ސަރުކާރުން ތައާރަފްކުރާ "މާލެ ޓެކްސީ" ލައިންއަށް ހާއްސަ ހޮޓްލައިނެއް ކަނޑައަޅައިފިއެވެ.
ސަރުކާރުގެ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.
އެމްޓީސީސީން ވިދާޅުވީ، ޓެކްސީ ލައިންގެ ހާއްސަ ހޮޓްލައިންއަކަށް 1655 ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިއީ ޓެކްސީ ލައިނާ ގުޅޭ މައުލޫމާތުތައް ދިނުމަށް ހާއްސަކޮށްފައިވާ ހޮޓްލައިނެއް ކަމަށެވެ.
ޕްރައިވެޓް އެހެން ޓެކްސީ އެޕްތަކެކޭ އެއްފަދައިން، ސަރުކާރުންވެސް މި ޚިދުމަތް ދޭން ނިންމާފައި ވަނީ އެޕްލިކޭޝަންއެއް މެދުވެރިކޮށެވެ. އެގޮތުން އެމްޓީސީސީގެ ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.
ސަރުކާރުން ތަޢާރަފްކުރާ މި ޓެކްސީ ލައިނުން ޚިދުމަތް ދެމުންދާނީ އިލެކްޓްރޯނިކް ވެހިކަލްތައް ބޭނުންކޮށްގެންނެވެ. މި ޚިދުމަތުގައި ބޭނުން ކުރާ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ޗާޖް ކުރުމަށް ޚާއްސަ އީވީ ސްޓޭޝަންތައް މިހާރުވަނީ ތައްޔާރުކޮށްފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ ކަރަންޓު އުޅަނދުތަކުގައި ފެހި ކުލައިގެ ނަމްބަރު ބޯޑު ބޭނުންކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަވާފައެވެ.
Launching soon —
— MTCC Plc (@MTCCPlc) March 23, 2026
📞 1655 | Malé Taxi Hotline
A dedicated helpline for a safer, smoother taxi experience.#RayyithungeTaxi #MTCCTransport #RayyithungeKunfuni pic.twitter.com/nXc1sB96rH
ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް އެމްޓީސީސީން ކުރިއަށްގެންދަނީ ވޯކް-އިން-އިންޓަރވިއުއެކެވެ. މިދިޔަ ޖަނަވަރީމަހު ފުރަތަަމަ އިންޓަރވިއު ކުރިއަށް ގެންގޮސްފައިވާއިރު، އެ އިންޓަވިއުގައި 250 މީހުން ބައިވެރިވިއެވެ. އަދި މިއަދު ހެނދުނު 10:00އިން ހަވީރު 16:00އާ ހަމައަށްވެސް މާފަންނު ބަސްޓަމިނަލްގައި ވޯކްއިން އިންޓަވިއު ކުރިއަށްދާނެއެވެ.
ޓެކްސީލައިންގެ ޚިދުމަތުގައި ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށްވެސް އެމްޓީސީސީން ވަނީ އިއުލާން އިޢުލާންކޮށްފައެވެ. ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.
ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތަކަށް އެޚިދުމަތް ހެދުމަށެވެ. ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ޚިދުމަތްތަކުގެ ސްޓައިލަށެވެ.