ކުޅިވަރު

ރޫނީ އަށް ވެންޑައިކް: ތިޔަ ކުރީ ކަންނެތް ކޮމެންޓެއް!


މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ކުރީގެ ކެޕްޓަން ވޭން ރޫނީ އަށް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް ރީތި ގޮތުގައި ރައްދު ދީފި އެވެ.

އެސްޓަން ވިލާ އަތުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ވެންޑައިކް ބުނީ ރޫނީ އަކީ ފުޓްބޯޅައިގެ "ބޮޑު ލެޖެންޑެއް،" ކަމަށާއި "އޭނާއާ ބެހޭ ގޮތުން ދައްކަން އޮތީ ރަނގަޅު ވާހަކަތައް،" ކަމަށެވެ.

"އަހަރެން އޭނާގެ ވާހަކަ އެއް އަޑެއް ނާހަން މިދިޔަ ސީޒަނުގައި. އަހަރެން އޭނާއާ ބެހޭ ގޮތުން ދައްކަން އޮތީ މުޅިން ވެސް ރަނގަޅު ވާހަކަ. އޭނާ އަކީ ފުޓްބޯޅައިގެ ބޮޑު ލެޖެންޑެއް، ވަރަށް ވަރުގަދަ ކުޅުންތެރިއެއް، އެކަމަކު ކަންކަން ރަނގަޅަށް ދިޔަ އިރު މިދިޔަ ސީޒަނުގައި އޭނާ (އެފަދަ ވާހަކައެއް ދެއްކި) އަޑެއް ނީވުނު. އެހެންވީމާ އަހަރެން ބުނަން އޮތީ އެ ކުރި ކޮމެންޓަކީ ވަރަށް ކުއްލިއަކަށް ކުރި ވަރަށް ކަންނެތް ކޮމެންޓެކޭ،" ވެންޑައިކް ބުންޏެވެ.

އޭނާ އަދި ބުނީ ފުޓްބޯޅަ ދިރާސާކޮށް، ކޮމެންޓް ކުރާ ޕަންޑިޓުން އެ މީހުންގެ ވަޒީފާ އަދާ ކުރުމަށް މިފަދަ ވާހަކަ ދައްކާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.

ލިވަޕޫލް ޖެހިޖެހިގެން ހެ މެޗުން ބަލިވުމުން ރޫނީ އެންމެ ފުރަތަމަ ވެސް ފާޑުކިއުން އަމާޒުކުރީ ވެންޑައިކާއި ފޯވަޑް މުހައްމަދު ސަލާހަށެވެ. އޭނާ ބުނެފައިވަނީ މި ދެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދަނީ ވަރަށް ކަންނެތް ކުޅުމެއް ކަމަށާއި އެކަން އެ މީހުންގެ ހަޑިގަނޑުގެ ހަރަކާތްތަކުން ބުނެދޭ ކަމަށެވެ.

ވެންޑައިކް ބުނީ ލިވަޕޫލްގެ ހުރިހާ ކުޅުންތެރިން މަސައްކަތް ކުރަނީ އެކަކު އަނެކަކަށް އެހީތެރިވެދީގެން ނަތީޖާ ރަނގަޅު ކުރަން ކަމަށެވެ. އަދި ޓީމުގެ ތެރޭގައި ކަންކަން ކުރަމުން އަންނަ ގޮތް އެކަކަށް ވެސް ނުވިސްނޭނެ ކަމަށެވެ. ރޫނީ ފަދަ ޕަންޑިޓުން ޓީމު މޮޅުވާނަމަ ފާޑުނުކިޔާނެ ކަމަށެވެ.