ޤައުމަށް ތަރައްޤީއާއި ކުރިއެރުން ގެނެސްދިން ޕީޕީއެމްގެ 5 އަހަރުގެ ވެރިކަމަށްފަހު 2018 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހިނގި 5 އަހަރުގެ ވެރިކަމުގެ ދައުރަކީ މި ޤައުމަށް އެކިި ގޮތްގޮތުން ނުރައްކަލާއި ދަތިކަމާއި ނުތަނަވަސްކަން ގެނައި 5 އަހަރެވެ. އެ 5 އަހަރަކީ ރެކޯޑް އަދަދަކަށް ލޯނު ނަގައިގެން ދިވެހި ރައްޔިތުން ދަރަނިވެރިކުރުވުމަށްފަހު ތަރައްޤީގެ ބޮޑު މަޝްރޫޢެއް ނުނިމިދިޔަ 5 އަހަރެވެ. އިޤްތިޞާދު ހީނަރުވެފައި އޮތް 5 އަހަރެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ނާއުއްމީދުވެފައި ތިބި ރައްޔިތުންތަކެއް ފެނުނު 5 އަހަރެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ޒައާމަތާއި ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގަތީ ނާއުއްމީދުން ފުރިފައިވާ ރައްޔިތުންނަށް އުއްމީދުތަކެއް ދެއްވަމުންނެވެ. އެމަނިކުފާނުގެ މައިގަނޑު ވަޢުދަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ހިމާޔަތްކުރުމާއެކު، ޤައުމުގައި ހުރި ބޮޑެތި ހުރިހާ މައްސަލަތަކަށް ވަށާޖެހޭ ހައްލުތައް ހޯދައިދީ، ދިވެހީންގެ ރާއްޖެއެއް ބިނާކޮށްދެއްވުމެވެ.
"އިރާދަކުރެއްވީތީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ރިޔާ ކޮށާލި ދުވަސް. މި ވަގުތަކީ ދިވެހީންގެ އުންމީދުތައް ހާސިލުކޮށްދީ، ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް އަޅުގަނޑުމެންގެ ހިތްތަކުން ޖަހަމުންދާ ވަގުތު" ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވިއެވެ.
ސަރުކާރާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދުވަހުވެސް އެމަނިކުފާނު ފެއްޓެވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ހިމާޔަތްކޮށް، ވަރުގަދަކުރުމުގެ މަސައްކަތެވެ. އެންމެ މުހިއްމު ރިޔާސީ ވައުދު ކަމަށްވާ ރާއްޖޭގައި ތިބި ބޭރު ސިފައިން ފޮނުވާލެއްވުމުގެ މަސައްކަތް ފައްޓަވައި، ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގައި ތިބި ބޭރު ސިފައިންތައް ފޮނުވާލައި، ރިޔާސީ އެންމެ މުހިއްމު ވައުދު ފުއްދެވިއެވެ.
"ޑިޕްލޮމަސީގެ ރިވެތި އުޞޫލުން ކުރެވުނު މަޝްވަރާއިން، މި ޤައުމުގައި ތިބި ބޭރުގެ ހުރިހާ ސިފައިން މި ޤައުމުން ފައިބާފައި ވާނީ. މިހާރު މި ޤައުމުގައި ޤާއިމުވެ ތިބި ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނުހުންނާނެ. ޔުނީފޯމެއް ނޫން، އެއްވެސް އެއްޗެއް ނޫން. އެއްވެސްކަހަލަ ތަފާތުކުރުމެއް، ނޫނީވިއްޔާ އޮޅުވާލުމެއް އޮތް ވާހަކައެއް ނޫން. ސާފު ސީދާ ވާހަކައެއް" 2024 ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތުގެ ރަތް ރޮނގު ހުރަސް ނުކުރާ ކޮންމެ ބަޔަކާއި އެކު ގުޅުން ބަދަހި ކުރުމުގެ މައްޗަށް ބިނާވެފައިވާ، ހަރުދަނާ ޚާރިޖީ ސިޔާސަތެއް.
"ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް. އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް. އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން" ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ހާރިޖީ ސިޔާސަތަކީ އަވަށްޓެރި ގައުމުތަކާއި ރަހުމަތްތެރި ގައުމުތަކުން ބަލައިގެންފައިވާ ސިޔާސަތެއްކަން އެ ގައުމުތަކުގެ ވެރިން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކުންނާއި، އެ ދަތުރުތަކުގައި ފައްޓަވާ މަސައްކަތްތަކުން ހަމަވެއެވެ. އަވަށްޓެރި ގައުމުތަކާއެކު އޮތް ގުޅުން މިދިޔަ 2 އަހަރު އިތުރަށް ބަދަހިވެފައިވާ އިރު، ޒަމާނުއްސުރެ ގާތް ގުޅުންތައް ބާއްވަމުން އަންނަ ގައުމުތަކުގެ ގުޅުންތައް ރައީސް މުއިއްޒު ވަނީ ދަމަހައްޓަވާފައެވެ. އަދި އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބާރުގަދަ ގައުމުތަކާއެކު ރައީސް މުއިއްޒު ވަނީ ގުޅުންތައް ގާއިމްކުރައްވާފައެވެ.
ރައީސްގެ ހާރިޖީ ސިޔާސަތުގެ ދަށުން ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ، މިއަދު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު ގަދަވެ، ރާއްޖެއަށް ކުރާ އިހްތިރާމް ބޮޑުވުމެވެ. އދ އާއި އޯއައިސީ އަދި ސިޑްސްފަދަ ބައިނަލްއަޤްވާމީ ބޮޑެތި ޕްލެޓްފޯމްތަކުގައި ތިމާވެށީގެ މައްސަލަތަކާއި ފަލަސްތީނުގެ މައްސަލައާއި އެހެނިހެން ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން އަޑު އުފުއްލެވުމުގެ އިތުރުން، ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އެކަންކަމާއި ގުޅޭގޮތުން ސަރުކާރުގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވާފައެވެ.
އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް ނާދެވޭ ގޮތަށް އެ ޤައުމުގެ ޕާސްޕޯޓް މަނާކުރުން ވެގެންދިޔައީ މުޅިދުނިޔޭގެ ސަމާލުކަން އެކަމަށް ލިބުނު ކަމެއްގެ އިތުރުން، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ދުނިޔެއަށް ނަމޫނާ ދެއްކޭ ފެންވަރުގެ ގައުމެއްކަން ދުނިޔެއަށް ހަމަވެގެން ދިޔަ ފަހުރުވެރި ނިންމެވުމަކަށް. މީގެއިތުރުން ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް އދ ގެ ސަލާމަތީ މަޖިލިސް އޮތީ ނުކުޅެދިފައިކަން ރައީސް މުއިއްޒު ފާހަގަކުރެއްވީ އދގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ވެރިޔަކު ދެއްވި ފުރަތަމަ ތަގުރީރުގައެވެ.
