ފުލުހުންގެ ޒިންމާއަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުން ނޫންކަމަށާއި، ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގައިވެސް ފުލުހުންގެ ޝާމިލުވުން މުހިންމުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވީ، ރ. އިންނަމާދޫ ފުލުހުންގެ މަރުކަޒު ހުޅުވުމަށާއި، މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިންނަމާދޫގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ސީޕީ އިސްމާޢީލް ނަވީން ވިދާޅުވީ، އިންނަމާދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވިގެން ދިޔުމަކީ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަމަށެވެ. އަދި މިއީ މުޖުތަމަޢުއާ ގުޅިގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފުލުހުން މަސައްކަތްކުރާ މިންވަރުވެސް ދައްކުވައިދޭ ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
ސީޕީގެ ވާހަކަފުޅުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަޞައްވުރާއި މިޝަންގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވަވާފައެވެ. އެގޮތުން ފުލުހުންގެ މަސައްކަތަކީ ރައްޔިތުންގެ ފުރާނައާއި، މުދަލާއި، ގެދޮރު ރައްކާތެރިކުރުމާއި އަދުލުވެރިކަމާއި އޯގާތެރިކަމާއި، އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުންކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ. އަދި ފުލުހުންގެ ޒިންމާއަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުން އެކަނި ނޫންކަމަށާއި، މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށްޓަކާ ކުރެވޭ މަސައްކަތްތަކުގައިވެސް ފުލުހުންގެ ބައިވެރިވުން މުހިންމުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
"ދިވެހި ފުލުހުންގެ ޚިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމަޢުއަކަށް ޚިދުމަތްކުރުމަށް ތަމްރީނުވެ، ތައްޔާރުވެ ފައްކާވަމުންދާ ޚިދުމަތެއް. ޒަމާނީ ބަދަލުތަކަށް ތަމްރީން ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު އަޅުގަނޑުމެންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި." ސީޕީ ނަވީން ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި މުޖުތަމަޢުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ފުލުހުންނަށް އެކަނިކުރެވޭނެ ކަމެއްނޫންކަން ފާހަގަކުރައްވާ، ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތް މިއަދު ބައްޓަންކުރެވިފައިވަނީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައިކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތް މިއަދު ފުޅާވަމުންދާއިރު، ފުލުހުންނާއި ރައްޔިތުންނަކީ ގުޅިލާމެހިފައިވާ ބައެއްގެ ގޮތުގައި ދެކި، ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ.
"އެކުވެރިންގެ ހައިސިއްޔަތުން އެކަކު އަނެކަކަށް އިޙްތިރާމާއި ތައުރީފުކޮށް، އެއްބައިވަންތަކަމާއި ޕްރޮފެޝެނެލިޒަމް އެކުލެވިގެންވާކަމެއްގެ ގޮތުގައި މި ޚިދުމަތާމެދު ދެކެންޖެހޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް އިތުބާރުކޮށް، މި ޚިދުމަތުގެ އަގުވަޒަންކޮށް، ޚިދުމަތުގެ އަގު ހިފެހެއްޓުމަށް ހުރިހާ ފުލުހުން އަޒުމު ކަނޑައަޅަންޖެހޭ. އަދި އަމަލުން ދައްކަންވެސް ޖެހޭ." ސީޕީ ނަވީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރާ މަސައްކަތުގައި ތެދުވެރިކަމާއި އަމަނާތްތެރިކަން އިސްކުރުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ފުލުހުންގެ ޚިދުމަތް ބިނާވެފައިވަނީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، ޒިންމާދާރުކަމުގެ މައްޗަށްކަންވެސް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ކޮންމެ ފުލުހަކީވެސް ޤާނޫނުތަކާއި އުސޫލުތަކަށް ވިސްނައިގެން ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ކޮމިޝަނަރ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.