ޚަބަރު

ހަފުތާ 104: މިދިޔަ ދެ އަހަރު ބައިނަލްއަޤުވާމީ މުބާރާތްތަކުން ރާއްޖެއަށް 55 މެޑެލް


  • 13 ރަން މެޑެލް، 18 ރިހި މެޑެލް އަދި 24 ލޯ މެޑެލް ވަނީ ހޯދައިފައި

  • މި އަަހަރު ރާއްޖޭގައި ބައިނަލްއަޤުވާމީ 7 މުބާރާތެއް ވަނީ ބާއްވައިފައި

މިދިޔަ ދެ އަހަރަކީ ކުޅިވަރުގެ މައިދާނުގައި ދިވެހިރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ދެ އަހަރެވެ. އެގޮތުން މިދިޔަ ދެ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުން ދިވެހިރާއްޖޭގެ ޓީމުތަކުންނާއި އެތުލީޓުން ވަނީ ޖުމްލަ 55 މެޑެލް ހޯދައިފައެވެ. އެއީ 13 ރަން މެޑެލް، 18 ރިހި މެޑެލް އަދި 24 ލޯ މެޑެއްޔެވެ.

މި އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖޭގެ އެތުލީޓުން ހޯދި ކާމިޔާބީތަކަށް ބަލާއިރު، ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ފެބްރުއަރީ މަހު ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހު ވަނީ، ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފައެވެ. މިއީ ރާއްޖޭގެ ޝޫޓިންގެ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

އަދި ފެބްރުއަރީ މަހު އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ތިންވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕުން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ ފުރަތަމަ ފަހަރަށް ރިހި މެޑެލް ހާސިލުކޮށްފައެވެ.

މެއި މަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި ބޭއްވި އިންލައިން ސްކޭޓް ސީރީޒް ދޭއްގައި ވާދަކުރި ރާއްޖޭގެ ސްކޭޓަރުން 10 މެޑެލް ހޯދިއިރު، އެ މަހު ސްރީލަންކާގައި ބޭއްވި އެނުއަލް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ޢަލީ ޝަރީފާއި، ނާފިޒާ އަޙްމަދު ވަނީ ރަން މެޑެލް ހާސިލުކޮށްފައެވެ. އަދި އެ މުބާރާތުގައި ރާއްޖޭގެ މުޙައްމަދު އާމިރު ވަނީ ރިހި މެޑެއްޔެއް ހޯދައިފައެވެ. 23 ވަނަ އޭޝިއާ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި ހުސްނާ މުޙައްމަދުވެސް ވަނީ ލޯ މެޑެއްޔެއް ހޯދައިފިއެވެ.

ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން އަދި ފިރިހެން ޓީމުން ތިންވަނަ ހޯދިއިރު، ސްރީލަންކާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ވަނީ ހޯދައިފައެވެ.

މީގެ އިތުުރުން ކުރިއަރަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަހްލޫފް ވަނީ، ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ގިނަ މެޑެލްތަކެއް ހާސިލުކޮށްފައެވެ. އެގޮތުން ޖޫން މަހު އަރުމޭނިއާގައި ކުރިއަށްދިޔަ "އަރުމޭނިއަން ޔޫތު އޯޕަން 2025" ގެ ތިން ކެޓެގަރީއެއްގައި ވާދަކޮށް ލައިބާ ވަނީ ތިން ރަން މެޑެލް ހާސިލުކޮށްފައެވެ. މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ލައިބާ ރަން މެޑެލް ހާސިލުކުރި ފުރަތަމަ ފަހަރެވެ. އަދި އޮގަސްޓް މަހު ޖޯޖިއާގައި ކުރިއަށްދިޔަ ބަޓޫމީ ކަޕުގައި ވާދަކޮށް ލައިބާ ވަނީ އެ މުބާރާތުންވެސް ތިން މެޑެލް ހާސިލުކޮށްފައެވެ.

‎ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އެތުލީޓުން 3 ރިހި މެޑެލް ހޯދިއިރު، ސްރީ ލަންކާގައި އޮތް ބައިނަލްއަގުވާމީ މާޝަލް އާޓްސް މުބާރާތަކުން ރާއްޖޭގެ މުޙައްމަދު ސައިފް ޝާން ޢަބްދުالله ވަނީ ރަން މެޑެލް ހޯދައިފައެވެ. އަދި އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާއިން އިންތިޒާމުކޮށްގެން ބޭއްވި ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކުރި އަންހެން ޓީމުންވެސް ވަނީ ލޯ މެޑެލް ހޯދައިފައެވެ.

ރާއްޖޭގައި ބޭއްވި ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑެލް ހޯދިއިރު، ކ. ތުލުސްދޫގައި 2024 ވަނަ އަހަރު ބޭއްވި އަދި މި އަހަރު އިންޑިއާގެ ޓަމިލްނާޑޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކޮށް، 2026 ވަނަ އަހަރު ޖަޕާންގައި އޮންނަ އޭޝިއަން ގޭމްސްއަށް ރާއްޖެ ވަނީ ކޮލިފައިވެފައެވެ. އެގޮތުން ސާފިން ޓީމަށް އޭޝިއަން ގޭމްސްގެ ހަތަރު ޖާގައެއް މިހާރު ވަނީ ޔަގީންވެފައެވެ. މީގެ އިތުރުން މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ކެޓެގަރީން ލޯ މެޑެލް ހޯދައިފައެވެ.

ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯޅަ މުބާރާތް މި އަހަރުގެ އޮގަސްޓް މަހު ކުޅުދުއްފުށި ސިޓީގައި ވަނީ ބާއްވާފައެވެ. ކޮމަންވެލްތުގެ ފުރަތަމަ ބީޗް ހޭންޑްބޯޅަ މުބާރާތް ބޭއްވުމަށް ސަރުކާރުން ވަނީ 600 މީހުންގެ ޖާގައިގެ ބައިނަލްއަޤުވާމީ ސްޓޭޑިއަމެއް ކުޅުދުއްފުށި ސިޓީގައި ޤާއިމުކޮށްދެއްވާފައެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ މަންފާ ރާއްޖޭގެ އެކި ހިސާބުތަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ސިޔާސަތުގެ ތެރެއިން، ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރި ސްޓޭޑިއަމެކެވެ. 6 ޤައުމެއް ވާދަކުރި ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުން ރާއްޖޭގެ ޤައުމީ ފިރިހެން ހޭންޑްބޯޅަ ޓީމުން ވަނީ ތިންވަނަ ހޯދައިފައެވެ.

2025ވަނަ އަހަރު ރާއްޖޭގައި ބައިނަލްއަޤުވާމީ 7މުބާރާތެއް ވަނީ ބާއްވައިފައި!

ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕާއެކު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ވަނީ ބައިނަލްއަޤުވާމީ 7 މުބާރާތެއް ބާއްވާފައެވެ. އެގޮތުން އަންހެން އަދި ފިރިހެން ޓީމު ވާދަކުރި ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިން މި އަހަރުގެ ޖޫން މަހު ރާއްޖޭގައި ބޭއްވިއިރު، 4 ޤައުމުން 8 ޓީމު ވަނީ އެ މުބާރާތުގައި ވާދަކޮށްފައެވެ.

އަދި ޖުލައި މަހު މާލޭގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި 5 ޤައުމެއް ވަނީ ވާދަކޮށްފައެވެ. މީގެ އިތުރުން ޓެނިހުގެ ބައިނަލްއަޤުވާމީ ހަތަރު މުބާރާތެއް ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގައި ބާއްވާފައެވެ. އެއީ އައިޓީއެފް މޯލްޑިވްސް ޖޫނިއަރ އޯފަން ޖޭ-30 ގެ ދެ މުބާރާތާއި އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025ގެ ދެ މުބާރާތެވެ.

ޓެނިހުގެ މި މުބާރާތްތަކުން ރާއްޖޭގެ އެތުލީޓުން ވަނީ ގިނަ މެޑެލްތަކެއް ޙާސިލުކޮށްފައެވެ. އެގޮތުން އައިޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން ޖޭ30 ގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާ އާރާ އާސަލް އާޒިމް ވަނީ ރަން މެޑެލް ހޯދައި، ފުރަތަމަ ފަހަރަށް އައިޓީއެފް މުބާރާތަކުން ރާއްޖެއަށް ރަން މެޑެލް ހޯދައިދިނުމުގެ ޝަރަފު ހޯދާފައެވެ. އަދި އެ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަންވެސް އާރާގެ ޕެއާއިން ވަނީ ހޯދާފައެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދިޔަ އައިޓީއެފްގެ ޓެނިސް ޓުއަރ ޖޭ30 މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަންވެސް އާރާ ވަނީ ހޯދާފައެވެ.

ރާއްޖޭގައި ބޭއްވި އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަންގެ ފުރަތަމަ ހަފުތާގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާ ނިޝާން ހޯދިއިރު، މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ނަބާ ނިޝާން އައި މަންހާ މުޙައްމަދު ޢަލީގެ ޕެއާއެވެ. އަދި ދެވަނަ ހަފުތާގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާ ނިޝާނާއި، އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން އައިޝަތު ކަރިން ސައިޒާނާއި ނީމް ސަލީމް އަޙްމަދުގެ ޕެއާއިން ވަނީ ހޯދާފައެވެ.

މި އަހަރަށް ކުރިއަށް ރޭވިފައިވާ ބައިނަލްއަގުވާމީ މުބާރާތްތައް:

މީގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން ބައިނަލްއަޤުވާމީ އިތުރު ތިން މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަތްވަނަ ކެރަމް ވޯލްޑް ކަޕް 2025 އާއި، ކާވާ ކަޕް ފޯރ ވިމެންސް 2025ގެ އިތުރުން ކާވާ ވިމެންސް ޗެމްޕިއަންސް ލީގު 2025އެވެ.

މީގެ ތެރެއިން މާލޭ ސިޓީގައި ބާއްވާ ކެރަމް ވޯލްޑް ކަޕުގައި 20 ގައުމަކުން 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ.

ސަރުކާރުގެ މެނިފެސްޓޯ 11.6 ގައި ޤައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރުމާއެކު، އެ އެތުލީޓުންގެ ގައުމީ ޚިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ޤާއިމުކުރުމަށްޓަކައި ޚާއްސަ ޕެންޝަން ސްކީމެއް ތައާރަފުކުރުމަށް ވަނީ ހިމަނައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ކުޅުންތެރިންނާއި، އޮފިޝަލުންނާއި ޕެރަ އެތުލީޓުންގެ މުސާރަ ހަމަހަމަކޮށްދީ، މި އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 7000 ރުފިޔާއަށް މުސާރަ ވަނީ ބޮޑުކޮށްދީފައެވެ. މީގެ ކުރިން މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް 5000 އަދި އޮފިޝަލުންނަށް ދެމުން އައި 2500ގެ ތަފާތުކުރުން ނައްތައިލައި، މިހާރު އެންމެންނަށްވެސް ހަމަހަމަ އުސޫލަކުން 7000 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ހުރިހައި ފަރާތްތަކާއި، ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ އިންޝުއަރެންސް ސްކީމުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންޝުއަރެންސް ހަމަޖެހިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.