ޚަބަރު

ޓްރަމްޕްގެ އަމާޒެއް ނެތް ސިޔާސަތުތަކުން ދުނިޔޭގެ އިޤްތިޞާދު ނުރައްކަލަށް!


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދެމުންދާ ޙަމަލާތަކުގެ ސަބަބުންނާއި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމާޒެއް ނެތް ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ. ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، ތެހްރާނުން ދަނީ އެ ޤައުމުގެ އިސްތިޤުލާލު ދިފާޢުކުރުމަށް ޓަކައި ވަރުގަދަ އަސްކަރީ ރައްދެއް ދެމުންނެވެ. އީރާނުގެ ސިޔާސީ އަދި އަސްކަރީ އިސްވާރުން ޝަހީދުކޮށްލުމުން ވެސް، އެ ޤައުމުގެ ޢަޒުމަކަށް ބަދަލެއް ނައިސް، ޔަހޫދީ ދައުލަތުގެ ރަށްތަކަށާއި ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ މަޞްލަޙަތުތަކަށް ދަނީ މެދުނުކެނޑި ޙަމަލާ ދެމުންނެވެ.

މި ހަނގުރާމައަކީ ހަމައެކަނި އަސްކަރީ ކުރިމަތިލުމެއް ނޫނެވެ؛ މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އެމެރިކާއިން ހިންގަމުންދާ ޣައިރުޤާނޫނީ ޖަރީމާއެކެވެ. ތެހްރާނުން ދަނީ އެ ޤައުމުގެ އަސްކަރީ ވަސީލަތްތައް ބޭނުންކޮށްގެން، ހުޅަނގުގެ އިޤުތިޞާދީ ނުފޫޒަށް ގޮންޖަހަމުންނެވެ. މި ގޮތުން، އީރާނުން ދަނީ އެ ޤައުމަށް ދޭ ކޮންމެ ޙަމަލާއަކަށް ހަރުކަށި ރައްދެއް ދޭނެކަން އަމަލުން ސާބިތުކޮށްދެމުންނެވެ.

ހުރްމުޒް ކަނޑުއޮޅީގެ ބަންދާއި ދުނިޔޭގެ ހަކަތައި ކާރިސާ

މި ހަނގުރާމައިގެ އެންމެ ނުރައްކާތެރި އެއް ފިޔަވަޅަކީ ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ޤާއިމުކޮށްފައިވާ އަސްކަރީ ބަންދެވެ. ހުރްމުޒް ހުރަސްކޮށް ދަތުރު ކުރުމަށް ތެހްރާނުން ހުރަސް އަޅަމުން ދަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު މަގު ބަންދުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިއީ އެމެރިކާގެ އިޤުތިޞާދަށް ވެސް އޮތް ބޮޑު ގޮންޖެހުމަކަށް ވާއިރު، ޓްރަމްޕްގެ ސަރުކާރަށް ވަނީ އޭނާގެ އަމިއްލަ ސިޔާސަތުތަކާ ދެކޮޅަށް ރަޝިޔާގެ ތެޔޮ ވިއްކުމަށް ހުއްދަ ދެއްވަން މަޖުބޫރުވެވަޑައިގަންނަވާފައެވެ.

އީރާނުން ވަނީ ޤަޠަރު ފަދަ ޤައުމުތަކުގައި ހުރި ހަކަތައިގެ ބިނާރުތަކާއި ވަސީލަތްތަކަށް ޙަމަލާދީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގޭސް (އެލްއެންޖީ) ފޯރުކޮށްދިނުން ވެސް ހުއްޓުމަކަށް ގެނެސްފައެވެ. ތެހްރާނުން ބުނީ، މިއީ އީރާނުގެ ގޭސް ދަނޑުތަކާއި ބިނާރުތަކަށް ޔަހޫދީން ދީފައިވާ ޙަމަލާގެ ސީދާ ރައްދެއް ކަމުގައެވެ. މިއިން އެނގެނީ އީރާނަށް ދޭ ކޮންމެ ގެއްލުމަކަށް، އެއަށްވުރެ ބޮޑު ގެއްލުމެއް ދިނުމުގެ ޤާބިލުކަން ތެހްރާނަށް ލިބިގެންވާ ކަމެވެ.

ޓްރަމްޕްގެ ސިޔާސީ އޮޅުންބޮޅުންތަކާއި ފުށުއެރުންތައް

ވައިޓް ހައުސްއިން މި ހަނގުރާމައާ މެދު ގެންގުޅޭ ސިޔާސަތުތަކަކީ އެއްވެސް ތަރުތީބެއް ނެތް، އޮޅުންބޮޅުން ބޮޑު ސިޔާސަތުތަކެކެވެ. ރައީސް ޓްރަމްޕް އެއްފަހަރު ވިދާޅުވަނީ ހަނގުރާމަ "ނިމުމަކަށް އަންނަނީ" ކަމަށާއި، އެމެރިކާގެ އަމާޒުތައް ހާސިލުވެއްޖެ ކަމުގައެވެ. އަދި، "މިހާރު ދުނިޔޭގެ ޗާޓުން އީރާން ފޮހެލާފައިވާނެ" ކަމުގައެވެ. ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން އޭނާވަނީ އީރާނުގެ އިންޖީނުގެތަކާއި ހަކަތައިގެ ބިނާރާއި ވަސީލަތްތައް "ސުންނާފަތިކޮށްލާނެ" ކަމުގެ އިންޒާރު ދެއްވާފައެވެ.

