ޚަބަރު

ސިލޯނާއެކު ދިވެހީން: ފުލުހުންގެ ފަރާތުން 2.4 މިލިޔަން ރުފިޔާ، މިއީ އެންމެ ބޮޑު ފައިސާގެ އެހީ


  • ކޮމިޝަނަރ ވަނީ ލަންކާގެ ރައްޔިތުން މި ކާރިސާއިން ވީހާއަވަހަށް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާކަމާށް ވިދާޅުވެފައި

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ދިވެހި ފުލުހުންގެ ޚިދުމަތުން 2.45 މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ.

ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނަށް ފުލުހުން ހަދިޔާ ކުރި 2.45 މިލިޔަން ރުފިޔާއަކީ، މިއީ ޓެލެތޯނަށް އެއް ފަރާތަކުންވި އެންމެ ބޮޑު ފައިސާގެ އެހީއެވެ. ދެވަނައަށް އެންމެ ބޮޑު އެހީއެއް ވެފައިވަނީ ޤައުމީ ދިފާޢީ ބާރުންނެވެ. އެއީ 1 މިލިޔަން ރުފިޔާއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދިން އެހީގެ އަދަދު ހާމަކޮށްފައިވަނީ ޓެލެތޯނުގެ ތެރެއިން އެހީ ހޯދުމަށް ބައްވަމުން ގެންދަވާ ރަސްމިއްޔާތެއްގައި ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރޕާސަން އައިމިނަތު ނަމްޒާއެވެ. މި އެހީ ފޯރުކޮށްދިނުމާއި ގުޅިގެން ޕީއެސްއެމްގެ ފަރާތުން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ޝުކުރު ދަންނަވާފައެވެ.

ދިވެހި ފުލުހުންގެ ފަރާތުން މި އެހީތެރިކަން ފޯރުކޮށްދެއްވާ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ސިލޯނާއެކު ދިވެހިން ތިބިކަން އެންމެ ބޮޑަށް ދޭހަވާ އެއް ކަމަކީ، ދިވެހިންގެ ފަރާތުން ލިބޭ އެހީތެރިކަން ކަމަށެވެ. އަދި ސްރީލަންކާގެ ރައްޔިތުންނަށް މި ކާރިސާއިން ވީހާއަވަހަށް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ މީޑީއާތަކާއި ގުޅިގެން ބާއްވާ ޓެލެތޯނަށް ދިވެހި ފުލުހުންގެ ފަރާތުން ހަދިޔާކޮށްފައިވަނީ މުޅި ޖުމްލަ 2،455،111.26 ރުފިޔާއެވެ.

މި ޓެލެތޯނަކީ ދައުލަތުގެ މީޑިއާއާއި ރާއްޖޭގެ 38 މީޑީއާއެއް ގުޅިގެން ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނުގެ ގެއްލުމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯނަށް މިހާތަނަށް 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.