We need change. And we need it now.
The Security Council must become more representative.
Its composition is archaic and outdated.
Out of touch with the realities of the UN membership today.
އދގެ ސަލާމަތީ މަޖިލީހުގައި ރައީސް ދެއްކެވި ވާހަކަ
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ އަސަރުތަކާއި އެކަންކަމުން އަރައިގަތުމަށް ރާއްޖެ ފަދަ ގައުމުތަކަށް ފޯރުކޮށްދޭ އެހީ އިތުރުކުރުމަށް ތަކުރާރުކޮށް ގޮވާލެއްވުމުގެ އިތުރުން، އެކަންކަން ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރައްވަމުންނެވެ. ރައީސް މުއިއްޒު ފާހަގަވެފައިވަނީ ބައިނަލްއަގުވާމީ ކޮންފަރެންސްތަކަށް ވަޑައިގެން ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ލީޑަރެއްގެ ގޮތުގައެވެ. މީގެކުރިން ވެރިކަން ކުރެއްވި އެހެން ބޭފުޅުން ކޮންފަރެންސްތަކަށް ވަޑައިގެން އެންމެ ތަގުރީރެއް ދެއްވުމަށްފަހު މަސައްކަތް ނިންމަވާލެއްވިނަމަވެސް، ރައީސް މުއިއްޒު ފާހަގަވެފައިވަނީ ކޮންފަރެންސްތަކުގައި ކުރިއަށްދާ ބައްދަލުވުންތަކާއި އެހެން މަޝްވަރާތަކުގައި ވަަރަށް ގިނައިން ބައިވެރިވެވަޑައިގަންނަވާ އަދި އެހެން ރައީސުންނަށް އާއްމުކޮށް ދައްކަން ކެރިވަޑައިނުގަންނަވާ ވާހަކަތައް ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ.
ހަރުދަނާ ހާރިޖީ ސިޔާސަތުގެ ދަށުން ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކާއި ގުޅުންތައް ބަދަހިކޮށް، އެ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ހިމާޔަތްކުރުމަށްވެސް ގިނަ މަސައްކަތް ކުރެވުނެވެ. ރައީސް މުއިއްޒު ގަބޫލުކުރެއްވީ އަމިއްލަ ބާރުވެރިކަމާއި މިނިވަންކަމަށް އެންމެ މުހިއްމީ، ޒަމާނީ އާލާތްތަކާއި ތަމްރީން ލިބިފައިވާ ގާބިލް ސިފައިންތަކެއްގެ މައްޗަށް އެކުލެވިފައިވާ ވަރުގަދަ އަސްކަރިއްޔާއެއް ތަރައްގީ ކުރަންޖެހިވަޑައިގަންނަވާކަމެވެ.
"މި ޤައުމުގެ މިނިވަންކަން ވަރުގަދަކޮށް، މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި، ސިފައިންގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކަކީ ޤައުމީ މަސައްކަތެއް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު މި މަސައްކަތްކުރަނީ ފަޚުރުވެރިކަމާއެކުގައޭ. އިރާދަކުރެއްވިއްޔާ، ދިވެހި ސިފައިންގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދިނުމުގައި އަޅުގަނޑުމެން ދާނީ ފަޚުރުވެރިކަމާއެކީގައި ކުރިއަށް" ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަސްކަރިއްޔާ ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ޒަމާނީ ސަރވައިލަންސް ޑްރޯންތައް ހޯއްދަވައި، އެމްއެންޑީއެފްގައި ފުރަތަމަ ފަހަރަށް އެއަރ ކޯ އުފެއްދެވިއެވެ. އަދި ތުރުކީ ސަރުކާރާއެކު ބޭއްވެވި މަޝްވަރާތަކުގެ ތެރެއިން އެމްއެންޑީއެފްއަށް ރައީސް މުޢިއްޒު ހޯއްދަވައިދެއްވި ނޭވަލް ޝިޕަކީ މިހާތަނަށް ދިވެހި އަސްކަރިއްޔާގައި ބޭނުން ކޮށްފައިނުވާވަރުގެ ބޮޑު އަސްކަރީ މަނަވަރެކެވެ. މިއީ ކޯސްޓު ގާޑުގެ ކެޕޭސިޓީ ދެގުނަ ކުރެއްވުމުގެ ވަޢުދު ފުއްދެވުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. ޔޫއޭއީން ހޯއްދެވި އާމަޑް ވެހިކަލް ތަކަކީވެސް މީގެކުރިން ރާއްޖެ ގެނެސްފައިނުވާ ފަދަ ޒަމާނީ އަސްކަރީ އުޅަނދުތަކެވެ. ވަޔާއި އެއްގަމާއި ކަނޑުގައި ހަރަކާތްތެރިވާ ސިފައިންގެ ބޭނުންތަކަށް ޒަމާނީ ވަސީލަތްތައް ހޯއްދެވުގެ އިތުރުންވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އަސްކަރިއްޔާގެ އިތުރުން ޤައުމުގެ އަމަންއަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި ސަރުކާރުން ނުހަނު އިސްކަންދީގެން ދަނީ މަސައްކަތްކުރަމުންނެވެ. 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް އެތައް ރަށެއްގައިި އަލަށް ޕޮލިސް ސްޓޭޝަންތައް ވަނީ ހުޅުވާފައެވެ. ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިފައި ނުވާ ހުރިހާ ރަށެއްގައި އެ ޙިދުމަތް ޤާއިމްކޮށް، ވައުދު ވަނީ ފުއްދަވާފައެވެ. ހަމައެއާއެކު، ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ފަށައިފައިވާ ބޮޑު މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިންސާނީ ވަސީލަތުގެ ގޮތުންނާއި، އެހެނިހެން ވަސީލަތްތަކުގެ ގޮތުން ދަނީ އިތުރުކުރެވެމުންނެވެ.
"ކޮންމެ ފުލުހަކަށް ބޭނުންވާ ތަމްރީނާއި، އަދި ފުލުހުން ޚިދުމަތް ދިނުމަށް ބޭނުންވާނެ ވަސީލަތްތައް، ބޭނުންވާ ކޮންމެ ދާއިރާއަކުން އިތުރުކޮށްދިނުމާއި ހޯދައިދިނުމަކީވެސް ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. އެކަމަށްޓަކައި، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކޮށްދޭންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދެމުންދާނަން" ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިންގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ މީހުން ތަމްރީންކުރުމަށް ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށް "ޤައުމީ ޚިދުމަތުގެ" ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ފައްޓަވައި، އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ދަރިވަރުން ވަނީ ތަމްރީންތައް ވަނީ ފަށާފައެވެ. މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމެވެ.
ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވި މަސައްކަތްތަކުގެ ތެރޭގައި ޤައުމިއްޔަތާއި ދީން ކުރިއެރުވުން ހިމެނެއެވެ.
"ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުވާން އަޅުގަނޑު ބޭނުން. އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ މާތް އަޚްލާޤެއްގެ ވެރި ބަޔަކަށްވެފައިވާ ތަން ދެކެން އަޅުގަނޑު ޝައުޤުވެރިވަން. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތްކުރާނަން" ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް ފެއްޓެވި މަސައްކަތްޕުޅުގެ ދަށުން ގައުމީ އަދި ދީނީ މުނާސަބާތައް މީގެކުރިން ދުވަހަކުވެސް ރާއްޖޭގައި ފާހަގަނުކުރާހާ ކުލަގަދަކޮށް ފާހަގަކުރަން ފެއްޓެވިއެވެ، ޤައުމިއްޔަތު މާއްދާ ރާއްޖޭގެ ތައުލީމީ މުޤައްރަރުގައި ހިމަނުއްވައި، ގައުމިއްޔަތު ކޮލެޖެއް ޤާއިމްކުރެއްވި. ދިވެހި ދިދައަކީ އަޅުގަނޑުމެންނަށް ކިހާ މުހިއްމު އެއްޗެއްކަން ހާމަކޮށްދެއްވުމުގެ ގޮތުން ދިވެހި ދިދައަށް އިއްޒަތް ދިނުން ޙާއްސަ މަސައްކަތެއްގެ ގޮތުގައި ފެއްޓެވިއެވެ. ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން ކުރީއްސުރެ ކުރަމުންދިޔަ ޚާއްޞަ މަސައްކަތެއް ކަމުގައިވާ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އާސާރީ ތަންތަނުގެ 3ޑީ ސްކޭނިންގ ހެދުމާއި، ޒަމާނީ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާއްދީ ތަރިކަ ދަފުތަރުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، އާންމުންނާއި، ކިޔަވާކުދިންނާއި، ދިރާސާކުރާ ފަރާތްތަކަށް ފަސޭހައިން ފެންނާނެހެން ޑޭޓާބޭސްއެއް މިހާރު ވާނީ ގާއިމުކޮށްފައެވެ.
"އުތީމު މަހާރަދުންނާއި، ކަޅުއޮށްފުންމީގެ ފަހުލަވާނުން މި ޤައުމަށްޓަކައި އެ ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ޒިކުރާ، ވީ އެންމެ މަތީ ދަރަޖައެއްގައި އާކުރަން އަޅުގަނޑު ބޭނުން. އެ މަތިވެރި ޖިހާދުން ލިބޭ ފިލާވަޅުތައް، ޖީލުޖީލަށް ރައްދުވަމުން ފޯރަމުންދާން އަޅުގަނޑު ނިހާޔަތަށް ބޭނުން. މި ލޮބުވެތި ދިވެހި ޤައުމުގެ މިނިވަންކަމުގެ އަގާއި ޝަރަފާއި ޢިއްޒަތް، ހަމަ ކޮންމެ ދިވެހި ދަރިޔަކަށް އިޙްސާސްވެ، މި ލޮބުވެތި ޤައުމާ މެދު ފަޚުރުވެރިވާނެ ދިވެހި ދަރީންތަކެއް އުފެދެން އަޅުގަނޑު އިންތިހާޔަށް ބޭނުން.
ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމިއޮންނާނީ އޭރުން" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / 2025 ރިޔާސީ ބަޔާނުގައި ޤައުމިއްޔަތުގެ އިތުރުން، ދީނީގޮތުން އަހުލުވެރި ރައްޔިތެއް އުޅޭ ޤައުމަކަށް ހެއްދެވުމުގެ ގޮތުން ދީނީ އެކި އިހްތިފާލުތައް ޤައުމީ ފެންވަރުގައި ކުރިއަށްގެންދިއުމާއި، މިސްކިތްތައް ބިނާކުރުން އިތުރުކުރައްވައި، ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފެއްޓެވުމާއި، ހައްޖުގެ އަޅުކަން އަދާކުރަން ދާ ދިވެހިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށް މައްކާ ރޫޓްގައި ބައިވެރިވުމުގެ އިތުުރުން، ސަރުކާރުގެ ޚަރަދުގައި ކޮންމެ އަހަރަކު 50 ފަގީރުން ހައްޖަށް ފޮނުވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.
އަދި އަޅުކަމަށް ވަގުތު ދިނުމުގެ ގޮތުން ކޮންމެ ރޯދަމަހެއްގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ހަމަޖެއްސެވުމުގެ އިތުރުން، ކޮންމެ ރޯދައަކާއި ދިމާކޮށް ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ސަރުކާރުން ގެންދަވަނީ އިނާޔަތާއި ހަދިޔާ ދެއްވަމުން. ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި "ނަމާދު މަތިވެރިކުރުން" ނަމުގައިވެސް މުހިންމު މަޝްރޫޢެއް ވާނީ ފަށާފައެވެ.
ބޮއްސުންލާފައި އޮތް ޞިއްޙީ ނިޒާމު އަލުން ހަރުދަނާކުރެއްވުމުގެ މަސައްކަތަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ހާއްސަ އިސްކަމެއް ދެއްވި މަސައްކަތެކެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޤައުމެއް ބިނާކުރުމުގައި، އެ ބައެއްގެ ޞިއްޙީ ދުޅަހެޔޮކަމަކީ އެންމެ އިސްކަމެއް ދޭންޖެހޭ އެއް އަސާސެވެ. ޞިއްޙީ ފަރުވާއަށް ބޭނުންވާ މީހުންނަށް، އިތުބާރާ އެކީގައި ޞިއްޙީ ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަސައްވުރެވެ.
"ސިކުނޑިއަށް ކާނާދީ، ޢިލްމާއި ބުއްދިވެރިކަން ގެނެސްދޭން އަޅުގަނޑުމެން މަސައްކަތްކުރާ ބީދައިން، ދުޅަހެޔޮ އާބާދީއެއް ބިނާކުރަންވެސް އިސްކަން ދޭންޖެހޭ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ރާއްޖޭގެ ޞިއްޙީ ޚިދުމަތް އޮތީ ކަންބޮޑުވާ ފަދަ ހާލަތެއްގައި" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
އެއަރ އެމްބިއުލާންސަކީ ރާއްޖެފަދަ ޖަޒީރާ ޤާއުމަކަށް ނުހަނު މުހިއްމު ޚިދުމަތަކަށްވާއިރު، މިހާތަނަށް އައިއިރު އެއްވެސް ސަރުކާރަކުން މިޚިދުމަތް ފައްޓަވާފައި ނެތުމަކީ ރައްޔިތުންނަށް ދިމާވެފައި އޮތް ބޮޑު ތަކުލީފެކެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ އެމަސައްކަތް އިތުރަށް ލަސްނުކުރައްވާ ފެއްޓެވުމަށްފަހު، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ޚިދުމަތް މުޅި ރާއްޖެއަށް ތައާރަފްކުރައްވާފައި. ޑޭޝް 8 މަރުކާގެ ބޯޓުގައި މިޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ އެއްފަހަރާ ބަލި 2 މީހުން އުފުލޭގޮތަށް ނަމަވެސް މިހާރު ދަނީ އެއްފަހަރާ 3 މީހުން އެއަރ އެމްބިއުލާންސްގައި އުފުލަމުންނެވެ.
