ޚަބަރު

ރާއްޖޭގެ މާލީ ހާލަތު ހަމަމަގަށް، ސަރުކާރުގެ ފިޔަވަޅުތައް ބޭރުގެ އިދާރާތަކުން ބަލައިގެންފި


  • މޫޑީސްގެ ރޭޓިން އައުޓްލުކް "ނެގެޓިވް" އިން "ސްޓޭބަލް" އަށް ވަނީ ބަދަލުކޮށްފައި

  • ސަރުކާރުން އެޅި ގިނަ އިސްލާހީ ފިޔަވަޅުތައް ތަންފީޒުވާން ފެށީ މިއަހަރު

  • ރޭޓިންގ ތަކަށް ބަދަލު އައިސްފައިވަނީ ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ސަބަބުން

ދައުލަތުގެ ދަރަނި ދެއްކުމުގެ ޤާބިލްކަން ބޭރުގެ ފަރާތްތަކުން ވަޒަން ކުރުމަށް ބޭނުން ކުރާ އެއް ވަސީލަތަކީ ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ނެރޭ ރޭޓިންގތަކެވެ.

ރާއްޖޭގެ މާލީ ހާލަތު ވަޒަންކޮށް މިގޮތަށް ކްރެޑިޓް ރޭޓިންގ އެއް ދޭ އެއް ފަރާތަކީ ރޭޓިންގ އޭޖެންސީ މޫޑީސްއެވެ. މޫޑިސްއަކީ ޤައުމުތަކުގެ މާލީ ހާލަތާއި ދަރަނި ދެއްކުމުގެ ޤާބިލްކަން ހުންނަ މިންވަރާއި ގުޅޭގޮތުން ރިޕޯޓްތައް ނެރޭ އަމިއްލަ ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވިއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އަދި ރާއްޖެއަށް އެހީދޭ ފަރާތްތަކުގެވެސް ކަންބޮޑުވުން އޮތް އެއް މައްސަލައަކީ ރާއްޖެއިން އަދާކުރަން ޖެހިފައި އޮތް އިންތިހާއަށް ބޮޑު ދަރަންޏެވެ. އެ ދަރަނި އަނބުރާ ދެއްކުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދިޔަތާ ލިބޭ އާމްދަނީއަށް ވުރެ ބޮޑަށް ދިޔައީ ޚަރަދު ކުރަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ބަައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ދިޔައީ ގެއްލެމުންނެެވެ.

ރާއްޖޭގެ ރޭޓިން ދަށްވަމުންދާތާ އަހަރުތަކެއް ވެއްޖެ

ހަމައެކަނި މޫޑީސްގެ ރޭޓީންގތަކަށް ބެލުމުން މިކަން ހާމަވެއެވެ. އަދުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މޫޑީސްއިން ދީފައި އޭރު އޮތީ، ސީ-ޑަބަލް އޭ 1 ރޭޓިން އެކެވެ. މި ރޭޓީން ދީފައިވަނީ 2021 ވަނަ އަހަރު އޮގަސްޓް މަހުއެވެ. މިއީ އޭގެ ކުރިން ދީފައިވާ ބީ-3 ރޭޓިންގ އަށް ވުރެ ދަށް ރޭޓިންގ އެކެވެ. ކޯވިޑުގެ ހާލަތާއެކު ރޭޓިންގ ދިޔައީ ދަށްވަމުންނެވެ.

އޭގެ ފަހުން ރާއްޖޭގެ ރޭޓިން ދެން ބަދަލުވީ، ސީ-ޑަބަލް އޭ 2 ރޭޓިންގ އަށް ސެޕްޓެމްބަރ 2024 ގައި އެވެ. ރޭޓިން ދަށް ކުރި ސަބަބުތައްވެސް ހުއްޓެވެ. ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު 2026 އަށް ހަމަވާއިރު، 2025 އަދި 2026 ވަނަ އަހަރު ދައްކަން ޖެހޭ ދަރަނި އިންތިހާއަށް ބޮޑެވެ.

މިއާއެކު ދަރަނި ދެއްކުމާއި ބޭރު ފައިސާގެ އެހެނިހެން އިލްތިޒާމު ހަމަޖެއްސަން ބޮޑެތި ޚަރަދުތައް ކުރަން ޖެހިފައިވާއިރު، ދައުލަތުގެ ރިޒާވް 364 މިލިޔަން ޑޮލަރަށް ދަށްވުމާއި، ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދުމަށް ހުރި ހުރަސްތައް ރޭޓިންގ ދިން ސަބަބުތަކުގެ ތެރޭގައި މޫޑީސްއިން އޭރު ފާހަގަކުރިއެވެ. އޭގެ ފަހުން ޑިސެމްބަރު މަހު ރޭޓިން ދަމަހައްޓާ ނެގެޓިވް އައުޓްލުކްއެއް ދިނެވެ. މިކަމުން ދައްކުވައިދިނީ ހާލަތަށް ބަދަލެއް ނުގެނެވޭނަމަ އިތުރަށް ގޯސްވުމުގެ ފުރުޞަތު އޮތް ކަމެވެ.

