ތާރީޚުގައިވެސް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހިފަހައްޓާފައިވަނީ ނިމިދިޔަ 2 އަހަރުކަމަށާއި، އެމުއްދަތުގައި އަތުލައިގަތް މަސްތުވާތެކެތީގެ މަގުމަތީ އަގު 2.2 ބިލިޔަން ރުފިޔާއަށް އަރާކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 2 އަހަރުފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގުގެ ވަބާއިން ޤައުމު ސަލާމަތްކުރަން ޚާއްސަ އިސްކަމެއްދެވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތުން ހިންހަމަޖެހޭ ވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ސަޕްލައި ރެޑިއުސްކުރުމަށް ކުރެވުނު އެންމެ ބޮޑެތި މަސައްކަތް އަޅުގަނޑުމެންނަށް މިވަނީ ކުރެވިފައި. ދެއަހަރެއްގެ ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ އަދަދަަށް ޑްރަގް ހިފެހެއްޓުނު ދެ އަހަރު، ގާތްގަނޑަކަށް މަގުމަތީގެ ވެލިއުއިން ބަލާނަމަ، 2.2 ބިލިޔަން ރުފިޔާގެ ޑްރަގްސް މިދިޔަ 2 އަހަރުތެރޭގައި ވަނީ ހިފަހައްޓާފައި" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ސަރުކާރުން އެމިންވަރަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ނުކުރިނަމަ، ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިންވެސް މަސްތުވާތަކެތީގެ ވަބާގައި އިތުރަށް ޖެހުނީސް ކަމަށާއި، މަސްތުވާތަކެތި ކޮންޓްރޯލް މިކުރެވެނީ ދިވެހި ފުލުހުންނާއި ކަސްޓަމްސްއިން ކުރާ ބުރަމަސައްކަތުންކަން ވަޒީރު އިޙްސާން ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ފިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް މުޅި ރާއްޖޭގައި ދާދިފަހުން ކުރިއަށްގެންދިޔަ ޑްރަގް އޮޕަރޭޝަނަށް އަލިއަޅުއްވާލަަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމިީ ޝަރީއަތުގައި ދެވެން އޮންނ އެންމެ ބޮޑު އަދަބު ލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމުންވެސް މި ނުރައްކާތެރިވަބާއިން ޤައުމު ސަލާމަތްކުރުމުގައި އެމަނިކުފާނުގެ ސީރިއަސްކަން ހާމަވެގެންދާކަމަށެވެ.
ވަޒީރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތަކެއް ފެށިގެނަމަވެސް ހަޤީގީ މާނައިގައި ނަތީޖާ ނެރެދެމުންމިދަނީ އަދުގެ ސަރުކާރުންކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެކަށީގެންވާ ވަސީލަތްތައްވެސް އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގާއިމްކުރެވިފައި ނުވާކަމަށެވެ. އެގޮތުން ރައީސްގެ އިސްނެންގެވުމާއެކު 3 ރަށެއްގައި މިހާރުވެސް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކ. ކާށިދޫގައި ފަށައިފިން. ނ. ވެލިދޫގައި ފަށައިފިން. ލ. ގައުމުގައިވެސް ފަށާއިފިން. މިއިންފްރާސްޓްރަކްޗަރ ނިމި ޚިދުމަތް ލިބެން ފެށުމުން އަޅުގަނޑުމެން އެދޭފަދަ ރިހެބިލިޓޭޝާނާއި، ޑިމާންޑް ރިޑަކްޝަން، ހާމް ރިޑަކްޝަންގެ މަސައްކަތްތައް ކުރެވިގެންދާނީ" ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުން އެންމެ އިސްކަންދެނީ އެތަކެތީގެ ވިޔަފާރިތައް ހުއްޓުވައި، ރިހެބިލިޓޭޓް ކުރުމަށް އިސްކަންދީގެންކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޑްރަގްކޯޓުން ހުކުމްކޮށްފައިވާ 700އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބިމަށާއި، އެކަމަށް ޚާއްސަކޮށްގެން ފެށި އޮޕަރޭޝަނެއްގައި 2 އަހަރު ތެރޭގައި އެހުރިހާ އެންމެނަށް ފަރުވާދީ ނިންމާފައިވާކަމަށާއި ޑްރަގްގެ ވަބާގައި ޖެހި މަގުމަތީގައި އުޅެމުންދިޔަ އެކި އުމުރުފުރާގެ 350 ވަރަކަށް މީހުންނަށް ރިމާންޑް ސެންޓެރެއް މެދުވެރިކޮށް ފަރުވާ ދެމުންގެންދާކަން ވަޒީރު ފަހަގަކުރެއްވިއެވެ.