އާސަންދަ ނިޒާމުން ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުންދިޔަދިއުން ހުއްޓުވުމަށްޓަކައި ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ވަނީ ފައްޓަވާފައެވެ. އަދި ބޭހުގެ ޒަމާންވީ ނަހަމަ ވިޔަފާރިއާއި، ނިޒާމީ އިސްރާފު ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ވަނީ ކޮންޓްރޯލްކުރައްވާފައެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ ކޮންމެ ރައްޔިތަކަށްވެސް، އިތުރު ޚަރަދެއް ނުވަތަ އިތުރު ދަތުރެއް ކުރަންނުޖެހި، ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ސަރުކާރުން ގެންދަވަނީ ކަށަވަރުކޮށްދެއްވަމުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އާސަންދަ ސްކީމް މެދުވެރިކޮށް ތައިލެންޑާއި ޔޫއޭއީން ބޭސްފަރުވާގެ ޚިދުމަތް ދޭން ޖެނުއަރީމަހުން ފެށިގެން ވަނީ ފަހިވެފައެވެ. ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހިކުރުމަކީވެސް ރައީސްގެ ރިޔާސީ ވައުދެކެވެ. އެގޮތުން ތެލެސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި، މެޑިކަލް ކޮންސިއުމަބަލްސް، ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައެވެ.
ކޮންމެ އަހަރަކު މަދުވެގެން 10 ކުދިން، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވުމަށްޓަކައި އިންތިޒާމުތައް ފުރިހަމަކުރެވި، ރާއްޖެއިން ބޭރަށް، ބޯންމެރޯ ޓްރާންސްޕްލާންޓް ޓްރީޓްމަންޓަށް ކުދިން ފޮނުވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. އަދި އެމަނިކުފާނުގެ ވައުދާ އެއްގޮތަށް، ސްޓޭޓް އޮފް ދި އާރޓް ތެލެސީމިއާ ހޮސްޕިޓަލެއް، އެކޮމޮޑޭޝަން ބްލޮކާއެކު އެޅުމަށް، ކުރަންޖެހޭ އެންމެހައި ކަންކަން، ބާރު ސްޕީޑްގައި ދަނީ ކުރިއަށް. މިކަންކަމުގެ އިތުރުން ޒަމާނީ ބަދަލުތަކާއި ފަސޭހަތައް ހިމަނައިގެން ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ޤާއިމުކުރި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޮޕަތީސް ސެންޓަރުވެސް ވަނީ ހުޅުވާފައެވެ.
"ޤައުމެއް ބިނާކުރުމުގައި، އެ ބައެއްގެ ޞިއްޙީ ދުޅަހެޔޮކަމަކީ އެންމެ އިސްކަމެއް ދޭންޖެހޭ އެއް އަސާސް. އެހެންވީމާ، ޞިއްޙީ ފަރުވާއަށް ބޭނުންވާ މީހުންނަށް، އިތުބާރާ އެކީގައި ޞިއްޙީ ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ނަފްސާނީ ދުޅަހެޔޮކަން ނުވަތަ މެންޓަލް ހެލްތުގެ ދާއިރާއަކީވެސް ސަރުކާރުން ނުހަނު އިސްކަންދޭ ދާއިރާއެއްކަމަށްވާއިރު، 24 ގަޑިއިރުގެ ޚިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕް ލައިންގެ ގޮތުގައި 1677ގެ ޚިދުމަތް، ވަނީ ފައްޓަވާފައެވެ.
ދަރިމައިނުވުމުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިތްދަތިކަމާ ގުޅިފައިވާ ޞިއްޙީ މައްސަލައަކަށްވާއިރު އެ ފަރުވާ ރާއްޖެއިން ނުލިބުމަކީ އެކަމުގެ ހިތްދަތިކަން އިތުރަށް ބޮޑުވާ މައްސަލައެކެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 17 ނޮވެންބަރު 2024ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި، ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއް ގާއިމުކޮށް، މިހާރު އެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. މީގެއިތުރަށް، އެންޑޯމެޓްރިއޯސިސް އަދި ޕެލްވިކް ކްލިނިކުގެ ނަމުގައި ކްލިނިކެއް، އައި.ޖީ.އެމް.އެޗް.ގައި ގާއިމުކޮށް، އެ ޚިދުމަތްވެސް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ. ހަމަމިއާއެކު، "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީ.އޯ.އެސް."ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައެވެ. އަދި "އައި.ޔޫ.އައި." އަދި "އައި.ވީ.އެފް."ގެ ފަރުވާތައް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ.
މި ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ސަރުކާރުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ކަނޑައަޅައި، ފަރޓިލިޓީ ކެއަރ ފަންޑެއް މިހާރު ވާނީ ގާއިމުކޮށްފައެވެ. އަންހެނުންނަށް ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމަށް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ޤައުމުތަކުގައިވެސް ސަރޖަރީ ކުރާ ފަދައިން، މިނިމަލީ އިންވޭސިވް ގައިނޮކޮލޮޖިކަލް ސަރޖަރީތައް، ރާއްޖޭގައި ފުރަތަމަ ފަހަރަށް، ހަދަން ފަށައިފައެވެ. ޞިއްޙީ ދާއިރާއަށް ގެނެވުނު އިތުރު ކުރިއެރުންތަކުގެ ތެރޭގައި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރެއްވުމާއި އައި.ޖީ.އެމް.އެޗް.ގައި ކުޑަކުދިންނަށް ޚާއްޞަ އީ.އާރެއް ހުޅުވުން ހިމެނެއެވެ. އަދި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގެއް ޤާއިމްކުރެއްވިއެވެ.
މިދިޔަ 30 އަހަރު ތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލަށް އިތުރު ކުރެވިފައިވަނީ 130 އެނދު ނަމަވެސް، މިދިޔަ ދެ އަހަރު ތެރޭގައި އެކަނި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ 194 އެނދު އިތުރު ކުރައްވާފައެވެ މާލެ ސަރަހައްދުގެ އިތުުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރެއްވުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޑައިލިސިސްގެ ހިދުމަތާއި، އެމްއާރުއައިގެ ހިދުމަތާއި، ސީޓީ ސްކޭންގެ ހިދުމަތާއި ޒަމާނީ ލެބޯޓްރީގެ ދުމަތް ތަޢާރަފްކުރެއްވުން ހިމެނެއެވެ.
މިކަންކަމުގެ އިތުރުން ދިވެހިން ކައިބޮއެ އުޅޭ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއަށް އެތެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރަށް ފޮނުވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ރަނގަޅު ކުރުމުގެ އުޞޫލުތައް ކަނޑައަޅައިފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނެއް ވަނީ ތަޢާރަފްކުރައްވާފައެވެ.
