ޚަބަރު

"ވިސާގެ ދަތިތަކަށް ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް"


  • ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާ ރައީސް ވަނީ ބައްދަލުކުރައްވާފައި

  • ސޯސަން ވިލާގެ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ގެނެސްދެވޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅުގައި ދެ ޤައުމުގެ ރައްޔިތުންނަށްވެސް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި، ގުޅުންތައް ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކުރެވުނު ކަމަށެވެ. ޚާއްސަކޮށް ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަރައްޤީގެ އެކި ކަންކަން ކުރިއަށް ގެންދިޔުމަށް އެއްބަސްވެވޭނެ ގޮތްތައް ބައްލަވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރާއެކު މުހިއްމު އެއްބަސްވުންތަކެއް އެކުލަވާލާފައިވާ ކަމަށާއި، ވެފައިވާ އެއްބަސްވުންތަކާއެކު ރަނގަޅު ގޮތްތަކެއްވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސްރީލަންކާގެ ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ގެނައުމަށް މަޝްވަރާކުރެއްވި ކަމަށެވެ. މިދަތުރުފުޅުގެ ކުރިންވެސް މި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ވިސާގެ ކަންކަމަށް ލުޔެއް ހޯދުމަށް މަސައްކަތް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ވިސާގެ ކަންކަމަށް ޙައްލެއް ގެނައުމަށް ސްރީލަންކާގެ ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށާއި، ވިސާގެ ކަންކަމަށް ދާއިމީ ޙައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ރައީސް ދެއްވާފައިވާ ކަމަށެވެ.

" ވިސާ ލިބުމުގައި ހުރި ކަންކަން ޙައްލުވެގެން ގޮސް މުޅި މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެކަމުގެ އުންމީދު ބޮޑު. މީގެ ކުރިން އޮތް ހާލަތަށްވުރެވެސް ރަނގަޅު ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް. އެކަން ކުރުމަށް އަމަލީ މަސއްކަތް ކުރެވިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ވިސާގެ ކަންކަން ޙައްލު ކުރުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްތަކުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ލަންކާގައި ހުޅުވުމުގެ އުންމީދީ މަގެއް ފެނިފައިވާ ކަމަށާއި، ލަސްތަކެއްނުވެ އެކަންވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންނަށްވެސް ފަސޭހަވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ސްރީލަންކާގައި ހުންނަ ދިވެހިންގެ ސަޤާފީ މަރުކަޒު ނުވަތަ ސޯސަންވިލާގެ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން އެތަނުގެ އިމާރާތަށް ބަދަލުތައް ގެނައުމަށާއި، ވަޞީލަތްތައް ރަނގަޅު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސޯސަން ވިލާގެ އިމާރާތް މަރާމާތުކުރުން ނުވަތަ އެތަނަށް ރަނގަޅު ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުޅިވަރުގެ ވަޞީލަތްތަކާއި، ކްލާސްރޫމް ފަދަ ތަންތަން ރަނގަޅު ކުރަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވަނީ، ރާއްޖެއަށް ދިއުމަށްފަހު އެކަންކަން ރަނގަޅު ކުރުމަށް އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ތަރައްޤީ ކުރަމުންދާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ފަދަ ތަނެއް ސޯސަން ވިލާގައި ތަރައްޤީ ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި، މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.