ޚަބަރު

އަނިޔާކުރާކަމުގެ ރިޕޯޓަކާއި ގުޅިގެން އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 17 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި!


  • މި ތަކެތި ފެނިފައިވަނީ ނޮވެމްބަރ 9 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު

މީހަކަށް އަނިޔާކުރާކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ބަލާފާސްކުރި އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި ފެނިފައިވަނީ ނޮވެމްބަރ 9 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، އެމް.ޕީ.އެލް ޓަވަރެއްގެ އެޕާޓްމަންޓެއްގައި ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓެއް ލިބުމާއި ގުޅިގެން ފުލުހުން ގޮސް އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރުކަމަށެވެ.

އެޕާޓްމަންޓް ބަލާފާސްކުރި އިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންނަށް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި، ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ.

މުޙައްމަދު ޖަޒުލާން އަޝްރަފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.