މިދިޔަ އަހަރު ފަހުކޮޅު ރޭޓިންގ އަށް މި ބަދަލު ގެނެވުނު ސަބަބުތައް ގިނައެވެ. ސަރުކާރުން ހަވާލުވިއިރު ނިޒާމީ ގޮތެއްގައި މާލީ ދާއިރާގައި ހައްލު ކުރަން ޖެހުނު ގިނަ މައްސަލަތައް ހުއްޓެވެ. ކުރީގެ ސަރުކާރުން މިދިޔަ އަހަރަށް ތައްޔާރު ކުރި ބަޖެޓު ރޭވިފައި އޮތީ ސަޕްލިމެންޓަރީ ބަޖެޓެއް ނުލައި ކުރިއަށް ނުދެވޭ ފަދަ ގޮތަކަށެވެ. ފުނި ޖެހިފައިވާ ގިނަ މައްސަލަތަކެއް ނިއުޅައި ހައްލުކުރުމުގެ މަސައްކަތް އޭރުވެސް ސަރުކާރުން ވަނީ ފަށާފައެވެ. މި ބަދަލު ގެނައި ރިޕޯޓުގައިވެސް ސަރުކާރުން ހާލާތު ބަދަލުކުރަން މަސައްކަތް ކުރަމުންދާކަން މޫޑީސްއިން ފާހަގަކުރިއެވެ.

ރާއްޖޭގެ މާލީ ހާލަތު ހަމަމަގަށް އެޅުން

މޫޑީސްއިން ރާއްޖޭގެ ހާލަތު އަލުން ވަޒަންކޮށް ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި، ރާއްޖޭގެ ރޭޓިންގ ސީ-ޑަބަލް އޭ 2 ގައި ދަމަހައްޓަން ނިންމާފައިވާކަން ހާމަކުރިއެވެ. ނަމަވެސް ރާއްޖޭގެ އައުޓްލުކް ނުވަތަ ކުރިމަގާއި މެދު މޫޑީސްއިން ދެކޭ ގޮތް ނެގެޓިވް އިން ސްޓޭބަލްއަށް ވަނީ ބަދަލުކޮށްފައެވެ. މިބަދަލު ގެނައި ސަބަބަކީ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައްކަން މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޔަޤީންވުމާއެކު މީގެ ކުރިން މަޖިލީހުގެ ތެރެއިން ބަދަލުތައް ގެނައުމަށް މަޖިލީހުގެ ތެރެއިން ކުރިމަތިވި ހުރަސްތައް ނައްތާލައި، އިސްލާހީ ބޮޑެތި ބަދަލުތައް ގެންނަން ފެށިއެވެ. ދައުލަތުގެ ރިޒާވް ހަރުދަނާކުރުމަށް، ބޭރު ފައިސާގެ އައު ޤާނޫނެއް ފާސްކުރިއެވެ. މި ބަދަލާއެކު ދައުލަތުގެ ރިޒާވް މިދިޔަ އޮކްޓޫބަރ ނިޔަލަށް 859 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓު ފީތަކަށް ބަދަލުތައް ގެނައެވެ. މިއާއެކު ދަރަނި ދެއްކުމަށް ހަދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ފައިސާ ޖަމާކުރަން ފެށިއެވެ. މިގޮތުން ފަނޑުގައި ހުރި އަދަދު 15 މިލިޔަން ޑޮލަރުން 126 މިލިޔަން ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ.

މި ބަދަލުތަކާއެކު ބޭރު ޤައުމުތަކުގެ އިތުބާރު ހޯދައި، ސަރުކާރުން ކަށަވަރުކޮށްދިނީ ދިވެހިރާއްޖޭގެ މާލީ ހާލަތައް ބައިނަލްއަޤްވާމީ ބައިވެރިންގެ އިތުބާރު އޮތް ކަމެވެ. ދަރަނީގެ ބޮޑު ބައެއް ދައްކަން އޮތް އިނޑިއާ އަދި ޗައިނާއިންވެސް ދަރަނިތައް ދެއްކުމުގައި ލުއިތަކެއް ހޯދައި، އިތުރު އެހީތެރިކަން ހަރުދަނާ ޚާރިޖީ ސިޔާސަތެއްގެ ތެރެއިން ކަށަވަރު ކުރިއެވެ.

ދައުލަތުގެ ޚަރަދުތައް މެނޭޖްކޮށް ދަރަނި ދެއްކޭނެގޮތުގެ ރަނގަޅު ޕްލޭނެއް ސަރުކާރުން އެކުލަވާލާފައިވާކަން މިކަމުން ހާމަވެއެވެ. މޫޑީސްގެ ބަޔާނުން ހާމަވިކަމަކީ ސަރުކާރުން ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލައިގަނެފައިވާކަމެވެ. "އަނދަވަޅެެއްގެ" ތެރޭގައި އޮތް ޤައުމުގެ މާލީ ހާލަތު ނަގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިވަނީ "ސްޓޭބަލް" ނުވަތަ ހަމައަކަށް އަޅުވާފައެވެ.