ފާއިތުވި 25 އަހަރުގެ ތެރޭގައި ނުފެތުރޭ މިންވަރަށް އެފްރިކާގެ ޤައުމުތަކުގައި ކޮލެރާ ފެތުރެމުންދާ ކަމަށް އެފްރިކާގެ ބަލިތަކާ ބެހޭ އިދާރާ، އެފްރިކާ ސީޑީސީއިން ބުނެފިއެވެ.
ކޮލެރާއަކީ ފެނާއި ނަރުދަމާ އެކަށީގެންވާ މިންވަރަށް ސާފުނުކުރެވުމުގެ ސަބަބުން ފެނުގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ.
އެފްރިކާ ސީޑީސީއިން ބުނީ އެ ބައްރުގައި ހަލުވިކަމާއެކު ކޮލެރާ ފެތުރެމުންދަނީ ނާޒުުކު ފެނުގެ ނިޒާމްތަކުގެ ސަބަބުންނާއި ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ. މި އަހަރުގެ ތެރޭގައި އެފްރިކާ ސީޑީސީއިްން ކޮލެރާގެ 300،000 ކޭސް ދެނެގަނެފައިވާ ކަމަށާއި، ކޮލެރާގެ ސަބަބުން 7،000އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 30 އިންސައްތަ އިތުރު ޢަދަދެެކެވެ.
އެފްރިކާ ސީޑީސީއިން ޙިއްޞާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަންގޮލާ އާއި ބޫރޫންޑީގައި ކޮލެރާ ޖެހިފައިވާ މީހުންގެ ޢަދަދު ފާއިތުވި ހަފްތާތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ މައިގަނޑު ސަބަބަކީ ސާފު ބޯފެން ނުލިބުން ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ނަމަބެސް ކޮންގޯގައި ހަލުވިކަމާއެކު ކޮލެރާ ފެތުރެމުން ދިޔަ ދިޔުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް ދަމުންދާ ކަމަށް ވެސް އެފްރިކާ ސީޑީސީއިން ވަނީ ބުނެފައެވެ. ދެކުނު ސޫދާންއާއި ސޮމާލިޔާގެ ޙާލަތު ވެސް ރަނގަޅުވަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް ހަމަނުޖެހުންތައް ހިނގާ ހަލަބޮލި ސަރަޙައްދުތަކުގެ ޙާލަތާ މެދު ކަންބޮޑުވާ ކަމަށް ވެސް އެފްރިކާ ސީޑީސީއިން ފާހަގަކުރެއެވެ. އެ ފަދަ ސަރަޙައްދުތަކުގައި ހުންނަ ތޮށްޖެހިފައިވާ ރެފިޔުޖީ ކޭމްޕުތަކުގެ ޙާލަތު ގޯސް ކަމަށް އެ އިދާރާއިން ބުނެއެވެ.
އެފްރިކާ ސީޑީސީއިން އިތުރަށް ބުނީ ވައިރަލް ހީމަރަޖިކް ފީވަރ (ވީއެޗްއެފް) ނުަވަތަ ހަށިގަނޑުން ލޭ އައުމަށާއި ގުނަވަންތައް ފޭލުވުމަށް މެދުވެރިވާ ގަދަ ހުން ޖެހިފައިވާ ކަމަށް ބެލެވޭ އަށް މީހަކު އިތިއޯޕިޔާއިން ދެނެގަނެވިފައިވާ ކަމަށެވެ. އެ ބަލި ޖެހެން މެދުވެރިވި ސީދާ ސަބަބު ހޯދުމަށް ތަހުލީލުތައް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. އެ ބަލި ހަލުވިކަމާއެކު ފެތުރުން ހުއްޓުވުމަށް އެ ޤައުމަށް ޚާއްޞަ ޓީމެއް މިހާރު ފޮނުވާފައިވާ ކަަމަށް ވެސް އެފްރިކާ ސީޑީސީއިން ބުނެއެވެ.
އޭގެ އިތުުރުން އެފްރިކާގެ ޤައުމުތަކުގައި މަކުނު ވިރުދި ފެތުރެމުންދާ މިންވަރު މަދުވެފައިވާ ކަމަށް ވެސް އެފްރިކާ ސީޑީސީއިން ބުނެއެވެ. ނަމަވެސް ކެންޔާއާއި ގިނީއާއި ލައިބީރިޔާއާއި ގާނާގެ ޙާލަތު އަދިވެސް އެންމެ ރަނގަޅު ނޫން ކަމަށް އެ އިދާރާރިން ފާހަގަކުރެއެވެ.