ޞިއްޚީ ދާއިރާ އުމްރާނީ ތަރައްޤީއާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއެކު، އަންނާން އޮތް ޖީލަކީ ދުޅަހެޔޮ ހަށިހެޔޮ ޖީލަކަށް ހެއްދެވުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. ޤައުމުގެ މުސްތަޤުބަލަކީ އަދުގެ ޒުވާނުންނަށްވާއިރު ޒުވާން ޖީލު ހަރުދަނާ ކުރުމަށްޓަކައި ވިޔާނުދާ ޢަމަލުތަކުން އެފަރާތްތައް ރައްކާތެރިކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް މަސައްކަތްޕުޅެވެ. ރާއްޖެއަށް ޑްރަގް އިންފިއުޒްޑް ވޭޕް އެތެރެކޮށް، ފުޅާ ދާއިރާއެއްގައި މި ވިޔަފާރިކޮށް، މަސްތުވާތަކެތީގެ ތެރެއަށް ކުޑަކުދިން ވައްދާ، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ ޒުވާން ޖީލެއް އުފެދިގެން ދިއުމަށް ހުޅުވިފައިވާ ދޮރެއްގެ ގޮތުގައި ވޭޕް ފާހަގަވާތީ، އެކަން ހުއްޓުވުމަށް ރާއްޖޭގައި ވޭޕް ވަނީ މުޅިން މަނާކޮށްފައެވެ.
އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށް، އެގެއިން ދައުލަތަށް ލިބޭ އާމްދަނީން ދުންފަތާއި ދުރުހެލިވުމަށް ބޭނުންވާ ފަރުވާ ހިލޭ ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސެޒޭޝަން ކްލިނިކްތައް ވަނީ ޤާއިމްކުރައްވާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ. މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ސިޓީތަކާއި، އަތޮޅު ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ. ޒުވާން ޖީލު ދުންފަތުން ދުރުހެލިކުރުވުމަށް ޖެނެރޭޝަނަލް ބޭންއެއް މިދިޔަ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފައްޓަވާފައިވާއިރު، މިއީ ދުނިޔޭގައިވެސް މިފަދަ ބޭންއެއް ތަންފީޒުކުރަން ފެށި ފުރަތަމަ ޤައުމެވެ. މިކަންކަމުގެ އިތުރުން ރައްޔިތުން އައިނު ހައްދަން ހޭދަކުރާ ބޮޑު ޚަރަދުތަކަށް ލުޔެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ތެރެއިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން، އައިނު ހެއްދޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި ހުރި އިޖްތިމާއީ ގިނަ މައްސަލަތަކުގެ ހަޤީޤީ ސަަބަބަށްވާއިރު، އެކަމުގެ ސަބަބުން، އާއިލީ އިޖުތިމާޢީ މައްސަލަތައް ނިކުންނައިރު ދީނީ، އަޚްލާޤީ މައްސަލަތައްވެސް އުފަންވެއެވެ. ހަމަ އެހެންމެ، ޞިއްޙީ އެތައް ގެއްލުންތަކަކާވެސް ކުރިމަތިލާންޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދަކީ މި 5 އަހަރުގެ ދައުރު ނިމޭއިރު، 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދައިދެއްވުމެވެ.
"އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢަކީ ރަސްމާލެ މަޝްރޫޢެވެ. ރާއްޖޭގެ ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރައްވާ ރަސްމާލެ މިމަޝްރޫޢުގެ ދަށުން 15 ހާސް ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރައްވަން ސަރުކާރުން ނިންމަވާފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުއެވެ. ރަސްމާލޭގެ އިތުރުން ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތާއި ގުޅީފަޅާއި ގިރާފަޅު ހިއްކައި، އެތަންތަނުންވެސް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ސަރުކާރުން ގެންދަވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަވަމުންނެވެ. އެގޮތުން ބިން ހިއްކައިގެން ގޯތި ދެއްވުމާއި، ސޯޝަލް ހައުސިން ޔުނިޓްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ގެންދަވަމުންނެވެ.
ގެދޮރާއި ފެލެޓް ބިނާކުރުމުގެ އިތުރުން، ބޯހިޔާވަހިކަމަށް ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުއެއް ސަރުކާރުން ވަނީ ފައްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން ތަންފީޒުކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ އިތުރުން، ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ހިޔާވެހި ފައިނޭންސިންގ ސްކީމްގެ ނަމުގައި ސަރުކާރުން ވަނީ ހާއްސަ ޕްރޮގްރާމެއް ފައްޓަވާފައިވެއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާއި ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ މި ފައިނޭންސިން ޕްރޮގްރާމަށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ ރައްޔިތަކަށްވެސް ކުރިމަތިލެވޭއިރު، ސަރުކާރަށް މިއަދު 2 އަހަރު ވެގެންދާއިރު މި ޕްރޮގްރާމްގެ ދަށުން މިހާރު ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދޭން ފައްޓަވާފައެވެ.
ތަރައްޤީގެ ރޮނގުން ކުރިއަށްދިއުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުންނެވީ ރާއްޖެއަށް ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްޤީގެ ނިޒާމެއް އެކަށައެޅުއްވުމަށެވެ. އެމަނިކުފާނުގެ ސަރުކާރުން ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދަވަނީ ސަރަހައްދީ ތަރައްޤީގެ ވިސްނުންފުޅުގައި ނުވަތަ ރާއްޖޭގެ ސަރަހައްދަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ލިބިގެންވާ، އެގޮތަށް ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއްގެ މައްޗަށެވެ. ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭން ތަންފީޒުކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ފައްޓަވާފައެވެ.
"ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްޤީ ކުރަން ކަނޑައެޅިފައިވާނެ. ހަމަ އެހެންމެ، ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލުވާހެން، 7 އަރބަން ސެންޓަރެއް، ނުވަތަ ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަހައްދެއްގައި ފައްކާކުރެވޭނެ" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ތަރައްގީގެ މަޝްރޫއުތައް ފެއްޓެވުމުގައި އެމަނިކުފާނު އެންމެ އިސްކަން ދެއްވީ ރައްޔިތުން ގާތަށް ވަޑައިގެން އެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން އެމަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެމަނިކުފާނު ވަނީ ވެރިކަމަށް 2 އަހަރު ވުމުގެ ކުރިން ރާއްޖެގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ހާސިލުވި ލަނޑު ދަނޑި އަކަށް ނުވާއިރު، ރައީސް މުއިއްޒު ވަނީ މިދިޔަ ދެ އަހަރު ތެރޭގައި ބައެއް ރަށްރަށަށް 2 ފަހަރުވެސް ވަޑައިގެންފައެވެ.
