ޚަބަރު

މިމަހު މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން


  • އަހަރުގެ މިހާތަނަށް 590,449 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

  • އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,381 ފަތުރުވެރިން އާދޭ

  • އެންމެ ގިނައީ ޗައިނާ ފަތުރުވެރިން

މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 108,681 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހުގެ މި މުއްދަތާ އަޅާ ބަލާއިރު %17.9 ދަށް އަދަދެކެވެ.

މިމަހުގެ އަދަދުތައް ދަށްވެފައިވާވީ ނަމަވެސް، އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިން އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 590,449 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 561,300 ފަތުރުވެރިންނާ އަޅާ ބަލާއިރު %4.5 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.

ފަތުުރުވެރިން އެންމެ ގިނައިން އަންނަ 3 ޤައުމު

ޗައިނާ: 89،443 ފަތުރުވެރިން
ރަޝިއާ: 71،056 ފަތުރުވެރިން
އިނގިރޭސިވިލާތް: 55،692 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,381 ފަތުރުވެރިން އާދެއެވެ. މިއީ ފާއިތުވީ 2 ހަފުތާއާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފާއިތުވީ 2 ހަފުތާގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ހުރީ 4000 ގައެވެ. އެއީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ 30 އިންސައްތަ މެދުއިރުމަތީގެ މަގުން ޒިޔާރާތްކުރުމުގެ ސަބަބުންނެވެ.

އެހެން ނަމަވެސް ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ އިތުރު މަގުތައް ހޯދާ، އެއާލައިންތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.