ޓްރަމްޕްގެ މި "އޮޅުންބޮޅުން ބޮޑު ވާހަކަފުޅުތަކަކީ" އޭނާގެ ފަށްޓަވާފައިވާ ހަނގުރާމައިގެ އެއްވެސް އިސްތިރާޖީ އަމާޒެއް ނެތްކަމުގެ ހެއްކެކެވެ. އޭނާ ވިދާޅުވީ، "އީރާނުން ހުރްމުޒް ކަނޑުއޮޅި ނުހުޅުވައިފި ނަމަ، 48 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ އިންޖީނުގެތައް ހަލާކުކޮށްލާނެ" ކަމުގައެވެ. މިއީ ޞުލްޙައަށް ވުރެ ބޮޑަށް، ހަމަނުޖެހުން އިތުރުކުރުމަށް ދޭ އިންޒާރުތަކެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްްތަކުން ޤަބޫލުކުރެއެވެ.

ޢުދުވާނުގެ އަސްލާއި ނާކާމިޔާބުވެފައިވާ ޚާރިޖީ ސިޔާސަތު

މި ހަނގުރާމަ ފެށިގެން ދިޔައީ ޢުމާން މެދުވެރިވެގެން ދެ ޤައުމުގެ ދެމެދުގައި ޞުލްޙައިގެ އެއްބަސްވުމަކާ ގާތަށް ދެވިފައިވަނިކޮށެވެ. ޢުމާންގެ މެދުވެރިން ބުނީ އެއްބަސްވުން އޮތީ "އަތްފޯރާ ފަށުގައި" ކަމުގައެވެ. ނަމަވެސް، ޓްރަމްޕާއި އޭނާގެ ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު އީރާނާ ދެކޮޅަށް ހަނގުރާމަ ފަށްޓަވާފައި ވަނީ، އީރާނުން އެމެރިކާއަށް ޙަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް ހެއްކެއް ނެތިއެވެ. ހަަމައެކަނި، ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަަޒީރު ބެންޔަމިން ނަތަންޔާހޫ ބުނި ބުނުމަކަށް ބަލައިގެންނެވެ.

ޚާއްޞަކޮށް، އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދާ ކަމުގައި އެމެރިކާއާއި ޔަހޫދީން ކުރާ ތުހުމަތުތަކަކީ އެކުވެރި ދައުލަތްތަކާއި (އދ) އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވެސް ދޮގުކޮށްފައިވާ ތުހުމަތުތަކެކެވެ. މިއީ ސީދާ ނަތަންޔާހޫގެ ނުފޫޒުގައި ޖެހި، މެދުއިރުމަތި ހަލާކުކޮށްލުމަށް ޓްރަމްޕް ފަށްޓަވާފައިވާ ޢުދުވާނެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޓްރަމްޕް ވަނީ އޭނާގެ އިސް ޑިޕްލޮމެޓުންގެ ވާހަކަފުޅުތައް ވެސް ދޮގުކުރައްވައި، "އަޅުގަނޑު އިސްވެ [އީރާނަށް] ޙަމަލާ ދިނުމަށް ޔަހޫދީންނަށް މަ
ޖުބޫރުކުރުވީ ކަމަށް ވެދާނެ" ކަމުގައި ވިދާޅުވެފައެވެ.

މަސްރަޙު ދިރާސާ ފަރާތްތަކުގެ ނަޒަރުގައި ހަނގުރާމައިގެ ނުރައްކާ

ހަނގުރާމައިގެ މުސްތަޤުބަލާ މެދު މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެނީ ވަރަށް ކަންބޮޑުވުމާ އެކުގައެވެ. ޢަރަބް ޕަރސްޕެކްޓިވްސް އިންސްޓިޓިއުޓްގެ ދާރިސަކު ވިދާޅުވީ، އެމެރިކާގެ ޙަމަލާތަކަކީ އެއްވެސް އަމާޒެއް ނެތް، ހަމައެކަނި ރައްދު ދިނުމުގެ ސިލްސިލާއެއް ކަމުގައެވެ. އަދި، ހަނގުރާމަ ފެށިއިރު އޮތް އަމާޒުތައް މިހާރު ގެއްލި، ނުވަތަ ބަދަލުވެފައިވާ ކަމުގައެވެ.

ގްލޯބަލް ޕޮލިސީ އިންސްޓިޓިއުޓްގެ ދާރިސުން ވިދާޅުވީ، އީރާން ފަދަ ވަރުގަދަ ޤައުމެއްގެ މައްޗަށް ގަދަވުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. ޓްރަމްޕްގެ ސިޔާސަތުތައް ބަދަލުވާލެއް އަވަސްކަމުން، ދެން ވާނެ ގޮތެއް ލަފާކުރަން ދަތި ކަމުގައި ވެސް އެ ފަރާތްތަކުން ވިދާޅުވިއެވެ. އީރާން ހިފަން ބޭނުންނަމަ އެމެރިކާއިން މަދުވެގެން 500,000 އަށްވުރެ ގިނަ ސިފައިން ފޮނުވަން ޖެހޭނަ ކަމުގައި ވެސް ދާރިސުން އަންދާޒާ ކުރައްވައެވެ.