ސަރުކާރުން ދޫކުރާ ގޯތި ދިނުމުގައި އަމަލުކުރާނެ އުޞޫލު އާންމުކޮށްފިއެވެ.
ސަރުކާރުން ގޯތި ދިނުމުގެ ސްކީމްގެ ދަށުން މާލެ ސަރަޙައްދުންނާއި ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މިބައިން މާލެ ރަޖިސްޓްރީގައި ފެށުނީއްސުރެ ޖެހިފައިވާ ފަރާތްތަކަށާއި މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށާއި ފަހުން މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތައް ހިމެނެއެވެ. މި ސްކީމަށް އެދެވޭނީ މާލޭ ރަށްވެއްސަކަށްވިތާ 5 އަހަރަށް ވުރެ ގިނަ ދުވެސްފައިވާ މީހުންނަށެވެ.
ދެވަނަ ބައިގައި ހިމެނެނީ މާލޭގައި ދިިރުއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނެވެ. މި ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. މިގޮތުން ފްލެޓް ސިކީމެކޭ އެއްގޮތަށް މި ސްކީމަށްވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.
- ދިވެހި ރައްޔިތަކަށް ވުމާއި އުމުރުން 18 އަހަރުވެފައިވުން
- 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުން
- 400 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަމަ އެ ބިމެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
- މައިންބަފައިންގެ ފަރާތުން ވާރުތައިގެ ގޮތުން ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމުން ބައެއް ލިބެން އޮތްނަމަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލުން
މި ޝަރުތުތަކުގެ ތެރޭގައި އެއްމެދު ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާނަމަ ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ދޫކޮށްލަން އެއްބަސްވުމާއި، ފާއިތުވި 5 އަހަރުގެތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯ ހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެހެން ފަރާތަކަށް ވިއްކައި ހިބައިންދީފައިނުވުން ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލާފައިނުވުން ހިމެނެއެވެ. އެއްމެދު އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ ފަރާތްތަކަށް ނުވުމާއި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތްތަކަށް ވިއްކައި ހިބައިންދީ ނުވަތަ ދޫކޮށްލާފައިނުވުމަކީވެސް ޝަރުތުތަކުގައި ހިމެނޭކަމެކެވެ.
އިމާރާތް ކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ މިސްކީމަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވަނީ ވީހާވެސް ބޮޑަކަށް ވެރިފައިކުރެވޭނެ ފަދަ ގޮތަކަށްކަމަށެވެ. ޕޮއިންޓް ދިނުމުގައި މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުމުގެ މުއްދަތަށް ބަލާނެއެވެ. އަދި އެއާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށާއި އުމުރުފުރާގެ އިތުރުން އާއިލާގެ ހާލަތު ހިމެނެއެވެ. އޭގެތެރޭގައި ދަރިންގެ އަދަދު ނުވަތަ ޞިއްޙީ ސަބަބުތަކާހެދި ދިރިން ނުލިބޭނަމަ އެކަމަށް ބަލާނެއެވެ. ކުރިމަތިލުމުގެ އުސޫލާއި ޕޮއިންޓް ދިނުމާ ގުޅޭ އުސޫލުތައް ވުޒާރާއިން ގެޒެޓުގައި ޝާއިއުކުރާނެއެވެ.