ޚަބަރު

ހޮޅުދޫ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި


  • މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް

  • ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގައި އެކްސްރޭގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާހީމް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރައްތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހޮޅުދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ނ. ހޮޅުދޫގެ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ހޮޅުދޫ ކައުންސިލްގެ ރައީސްއާއި، ކައުންސިލް އިދާރާގެ މެމްބަރުންނާއި، އެރަށު ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ސިއްޙީ ވުޒާރާގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނ. ހޮޅުދޫ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ދޭން ފެށުމަކީ، އެރަށުގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މި ޚިދުމަތް ފެށުމާއެކު، މީގެ ކުރިން ބޭސްފަރުވާއަށް މާލެއަށް ނުވަތަ އެހެން ބޮޑެތި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ބުރަ ރައްޔިތުންގެ ކިބައިން ކުޑަވެގެން ދިއުމުގެ އިތުރުން ރަށުގައި ތިބެ ފަސޭހަކަމާއެކު އެކްސްރޭ ނެގުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައެވެ.

މީގެ އިތުރުން 16 ގަޑިއިރަށް ޚިދުމަތްދޭ މި މަރުކަޒުގައި އެކްސްރޭ މެޝިނެއް ބެހެއްޓި، މި ޚިދުމަތް ފެށުމާއެކު ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ބަލި ދެނެގަނެވި އަވަސް ފަރުވާއެއް ދިނުމަށް މަގުފަހި ވެގެންދާނެއެވެ. އެގޮތުން އެކްސްރޭގެ ޚިދުމަތަކީ، ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް (ނިއުމޯނިއާ، ޓީބީ ފަދަ) އަދި ބައެއް ބަނޑުގެ މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވޭނެ ނޮން-އިންވޭސިވް ވަސީލަތަކަށް ވުމުންް، މިކަމުގެ ސަބަބުން ޑޮކްޓަރުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަރަށް މުހިންމު މައުލޫމާތުތައް ލިބިގެންދާނެ ކަމަށްވެސް ސިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ.

އެކްސްރޭ ނެގުމަށްޓަކައި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ދަތިތަކާއި، ދަތުރުގެ ލޮޖިސްޓިކްސްގެ ބުރަ އަދި ޚަރަދު މި ޚިދުމަތާއެކު ކުޑަވެގެންދާނެއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ހިނގާ ބިނގާވެ އުޅުމަށް ދަތިވާ މީހުންނަށް މިކަމުގެ ލުއި ބޮޑުވާނެއެވެ. ބަލި ދެނެގަތުން އަވަސްވުމުގެ ސަބަބުން ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ ދޭން ފަށާ ވަގުތުވެސް އަވަސްވެގެންދާނެ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.