ޚަބަރު

މީޑިއާ ކޮމިޝަނުގެ ދަފުތަރުގައި 333 ނޫސް މަޖައްލާ


  • ދަފުތަރާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ 7 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ

އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނޫސް މަޖައްލާތަކުގެ ދަފުތަރު ޢާންމުކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޢާންމުކުރި އިޢުލާނެއްގައި ވަނީ އެ ކޮމިޝަނުގެ ޤާނޫނުގެ ދަށުން 45 ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފުތަރެއް އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުގެ މަތިން ދަފުތަރު މިހާރު ޢާންމުކޮށްފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މީޑިއާ ކޮމިޝަނުން މިއަދު ޢާންމުކޮށްފައިވާ ދަފުތަރުގައި 333 ނޫސް މަޖައްލާއެއް ހިމެނެއެވެ. އެ ކޮމިޝަނުން ވިދަޅުވީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއް ދަފުތަރުގައި ނެތް ނަމަ، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ލިޔުމުން ޝަކުވާ ހުށަހަޅަންވާނެ ކަމަށެވެ. އެގޮތުން ކޮމިޝަނުގެ މެއިލް [email protected] އަދި ކޮމިޝަނުގެ ނަންބަރު 3003995 ގުޅައިގެން ޝަކުވާ ހުށަހަޅައި، މަޢުލޫމާތު އޮޅުންފިލުވޭނެކަމަށް އިޢުލާންގައިވެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވުޖޫދުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ޤާނޫނު ވުޖޫދުވުމާއެކުއެވެ. މި ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ. އަދި އައު ޤާނޫނާއެކު ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާގެ ބަދަލުގައި ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށްދޭނީ މި ކޮމިޝަނުންނެވެ.