"އާދެ، މިއަދު ތިޔަ ލޮބުވެތި ރައްޔިތުންނާ ބައްދަލުވެގެން މިގޮތަށް ދިޔުމުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑަށް ދެވި، މި ބައްދަލުކުރެވުނީ. ރައްޔިތުންގެ އެއްބާރުލުމާއެކު، އިރާދަކުރެއްވީތީ 187 ރަށަށް އަޅުގަނޑުމެންނަށް ދެވުނީ. ދެ އަހަރު ދުވަސްވުމުގެ ކުރިން މި 187 ރަށަށް ދެވުނީ. މީގެ އިތުރަށްވެސް، އެއްބުރު ނިމި، ދެވަނަ ފަހަރަށްވެސް މި ދަތުރުގައި އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް ދެވުނު ބައެއް ރަށްތައް ހިމެނޭގޮތުން، ދެވަނަ ފަހަރަށް 64 ރަށަކަށް ދެވިއްޖެ. އަދި ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ. ތަކާއި، ހުރިހާ ކައުންސިލްތަކެއް، އެއީ އަތޮޅު ކައުންސިލްތައް، ސިޓީ ކައުންސިލްތައް ހިމެނޭހެން އެއްފަހަރު ބައްދަލުކޮށް ނިމި، ދެވަނަފަހަރަށްވެސް މިއަދުގެ މި ބައްދަލުވުމާއެކު، 148 ކައުންސިލާ ބައްދަލުވެއްޖެ" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސްގެ މި ދަތުރުތަކުގެ ތެރެއިން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ގާއިމްކުރަައްވަން އެމަނިކުފާނު ފެއްޓެވި މަސައްކަތުގެ ނިންމެވުން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަށް އެމަނިކުފާނު އިއުލާން ކުރެއްވި މަޝްރޫއުގެ ނިމުން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ރަށްރަށުގެ ތަރައްގީއަށް ކުރައްވާ މަސައްކަތުގެ ދަށުން އެންމެ އިސްކަމެއް ރައީސް ދެއްވަނީ މާލެއަށް ހިދުމަތް ހޯދަން އަންނަ އައުން ނިމުމަކަށް ގެނެސް، ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކޮށްގެން ރަށްރަށް ތަރައްގީ ކުރުމަށެވެ.
ރަށްރަށުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމާއެކު، ރަށްރަށުގެ ކައުންސިލްތަކާއި އާއްމު ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިގްތިސާދީ ހަރަކާތްތައްވެސް ދަނީ ފަހިކޮށްދެއްވަމުންނެވެ. މީގެއިތުރުން ރަށްރަށުގައި ފޯރުކޮށްދޭ ތައުލީމާއި ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ޒުވާނުންނަށް މަތީ ތައުލީމާއި ކުޅިވަރާއި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތަށް ކަންކަން ދަނީ ތަރުތީބު ކުރައްވަމުންނެވެ. ޚިދުމަތްތައް ހޯދަން މައި ސަރުކާރަށް ބަރޯސާވުން ނިމުމަކަށް ގެނެސް، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރެއްވުމުގެ ވަޢުދު މިދިޔަ ދެ އަހަރެއްހާ ދުވަހުގެ މަސައްކަތުން މިއަދު އެވަނީ ފުއްދިގެން ގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެއްސެވުމުގެ މަސައްކަތް ފެއްޓެވިއިރު، ރާއްޖޭގެ އިޤްތިޞާދު އޮތީ މިއިން ދުވަހަކު އަޑިއަޅާނުލާ މިންވަރަށް އަޑިއަޅާލާފައެވެ.
"މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާ ހަވާލުވާއިރު، ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކުޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައި. މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަނި. އެހެން ނަމަވެސް، މިކަންކަމުން އަރައިގަތުމަށްޓަކައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިކަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތައް އަޅާނަން" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޤަބޫލުކުރައްވާ ގޮތުގައި މިނިވަންކަން ދިފާއުކުރުމަށް ހަރުދަނާ ހާރިޖީ ސިޔާސަތަކާއި ވަރުގަދަ އަސްކަރިއްޔާއެއް އޮތުމުގެ އިތުރުން، ސިންދަފާތުވެފައިވާ ވިލުންތެރި އިގްތިސާދެއްވެސް އޮންނަންޖެހެއެވެ. އެހެންކަމުން އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަަމަ ފެއްޓެވީ ބަނގުރޫޓް ވުމުގެ ބިރު އޮތް ރާއްޖޭގެ އިގްތިސާދު ނުރައްކަލުން ސަލާމަތްކުރުމުގެ މަސައްކަތެވެ. އެމަސައްކަތުގެ ދަށުން ފައިސާ ޗާޕްކުރުން މުޅިން ހުއްޓާލިއެވެ. ބޭރު ފައިސާ ދަތިކަމުން އަރައިގަތުމަށް ބޭރު ފައިސާއާ ގުޅޭ އައު ގާނޫނެއް ތަންފީޒުކުރަން ފައްޓަވާއި، ރިސޯޓްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ދިވެހި ރުފިޔާއަށް މާރުކުރާ ގޮތަށް ހަމަޖެއްސެވިއެވެ.
ސައްހަ ވިސާއެއް ނެތި ގަވާއިދަށް ހިލާފަށް ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ބިދޭސީން ހޯދައި، ރެގިއުލަރައިޒް ކުރުމުގެ ގައުމީ މަސައްކަތެއް ފެއްޓެވިއެވެ. ބޭރުގެ ދަރަނިތައް ދެއްކުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސް، ލޯނުތައް ދެއްކޭނެ އިންތިޒާމްތައް ހަމަޖެއްސެވިއެވެ. އަދި ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ބިލިއަނެއްހާ ރުފިޔާ މި ސަރުކާރުން ދައްކާ ހަލާސްކޮށް، ނިމިދިޔަ ސަރުކާރުން ދިވެހި ކުންފުނިތަކަށް ދޭންޖެހޭ އެތައް ބިލިޔަން ރުފިޔާއެއްވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ދައްކާ ހަމާސް ކޮށްފައެވެ.
