ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ އެހީގެ ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައިގައި ފީފާއިން ބައްސާމް ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
މަނީ ލޯންޑަރިންގ، ޚިޔާނާތް އަދި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަހުގީގާ ގުޅިގެން މީގެ ކުރިން ވެސް ޖަލީލް ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ. މީގެ އިތުރުން ފީފާއިން ވަނީ އެއް މިލިއަން ސްވިސް ފްރޭންކް (1.23 މިލިއަން ޑޮލަރު) އިން ބައްސާމް ޖޫރިމަނާ ކޮށްފައެވެ.
އެފްއޭއެމްގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރުވެސް ވަނީ، ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމުގެ އެކައުންޓަށް ޖަމާކޮށްފައެވެ.
ފީފާގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމާއި، ފީފާގެ ކޮވިޑް-19 ރިލީފް ޕްލޭންގެ ފައިސާ ބޭނުންކޮށްގެން އެޕާޓްމަންޓެއް ގަތް މައްސަލައިގައި ބައްސާމް ދަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ބައްސާމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ދައުލަތުން ކުރި ދައުވާއާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއަށެވެ.
ފީފާއިން ބުނި ގޮތުގައި އެފްއޭއެމްގެ ކުރީގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން، މުޙައްމަދު އަޤީލް ވެސް ވަނީ 10 އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.
ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް މަގުފަހިކޮށްދީ އެކަން ފޮރުވުމާއި، ފޯޖްކޮށްފައިވާ ލިޔެކިޔުންތައް ބޭނުންކުރުމާއި، އަދި ފީފާގެ މިނިވަން އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ބައްސާމް 100،000 ސްވިސް ފްރޭންކުން ޖޫރިމަނާ ކުރުމަށް ވެސް ފީފާއިން ވަނީ ނިންމާފައެވެ.