ޚަބަރު

ކޮޅިގަނޑެއްގައި ޖެހި، ދޯންޏެއް ދިޔަވެއްޖެ


މާލެއިން ފުރައިގެން ކ. ހިންމަފުއްޓަށް ދަތުރު ކުރަމުންދިޔަ "ސައުތު 5" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވުމާއި ގުޅިގެން، އެމް.އެން.ޑީ.އެފުން އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، މި ހާދިސާ ހިނގި އިރު ދޯނީގައި ތިބީ 2 ބިދޭސީންނާއި، ދިވެއްސެއް ކަމަށާއި، މި 3 މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ. 48 ފޫޓުގެ މުދާ އުފުލާ މި ދޯނި ދިޔަވާން ފަށާފައިވާކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފްއަށް ލިބިފައިވަނީ މިރޭ ގާތްގަނޑަކަށް 20:00 ހާއިރެެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 104" ލޯންޗު ދިޔަ ހިއްކާ އާލާތްތަކާއެކު އެސަރަޙައްދަށް ގޮސް، ދިޔަ ހިއްކުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. 

އަދި މި ހާދިސާ ހިނގަން މެދުވެރިވީ ކ. ގާގަނޑު ކައިރިން ދަތުރުކުރަމުންދަނިކޮށް މިރޭ އައި ކޮޅިގަނޑެއްގައި ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުންކަމަށް އެމް.އެން.ޑީ.އެފުން މަޢުލާމާތުދެއްވައެވެ. މި ހާދިސާގައި ދޯނީގައި ބޮޑުވެފައިވާ ދިޔަގަނޑު ޕަމްޕު ބޭނުންކޮށްގެން ހިއްކައިދީ، އެ ދޯނި ހުޅުމާލެ ފަޅަށް ވެއްދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.