އިޓާލިއަން ސެރިއާ ގައި ރޭ ލާޒިއޯ އާއި ދެކޮޅަށް އިންޓަރ މިލާން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ކާމިޔާބުކޮށްފި އެވެ.
މި މެޗުން އިންޓަރ މިލާން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ރޯމާ އަށްވެސް 24 ޕޮއިންޓް ލިބިފައިވާއިރު އިންޓަރ މިލާނަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލާޒިއޯ އަށް ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިޥާ މި މެޗުގެ 3 ވަނަ މިނިޓުގައި އިންޓަރ މިލާނުން ވަނީ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަލެސަންދްރޯ ބަސްޓޯނީގެ އެސިސްޓަކުން ލައުޓާރޯ މާޓިނޭޒް އެވެ.
މި މެޗުގައި އިންޓަރ މިލާނުން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 63 ވަނަ މިނިޓުގައި އެންޖޭ ޔޮއާން ބޮނީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ލާޒިއޯ އަށް މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލައެއް ވަނީ ގޯލުގެ ދަނޑީގައިވެސް ޖެހިފަ އެވެ.