ހ. ފެންޓެނޯއީ ގޭގެ މަތިން، އަންހެނަކު ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެވަގުތު އެގެއަށް ވަދެ އުޅުނު ރައުދު އަހުމަދު ޛިލާލްއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ދައުލަތުން ދަޢުވާ އުފުލާފައިވާ ރައުދު އަޙްމަދު ޒިލާލްގެ ފަރާތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށް އެދި ހުށައަޅާފައިވާކަމަށެވެ. އެހެންނަމަވެސް ޕީޖީ އޮފީހުން މިމައްސަލައިގައި އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
މިމައްސަލައިގައި ބުދަދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ރައުދު އޭނާގެ ކުށަށް އިޢުތިރާފްވެފައިވާކަމަށް ޕީޖީން ވިދާޅުވެއެވެ. މި މައްސަލައިގެ އަވަސްނިޔާގެ އަޑުއެހުން މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޒަޚަމްތަކަކާއެކު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ އަންހެން މީހާގެ މައްސަލައިގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ.
ރައުދުގެ މައްޗަށް މިމައްސަލާގައި ކުރި ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސްކަމަށް މީގެކުރިން ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.