އިގްތިސާދީ އަދި މާލީ ދަތިތަކުން އަރައިގަތުމަށް ފެއްޓެވި މަސައްކަތްތަކާ އެކުއެކީގައި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ވަކި ސިނާއަތްތަކަކަށް އިޤްތިޞާދު ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމުގެ ގޮތުން ވިލުންތެރި އަދި ސިންދަފާތުވެފައިވާ އިގްތިސާދެއް ބިނާކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ބަންކަރިންގެ ހިދުމަތް އުތުރުގައި ފަށާފައިވާއިރު، ސީ ޓު އެއަރ ކާގޯގެ ހިދުމަތްވެސް ވަނީ އަލަށް ފައްޓަވާފައެވެ. އަދި ސްޕެޝަލް އިކޮނޯމިކް ޒޯންތައް ގާއިމްކުރަައްވާފައިވާއިރު، ބައި ގަރުނުވީ ފޮރިން އިންވެސްޓްމަންޓް ގާނޫނު އިސްލާހުކޮށް ޒަމާނަށް ފެތޭ ގޮތަށް އަދި އިންވެސްޓަރުންގެ ޝައުގުވެރިކަން ލިބޭގޮތަށް އައު ފޮރިން އިންވެސްޓްމަންޓްގެ ގާނޫނެއް ވަނީ ތަންފީޒުކުރަން ފަށާފައެވެ. ބޭރުގެ އިންވެސްޓަރުން ހޯއްދެވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންވެސްޓަރ ފޯރަމްތައް ބާއްވަމުންދާއިރު، ބޮޑެތި އިންވެސްޓްމަންޓްތައް މިހާރުވެސް ދަނީ ރާއްޖެ އަންނަމުންނެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގައި ހިމެނޭ އެންމެ ކުދި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާއި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ބާޒާރަށް ނިކުމެ، ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުކުރުމަށް ފުރުސަތު އޮތްއިރު، ރައީސް މުއިއްޒު ވަނީ ދުނިޔޭގައި އެންމެ ބޮޑު އެއް އިގްތިސާދުކަމަށްވާ، ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށް، އެތައް ބިލިޔަން ބަޔަކު ހިމެނޭ ބާޒާރެއްގައި ދިވެހި ވިޔަފާރިތައުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހޯދައިދެއްވާފައެވެ. ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށްދާއިރު، އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ބައިނަލްއަޤްވާމީ ބާޒާރުން ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން، މާލީ މުއާމަލާތްތައް ހިންގާ ބައިނަލްއަގުވާމީ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ހިދުމަތްވެސް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
"ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނަން. އިރާދަކުރެއްވިއްޔާ، ދިވެހި ޒުވާނުންނަކީ، ކްރިއޭޓަރ އިކޮނޮމީގެ މަހުޖަނުން ކަމުގައި ހަދައިދޭނަން" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
މާލީ މުޢާމަލާތްތައް ހިންގާ ޑިޖިޓަލް ޕްލެޓްފޯމްތައް ރާއްޖެއަށް ތައާރަފްކުރެއްވުމުގެ އިތުރުން، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްުޒު ވަނީ "މޯލްޑިވްސް 2.0" ނަމުގައި ޑިޖިޓަލައިޒޭޝަން މަޝްރޫޢެއް ފައްޓަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރުގެ ދަށުން ފަރުމާކުރެވޭ ޑިޖިޓަލް މާހައުލަކީ ރައްޔިތުންނަށް އިސްކަންދީގެން އިދާރާތަކުގެ މަސައްކަތް އަވަސްކޮށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. އަދި ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާގޮތަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް ވަނީ އުފައްދަވާފައެވެ. ސަރުކާރުގެ އަމާޒު ޑިޖިޓަލް އިޤްތިޞާދަކާ ދިމާލަށްކަށް މިސްރާބު ޖަހާފައިވާއިރު އެ ދާއިރާގައި އިންވެސްޓްކުރުމަށް ފަހި މާހައުލެއް ސަރުކާރުން ދަނީ ޤާއިމްކުރައްވަމުންނެވެ.
ޑިޖިޓަލައިޒްކުރުމުގެ އިތުރުން އިގްތިސާދީ ކުރިއެރުން ގުޅިފައިވަނީ ގައުމުގެ އުފެއްދުންތެރިކަމުގެ މައްޗަށް ކަމަށްވާއިރު، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ވަނީ އަލުން ބާއްވަން ފައްޓަވާފައެވެ. އަދި އެންމެ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ބޭންކު މެދުވެރިކޮށް ލުއިފަސޭހަކަމާއެކު ލޯނު ލިބޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.
2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ %15 އަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެއްދެވުމަކީ ރައީސްގެ ވަޢުދަކަށްވާއިރު، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ހުޅުވާލާފައެވެ. މި ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެކެވެ.
އިގްތިސާދަށް އައު ސިނާއަތްތައް ތައާރަފްކުރުމުގެ މަސައްކަތާއެކު، އިގްތިސާދުގައި މިހާރު މައިގަނޑު ދައުރު އަދާކުރާ ސިނާއަތްތައް އިތުރަށް ކުރިއަރުވަންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އައިސް ޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖްތަކާއި އެކި ބާވަތްތަކުގެ އުފެއްދުންތައް ބަންދުކުރުމަށް ޕްރޮސެސިން ފެސިލިޓީތަައް ދަނީ ގާއިމްކުރަމުންނެވެ. އަދި މަސްވެރިން ސަރުކާރަށް ކިރުވާ މަހަށް އެންމެ ލަސްވެގެން ހަފްތާއެއްގެ ތެރޭގައި ފައިސާ ދޭންޖެހޭ ގޮތަށް އުސޫލުތައް ވަނީ ބަދަލުކޮށްފައެވެ. މަސްވެރިންނަކީ މާލީ ނިޒާމުގައި ހިމެނޭ އިދާރާތަކުން ބަލައިގަންނަ ބަޔަކަށް ހެދުމަށް މަސްވެރިންގެ ދަފްތަރެއްް ގާއިމްކޮށްފައިވާއިރު މަހުން އުފައްދާ ދިވެހި އުފެއްދުންތައް ބައިނަލްއަގްވާމި ބާޒާރުގައި ޕްރޮމޯޓްކުރުމަށް ހާއްސަ ބްރޭންޑެއް ވަނީ ތައާރަފްކުރުމުގެ އިތުރުން މަސްވެރިކަމުގެ ކޮލެޖެއް ވަނީ ޤައުމީ ޔުނިވަރސިޓީއާއެކު ޤާއިމްކޮށްފައެވެ.
ކަޅުބިލަމަހުގެ އިތުރުން، ކަންނެލީގެ މަސްވެރިކަމާއި ފަރުމަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާއިރު، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށްޓަކައި، އަގު އެއްކުރުމުގެ މަސައްކަތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު ދަނީ ފެސިލިޓީތައް ޤާއިމްކުރައްވަމުންނެވެ. އަދި ސަރުކާރުން މަސް ދޯނިތަކަށް، މަސް ފިނި ކުރާ ނިޒާމު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އާރްއެސްޑަބްލިއު ސިސްޓަމް ދޫކުރުމުގެ މަސައްކަތް ވަނީ މިދިޔަ 2 އަހަރުތެރޭގައި ފައްޓަވާފައެވެ.
