ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒުކުރައްވައިގެން ފިޝަރީޒް މިނިސްޓްރީން ކުރިޔަށްގެންދަވާ ފިޝް ކޭމްޕްގެ ތެރެއިން، ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭގޮތުންނާއި، ފަރުތަކާއި ބެހޭ މައުލޫމާތު ދަރިވަރުންނަށް ދެއްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިވަޑައިގެން ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންދަވާ މި ކޭމްޕަކީ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުކުރެއްވުމުގެ ގޮތުން ކުރިއަށްގެންދަވާ ހަރަކާތެކެވެ. މިފަހަރުގެ ކޭމްޕް ކުރިޔަށްދަނީ ބ.ތުޅާދޫ ސްކޫލުގައެވެ. ބ އަތޮޅުގެ 3 ސްކޫލަކުން 30 ދަރިވަރުން ބައިވެރިވާ މި ކޭމްޕަކީ އެދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުކުރުމަށާއި، މެރިން ސައިންސް މާއްދާގެ ބައެއް ފިލާވަޅުތަކުގެ އަމަލީ ތަޖްރިބާ ހޯދައި ދިނުމަށްޓަކައި ކުރިޔަށްގެންދާ ކޭމްޕެކެވެ. މި ކޭމްޕްގެ ތެރެއިން އެކުދިންނަށް ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން އަމަލުކުރާނެ ގޮތުގެ މައުލޫމާތުދީ އަމަލީ ސެސަޝަނެއް ކަނޑުމަތީގައި ނަގާދީފައެވެ. އެގޮތުން ކަނޑުމަތީގައި ހާދިސާއެއް ހިނގައިފިނަމަ ކަންތައް ކުރަންވީ ގޮތާއި، ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކުރާނެ ކަންތައްތަކާ ބެހޭގޮތުން އަމަލީ ސެޝަނެއް ނަގާދީފައިވެއެވެ.
img:http://s3.psmnews.mv/images/660x400/14721500542002.jpg|ތުޅާދޫގައި ކުރިއަށްދާ ފިޝް ކޭމްޕްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް
މި ސެޝަން ދަރިވަރުންނަށް ނަންގަވައިދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ތަޖްރިބާކާރު ބޭފުޅުންނެވެ. މި ސެޝަނަށްފަހު ދަރިވަރުން ބުނީ ކަނޑުމަތީގައި ހާދިސާއެއް ދިމާވެއްޖެނަމަ ކަންތައް ކުރަންވީގޮތް އެނގިގެންދިޔަކަމަށެވެ.
މި ކޭމްޕްގައި ދަރިވަރުންވަނީ ވެލިއުއެޑެޑް ޕްރޮޑަކްޓް ބޭނުންކޮށްގެން ތަފާތު މަހުގެ ބާވަތްތައް ހަދާފައެވެ. އެގޮތުން ދަރިވަރުން އަމިއްލައަށް ކާނާ ހަދާނެގޮތާއި ފުޑް ސޭފްޓީއާއި ބެހޭ މައުލޫމާތުވެސް ދީފައިވެއެވެ. މީގެ އިތުރުން މުރަކައާއި ފަރުތަކާއި ބެހޭގޮތުންވެސް ވަނީ ސެޝަނެއް ނަގާދީފައެވެ. މި ސެޝަނުގައި މުރަކަ ފަރުތައް އުފެދޭގޮތާއި، ތަފާތު ބާވަތުގެ މުރަކަ ތަކާއި ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މުރަކަ ފަރުތައް ހަލާކުވުމަށް ދިމާވާ ސަބަބުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންވެސް ވަނީ މައުލޫމާތު ދީފައެވެ.
މިފަހަރުގެ ފިޝްކޭމްޕް ބާއްވަނީ ބ އަތޮޅު ތުޅާދޫ ސްކޫލުގައެވެ. މިކޭމްޕްގައި ތިން ސްކޫލަކުން 30 ދަރިވަރުން ބައިވެރިވެއެވެ. އޯލެވެލް އިމްތިޙާނަށް މެރިން ސައިންސް ކިޔަވަމުންދާ ކުދިންނަށް ޚާއްޞަ މިކޭމްޕްގައި ބައިވެރިވަނީ ތުޅާދޫ ސްކޫލާއި، ދޮންފަނު އަދި ކަމަދޫ ސްކޫލެވެ.