ކުޅިވަރު

1000 ވަނަ މެޗުގައި ލިވަޕޫލް ބަލިކުރުމަކީ ކުޅުންތެރިން ދިން ހަދިޔާއެއް: ގާޑިއޯލާ


ފުޓްބޯޅަ ކެރިއަރުގައި އޭނާގެ 1000 ވަނަ މެޗުގައި ލިވަޕޫލް ބަލިކޮށްދިނުމަކީ އޭނާ އަށް ކުޅުންތެރިން ދިން ހަދިޔާ އެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ 1000 ވަނަ މެޗުގައި ލިވަޕޫލާ ވާދަ ކުރަން ޖެހުމަކީ ވަރަށް ރަނގަޅަށް ދިމާވި ކަމެއް ކަމަށެވެ.

"އަހަރެންގެ ކޯޗިން ކެރިއަރުގައި ލިވަޕޫލަކީ ވަރަށް ބޮޑު ވާދަވެރިއެއް. ހާއްސަކޮށް ޔާގެން ކްލޮޕް އެ ޓީމުގެ ކޯޗުކަމުގައި ހުރިއިރު. ލިވަޕޫލާ ކުޅެން ޖެހުމަކީ އަހަރެންގެ ނިދި ފިލައިދާ ކަމެއް. މިހެންވެ އެ މީހުންނާ ދެކޮޅަށް 1000 ވަނަ މެޗުގައި ކުޅެން ޖެހުމަކީ ވަރަށް ބޮޑު ރަނގަޅެއް. އަދި އިނގިރޭސި ޗެމްޕިއަނުން ބަލިކޮށްލުމަކީ އަހަރެންނަށް ކުޅުންތެރިން ދިން ހަދިޔާއެއް،" ގާޑިއޯލާ ބުންޏެވެ.

ސްޕޭނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި ސިޓީ އަށް ކޯޗުކޮށްދީގެން ގާޑިއޯލާ ވަނީ މިހާތަނަށް 39 ތަށި ކާމިޔާބުކޮށްފަ އެވެ. މެޗަށް ފަހު އާއިލާއާއެކު ވަރަށް އުފާފާޅު ކުރުމަށްފަހު އޭނާ ބުނީ ކުޅުންތެރިންގެ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މި މެޗުން މޮޅުވުމުން ސިޓީ އަށް 22 ޕޮއިންޓާއެކު ވަނީ ޓޭބަލުގެ ދެ ވަނަ ލިބިފަ އެވެ. މިއީ އެއްވަނާގައިވާ އާސެނަލް އަށް ވުރެ ހަތަރު ޕޮއިންޓް ދަށް އަދަދެކެވެ. ނަމަވެސް އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ސިޓީ އަށް ހަ ފަހަރު ހޯދާދީފައިވާ ކޯޗު ބުނީ ލީގު ޗެމްޕިއަންކަން ލިބޭނީ ކެތްތެރިވެގެން ގިނަ ދުވަހު އެއް ފެންވަރެއްގައި އޮންނަ ޓީމަކަށް ކަމަށެވެ.

"އަދި ލީގުގައި ވަރަށް ގިނަ މެޗު ކުޅެން އެބައޮތް. ސިޓީގެ މި ވަގުތުގެ ފޯމަށް ބަލާއިރު އަހަރެން މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. އިނގިރޭސި ލީގަކީ ވަރަށް ވާދަވެރި ލީގެއް. ޗެމްޕިއަންކަން ލިބޭނީ އެއް ފެންވަރެއްގައި ތިބޭ ޓީމަކަށް،" ގާޑިއޯލާ ބުންޏެވެ.

ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ލިވަޕޫލެވެ. މި މެޗުން ބަލިވުމާއެކު ލިވަޕޫލް ވަނީ އަށް ވަނަ އަށް ވެއްޓިފަ އެވެ.