ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ މުހިންމު ހިސާބުން ނައިޖީރިއާ ކުޅުންތެރިން ހަޅުތާލެއް ފަށައިފިއެވެ.
ކުޅުންތެރިން ފަރިތަކުރުންތައް ބޮއިކޮޓް ކޮށްފައިވަނީ ބޯނަސްގެ މައްސަލާގައެވެ.
ނައިޖީރިއާ ޓީމު މިވަގުތު ތިބީ އެފްރިކާ ސަރަހައްދުގެ ކޮލިފައިންގެ ޕްލޭއޯފް މެޗުތައް ކުޅެން މޮރޮކޯގައެވެ. ޕްލޭއޯފްގައި ނައިޖީރިއާ ވާދަކުރަން ޖެހޭނީ ގެބޯންއާއެވެ. މި މެޗުން ބަލިވެއްޖެނަމަ އެ ގައުމަށް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނުކުޅެވޭނެއެވެ.
މި މެޗުގެ ކުރިން ނައިޖީރިއާ ކުޅުންތެރިން މައްސަލަ ޖެއްސީ އެ ގައުމު 2019 ވަނަ އަހަރުގެ އެފްރިކާ ކަޕަށް ކޮލިފައިވުމުންނާއި އެންމެ ފަހުގެ ވޯލްޑް ކަޕް ބޯނަސް ނުދޭތީއެވެ.
ކުޅުންތެރިންގެ ފަރާތުން ވާހަކަ ދައްކަމުން ކެޕްޓަން ވިލިއަމް އެކޮންގް ބުނެފައިވަނީ މައްސަލަ ހައްލުވިހާ އަވަހަކަށް ކުޅުންތެރިން ތިބީ ފަރިތަކުރަން ތައްޔާރަށް ކަމަށެވެ. ނަމަވެސް ކުޅުންތެރިންގެ ފަރާތުން ނައިޖީރިއާ ފުޓްބޯޅަ ފެޑަރޭޝަނާ ބައްދަލު ކުރުމަށްފަހު ނެރެފައިވާ ބަޔާނަށް ފަހު މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ނައިޖީރިއާ ކުޅުންތެރިން ހަޅުތާލުކޮށްފައިވާއިރު އަންނަ މަހު އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތް ވެސް އެބައޮތެވެ.
އެފްރިކާއިން ވޯލްޑް ކަޕުގެ ފަހު ޖާގަ ލިބޭނެ ގައުމެއް ކަނޑައަޅުމަށްޓަކައި އިންޓަ ކޮންޓިނެޓްޓަލްގެ ފަހު ބުރުގައި ވާދަކުރާނެ ގައުމެއް ހޮވަން ކުޅޭ ޕްލޭއޯފް މެޗުތަކުގައި ވާދަކުރާނީ ހަތަރު ގައުމެކެވެ. އެއީ ނައިޖީރި އާއި ކެމަރޫން އަދި ކޮންގޯ އާއި ގެބޯންއެވެ. މީގެ ތެރެއިން ނައިޖީރިއާ އާއި ކެމަރޫނަކީ މީގެ ކުރިން ވެސް ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ އެފްރިކާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރެއިން ދެ ގައުމެވެ. ޕްލޭއޯފްގައި ނައިޖީރިއާ އާއި ގެބޯން ވާދަކުރާއިރު ކެމަރޫން ވާދަކުރާނީ ކޮންގޯއާއެވެ. މި ދެ މެޗު ވެސް ކުޅޭނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި ދެ މެޗުން މޮޅުވާ ދެ ޓީމު ޕްލޭއޯފްގެ ފައިނަލް މެޗުގައި ވާދަކުރާނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.