އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް "ޝާމިލް 2025"ގެ ނަމުގައި ބާއްވާ ހަރަކާތް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ހުޅުއްވައިދެއްވައިފިއެވެ.
"ޝާމިލް 2025" ގެ ނަމުގައި ބާއްވާ މިހަރަކާތަކީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މިހަރަކާތުގެ މަޤްސަދަކީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި، އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދިނުމާއި، އެފަރާތްތައް އިގްތިސާދީގޮތުން ބާރުވެރިކުރުމުގެ ކުރުންކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދެވޭނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
"ޝާމިލް 2025" ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އަދި ނޮވެންބަރ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
މި ގަޑިތަކުގައި ކޮންމެ ބޭފުޅަކަށްވެސް ނޭޝަނަލް އާޓް ގެލަރީއަށް ޒިޔާރަތްކޮށް، މި ފަރާތްތަކުގެ އުފެއްދުންތަކާއި ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.