"މަސްވެރިންނަކީ ޤައުމީ ފެންވަރުގައި މިފަދަ މުހިންމު ބައެއްކަން އަޅުގަނޑު ގަބޫލުކުރާތީ، އަޅުގަނޑުމެންގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ވަރަށް ޚާއްޞަ އިސްކަމެއް ދީފައިވާނެ. ސަރުކާރު ހިންގުމުގައި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމުގައި މަސްވެރިންގެ ލާބައާއި މަންފާއަށް އަދި މަސްވެރިންގެ ބަހާއި ބައިވެރިވުމަށް އަބަދުވެސް އަޅުގަނޑުމެން ސަމާލުކަން ދޭނަން" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
މަސްވެރިކަމުގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތް ވަނީ އެތައް ގުނައެއް އިތުރުކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ފެއަރތަކާއި އެހެނިހެން ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އެރޮނގުން ކުރައްވާފައިވާ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ކްލަބު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކްލަބެއްގެ ސަޕޯޓަރުން އުޅޭ ލިވަރޕޫލްއާއެކު ރާއްޖެއިން ޤާއިމްކުރި ޕާޓްނަރޝިޕެވެ.
"އިނގިރޭސިވިލާތަކީ ރާއްޖެއަށް ވަރަށްގިނަ ޓޫރިސްޓުން އަންނަ ޤައުމަކަށްވީމައާ އެކީގައި، އަދި މުޅި ޔޫރަޕަށްވެސް، އަދި ދުނިޔެއަށްވެސް މީގެ އެކްސްޕޯޝަރ އެބަލިބޭ. އެހެންވީމާ، މި ޕްރޮމޯޝަން އިޝްތިހާރު ދެއްކުން ފަށާ މެޗަށް އަޅުގަނޑަށް ލިވަރޕޫލް ފުޓްބޯލް ކްލަބުން ދަޢުވަތު ދިނީ. ދެން އަޅުގަނޑު ބޭނުންވަނީ، ރާއްޖެއަށް މީގެ އެންމެ ބޮޑު އެކްސްޕޯޝަރއެއް ލިބޭނެގޮތަށް މިކަން ކޮށްދޭން. އެއީ، ރާއްޖޭގެ ޓޫރިޒަމާއި އަދި އިޤްތިޞާދަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ޙަޤީޤަތުގައި މިއީ. މިކަން ކުރިއަށް ގެންދިޔުމަކީ މިއީ، މި ޕާޓްނަރޝިޕްގެ ތެރެއިން ރާއްޖެއަށް މިކަން ފަހިކޮށްދިނުން" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ލިވަޕޫލްގެ އިތުރުންވެސް މަޝްހޫރު އެތައް ބަޔަކާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެއިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް 19 އަށްފަހު ރާއްޖެއަށް ކުރެއްވި ޒިޔާރަތަކީވެސް ރާއްޖެއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އެތައް ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދިޔަ ދަތުރުފުޅެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތަކީ ދަތުރުފަތުރުގެ ސިނާއަތާއި ގުޅިފައިވާ ސިނައަތެއްކަމުން، ދަތުރުފަތުރުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުން ވަނި ގިނަ މަސައްކަތްތަކެއް މިދިޔަ ދެ އަހަރު ކުރައްވާފައެވެ.
އާރުޓީއެލްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ނިމެމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ އިތުރުން މިހާރު ހިދުމަތްދޭ ވައިގެ ބަނދަރުތައް އިތުރަށް ދަނީ ތަރައްގީކުރަމުންނެވެ. މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަޑުޖެހިފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތް ކަމަށްވާ އައު ޓަރމިނަލްގެ މަސައްކަތް ރައީސް މުއިއްޒު ވަނީ ހަލުވިކޮށް ގެންގޮސް ނިންމާލާފައެވެ. މިދިޔަ މިނިވަން ދުވަހު ކުލަ ގަދަ ރަސްމިއްޔާތެއްގައި ހުޅުވި ޒަމާނީ މި ޓާރމިނަލް ސަބަބުން ފަތުރުވެރިން އަންނަ ނިސްބަތް އެތައް ގުނައެއް އިތުރުވެ، ރާއްޖޭގެ އިގްތިސާދަށްވެސް އިންގިލާބީ ކުރިއެރުންތަަކެއް އަންނާނެއެވެ.
މިމަހު ހުޅުވިގެންދިޔަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީވެސް ރައީސް މުއިއްޒު އެކަމަށް ހާއްސަ އިސްކަމެއް ދެއްވި މަސައްކަތަކަށް ވާއިރު، މިއީ ފަތުރުވެރިކަން ކުރިއަރާފައިނުވާ ބޮޑު ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުޅިން އައު ބާބެއް ހުޅުވި، އިގްތިސާދީ ގޮތުން އިންގިލާބީ ބަދަލެއް އެ ސަރަހައްދަށް ގެނެސްދޭނެ މަޝްރޫއެކެވެ.
ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ އިތުރުން، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ކުރިއެރުމަށް ވެސް ގިނަ މަސައްކަތްތަކެއް މިދިޔަ ދެ އަހަރު ތެރޭގައި ވަނީ ކުރައްވާފައެވެ. އެގޮތުން ވައިޑް ބޮޑު މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް ގައުމީ އެއަރލައިނަށް ގެނައި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހުއެވެ. ވައިޑް ބޮޑީ މަތިންދާބޯޓާއެކު ގައުމީ އެއާލައިނުން ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރު އިތުރުކޮށް، ޔޫރަޕްގެ މަންޒިލްތަކަށްވެސް ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރަށް 2 އަހަރު ވެގެންދާއިރު، އެމަނިކުފާނު ވަނީ އިންޤިލާބީ ބަދަލުތަކެއް މި ޤައުމަށް ގެނެސްދެއްވާފައެވެ. އޭގެތެރެއިން ބައެއް ބަދަލުތަކުގެ ހަގީޤީ ފައިދާތައް މިއަދު ކުރަމުންދާއިރު، މީގެތެރެއިން ބައެއް ކަންކަމުގެ ހަޤީޤީ ފައިދާއާއި ހެޔޮ ނަތީޖާ ފެނިގެންދާނެ އަންނާން އޮތް އަހަރުތަކުގެ ތެރޭގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އެކުލަވާލައްވާ ހުރިހާ ސިޔާސަތެއްވެސް އަދި ކުރިއަށް ގެންދަވާ ހުރިހާ މަޝްރޫޢެއްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގައި ޒަމާނުއްސުރެ ހުރި ބޮޑެތި މައްސަލަތަކަށް ޓޯޓަލް ސޮލިއުޝަން ނުވަތަ ވަށާޖެހޭ ދާއިމީ ހައްލު ހޯއްދަވައިދެއްވުމެވެ. އެމަސައްކަތުގައި މިދިޔަ ދެ އަހަރު ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާއިރު، އަންނާން އޮތް އަހަރުތަކަކީ ރައީސް މުޢިއްޒު ފެއްޓެވި ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މަސައްކަތުގެ ހަގީގީ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެންދާނެ އަހަރުތަކެއްކަމާމެދު ޝައްކެއް ނެތެވެ.
"ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރޭ. އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން. އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން. މި ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން. ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދިނުން. އަޅުގަނޑުގެ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
"ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރޭ. އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން. އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން. މި ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން. ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދިނުން. އަޅުގަނޑުގެ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު