ޢުމާން ކަނޑުގައި ދަތުރުކުރަމުންދިޔަ އުޅަނދަކަށް ދިން ޙަމަލާއަކާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ އެތައް ސަތޭކަ އުޅަނދަކާއި ފަޅުވެރިން ސަލާމަތްކުރުމަށް އެކުވެރި ދައުލަތްތަކުގެ (އދ) ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާއިން (އައިއެމްއޯ) ފަށާފައިވާ ހަރަކާތް ވަގުތީގޮތުން މެދުކަނޑައިލައިފިއެވެ. އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އަރްސެނިޔޯ ދޮމިންގޭޒް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދަކަށް ޢުމާން ކަނޑުގެ ސަރަޙައްދުން ޙަމަލާއެއް ދީފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމުގައެވެ. އަދި، އެ އުޅަނދަކީ ހުރްމުޒުން ދަތުރުކުރުމަށް އައިއެމްއޯއިން ކަނޑައަޅާފައިވާ އޮނިގަނޑުގެ ދަށުން ދަތުރުކުރި އުޅަނދެއް ނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ.
ދޮމިންގޭޒް ވިދާޅުވީ، ހުރްމުޒްގައި ތާށިވެފައިވާ އުޅަނދުތަކާއި ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑައިލައްވަން ނިންމެވީ، އައިއެމްއޯއިން އެކުލަވައިލާފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ އުޅަނދުފަހަރެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ބޭނުމުގައި ކަމުގައެވެ. ޖޫން 23 ވަނަ ދުވަހު އައިއެމްއޯއިން ފެށި މަސައްކަތުގެ ދަށުން، އުޅަނދުފަހަރާއި އޭގެ ފަޅުވެރިންނަށް އަމިއްލަ އިޚްތިޔާރުގައި ދެ މަގަކުން ކަނޑުއޮޅިން ބޭރަށް ދަތުރުކުރުމުގެ ފުރުޞަތު ހުޅުވައިލިއެެވެ. އޭގެ ތެރެއިން އެއް މަގަކީ އީރާންގެ ސަރަޙައްދީ ކަނޑުގެ ތެރެއިންނެވެ. އަދި އަނެއް މަގަކީ އެމެރިކާގެ އަސްކަރިއްޔާގެ ޙިމާޔަތުގެ ދަށުން ޢުމާން ގެ ސަރަޙައްދީ ކަނޑުގެ ތެރެއިން ދަތުރުކުރުމެވެ.
އައިއެމްއޯއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ޖޫން 23 އިން 25 އާ ދެމެދު 57 އުޅަނދެއް ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކޮށްފައެވެ. އެ އުޅަނދުތަކުގައި 1,000 އެއްހާ ފަޅުވެރިން ތިބިކަމުގައި އައިއެމްއޯއިން އަންދާޒާކުރެއެވެ. ޢުމާންގެ އައްސޭރިފަށުން ދަތުރުކުރަނިކޮށް ޙަމަލާދީފައި ވަނީ ކޮން އުޅަނދަކަށް ކަން ސާފެއް ނޫނެވެ. ނަމަވެސް، ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިނގިރޭސިވިލާތުގެ އިދާރާއިން (ޔޫކޭއެމްޓީއޯ) ވެސް ވަނީ، ޢުމާން ކައިރިން ދަތުރުކުރަމުންދިޔަ ކޮންޓެއިނަރު އުފުލާ އާގުބޯޓަކަށް ޙަމަަލާ ދީފައިވާ ކަމުގައި ރިޕޯޓުކޮށްފައެވެ. އެ އުޅަނދަށް ޙަމަލާދިނުމަށް ބޭނުން ކޮށްފައި ވަނީ އަސްކަރީ ޑްރޯނެއް ކަމުގައި ބެލެވޭ ކަމުގައި ކަނޑު ދަތުރުފަތުރުގެ ސަލާމަތާ ބެހޭ މަޞްދަރުތަކުން ބުންޏެވެ. ނަމަވެސް، އެ ޙަމަލާގެ ފަހަތުގައި ވަނީ ކޮން ފަރާތެއް ކަން އަދި ސާފެއް ނުވެއެވެ.