާޅުވީ، ކުރިއަށްއޮތްތަނުގައި ލައިބްރަރީ ބޮޑުކޮށް ފޮތް އިތުރުކުރުމަކީ އަމާޒެއްކަމަށެވެ.
"ފުވައްމުލަކު ލައިބްރަރީއަކީ ޚާއްސަކޮށް ސްކޫލްކުދިން ގިނައިން ބޭނުންކުރާ ތަނެއް. އެކުދިންނަށް ބޭނުންވާ ގިނަ ޕްރޮގްރާމްތައް ކުރިއަށްގެންދަން. މި ލައިބްރަރީ ސްކޫލް ކުދިން ވަރަށް ގިނައިން ބޭނުންކުރާތަނެއް. ހިންގާ ޕްރޮގްރާމްތަކުގަވެސް ވަރަށް ގިނައިން ކުދިން ބައިވެރިވޭ. އެހެންވީމަ ލައިބްރަރީ ބޮޑުކޮށް ފޮތްތައް އިތުރުކުރުން އަޅުގަނޑުމެންގެ އަމާޒަކީ." މޭޔަރ އިސްމާޢީލް ރަފީޢު ވިދާޅުވިއެވެ.
ފުވައްމުލަކު ޕަބްލިކް ލައިބްރަރީގައި އާންމުކޮށް ހުންނަނީ 3 ބަހަކުން ލިޔެފައިވާ ފޮތްތަކެވެ. އެއީ އިނގިރޭސިބަހާއި، ދިވެހިބަހާއި އަދި ޢަރަބި ބަހުން ލިޔެފައިވާ ފޮތްތަކެވެ.
އާންމުކޮށް ހުންނަ އެހެން ލައިބްރަރީތަކާއި ޚިލާފަށް ފުވައްމުލަކު ޕަބްލިކް ލައިބްރަރީ ބައްޓަން ކުރެވިފައިވަނީ ފޮތް ކިޔުމާއި ފޮތް ދޫކުރުމުގެ އިތުރުން އިސްރަށްވެހިންނާއި ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށްކަމަށް ފުވައްމުލަކު ކައުންސިލުން ފާހަގަކުރައްވައެވެ.
މީގެއިތުރުން މި ލައިބްރަރީގައި މުޅިއަހަރަށް ތާވަލުކޮށްގެން ދީނީ ހަރަކާތްތަކެއްވެސް ހިންގޭކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.
މި ލައިބްރަރީގެ އެންމެ ޚާއްސަކަމެއްގެ ގޮތުގައި އެރަށު ކައުންސިލުން ފާހަގަކުރެއްވީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމުގެ ގޮތުން މުޖުތަމަޢަށް ޚާއްސަކޮށްގެން ހިންގާ އިޖްތިމާޢި ހަރަކާތްތަކާއި، ކުޑަކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް ކައުންސިލުން ހިންގާ ތަފާތު އެކި ޕްރޮގްރާމްތަކެވެ.
އާންމުކޮށް ހުންނަ އެހެން ލައިބްރަރީތަކެކޭވެސް އެއްގޮތަށް ފުވައްމުލަކު ޕަބްލިކް ލައިބްރަރީއިންވެސް ފޮތް ގެއަށް ގެންދެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ. ލައިބްރަރީ މެމްބަރަކަށް ވުމަށްފަހު 7 ދުވަހަށް 2 ފޮތް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ.