ޚަބަރު

ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ހަފްލާއެއްގައި ފަސްޓްލޭޑީ!


  • މިއީ ކޮލަމްބޯގެ މޭޔަރު އިންތިޒާމު ކުރެއްވި ހަފްލާއެއް

ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާ ކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ހަފްލާ ބާއްވާފައިވަނީ، ކޮލަމްބޯގެ މޭޔަރުގެ ރަސްމީ ގެކޮޅު، ސްރީ ނިވާސާގައެވެ.

މި ހަރަކާތުގައި ސްރީލަންކާގައި ތަފާތު ވައްތަރުގެ ސައި ކެއްކުމުގެ ވައްޓަފާޅި ދައްކާލުމުގެ އިތުރުން ސަޔާއެކުގައި ބޭނުންކުރަން ކަމުދާނެ ކާނާގެ ބައެއް ބާވަތްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ކުރިއަށް ގެންދެވިއެވެ. އަދި ކިޔަވާ ކުދިންގެ ފަރާތުން "ޓުމޯރޯސް ކޮލަންބޯ"ގެ ނަމުގައި ބޭއްވި ކުރެހުމުގެ މައުރަޒެއްވެސް މި ހަފްލާގައި ކުރިއަށް ދިޔައެވެ. މިހަފުލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މޭޔަރު ވަނީ، އިޖްތިމާޢީ ތަރައްޤީއާއި މުޖްތަމަޢުގެ ލާބައަށް ދެ ބޭފުޅުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް އަމާޒުކޮށް ކުރެވޭ މަސައްކަތްތަކުގައި ދެ ބޭފުޅުންވެސް ވަނީ، ގުޅިގެން ގާތުން މަސައްކަތް ކުރުމުގެ އަޒުމް އައުކުރައްވާފައެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ބައިވެރިވެ ވަޑައިގެންނެވި ހަފުލާއެކެވެ.